2023 ވަނަ އަހަރު ނިމުނުއިރު ގްރީން ފަންޑަށް 1.1 ބިލިޔަން ރުފިޔާ ޖަމާވެފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހާމަކޮށްފިއެވެ. މާލީ ވުޒާރާއިން އާންމުކޮށްފައިވާ ޑިސެމްބަރު މަހުގެ ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން، އަހަރު ނިމުނުއިރު ފަންޑުގައި ޖުމްލަ 1.6 ބިލިޔަން ރުފިޔާ ހުރިކަމަށް ވެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، 2023 ވަނަ އަހަރު ތެރޭގައި އެކި މަޝްރޫޢުތަކަށް ގްރީން ފަންޑުން 645 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި ފައިސާ ޚަރަދުކޮށްފައިވަނީ ތިމާވެށި ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތަކަށެވެ.
ގްރީން ޓެކުހަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ. މި ޓެކްސް ދައްކަން ޖެހެނީ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންނެވެ. ރިސޯޓުތަކާއި ސަފާރީތަކުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައްކަން ޖެހެއެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ފެސިލިޓީތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ފަތުރުވެރިންގެ އަތުން ދުވާލަކަށް 6 އެމެރިކާ ޑޮލަރު ނެގެއެވެ. އަދި 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ފަތުރުވެރިންގެ އަތުން ދުވާލަކަށް 3 އެމެރިކާ ޑޮލަރު ނެގެއެވެ.
ގްރީން ފަންޑަށް ޖަމާވާ ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ކުނި މެނޭޖްކުރުމާއި، އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކާއި، ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަޝްރޫޢުތައް ހިންގުމަށެވެ.