ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، އެންސިސް ފިޝަރީޒްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ. މި ރަސްމިއްޔާތު ބޭއްވުނީ ޗައިނާގެ ވެރިރަށް ބެއިޖިންގައެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވީ އެންސިސް ފިޝަރީޒްގެ ފަރާތުން ޖެނެރަލް މެނޭޖަރ ހުސައިން އަފީފާއި، ޒިންޖުއާން ސޯވް ބެއިޖިން ކޮމާޝަލް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން ޗެއަރމަން ލިން ޔުޗެންޖްއެވެ. މި ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބާއި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގެ ދަށުން، އެންސިސް ފިޝަރީޒްއޒްއިން އުފައްދާ ދަޅުމަހާއި ގަނޑުކުރި ރޯމަސް ފަދަ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރެވޭނެއެވެ. ފުރަތަމަ ޝިޕްމަންޓް އަންނަ މަހުގެ މެދުތެރޭގައި ބެއިޖިންއަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބެއިޖިންއާ ކައިރި ޕްރޮވިންސްތަކުގައިވެސް މި އުފެއްދުންތައް ވިއްކުމަށް ރޭވިފައިވެއެވެ.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެފައިވަނީ މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅުތަކުގެ ނަތީޖާއެއް ކަމަށެވެ. އަދި ދިވެހި އުފެއްދުންތަކަށް ބައިނަލްއަޤްވާމީ ބާޒާރުގައި ޖާގަ ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައިވެއެވެ.
މި އެއްބަސްވުމަކީ 2024 ޖަނަވަރީ 1 އިން ފެށިގެން އަމަލުކުރަން ފެށި ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން ޤާއިމްކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމާއެކު ރރާއްޖޭގެ އެކްސްޕޯޓާއި ރީ-އެކްސްޕޯޓްގެ ދާއިރާ ފުޅާވެގެންދާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.
ޗައިނާގެ 1.41 ބިލިއަނަށްވުރެ ބޮޑު އާބާދީއަށް ވަނުމުގެ ފުރުޞަތު ދިވެހި ވިޔަފާރިވެރިންނަށް ލިބުމަކީ ރާއްޖޭގެ އިޤްތިޞާދަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަމަށް އިޤްތިޞާދީ މާހިރުން ދެކެއެވެ. މީގެ ސަބަބުން އައު ވިޔަފާރިތަކާއި ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެކަމަށްވެސް ބެލެވެއެވެ.