ރާއްޖޭގެ ފުރަތަމަ ސޯލާ ފެރީ އޭޕްރީލްގައި ގެންނަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ރާއްޖޭގެ ފުރަތަމަ ސޯލާ ފެރީ އޭޕްރީލްގައި ގެންނަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭނުންކުރުމަށް ތައްޔާރުކުރެވޭ ތިމާވެއްޓާ ރައްޓެހި ސޯލާ ފެރީ އަންނަ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް އިންޑިއާގެ ނޭވަލްޓް ކުންފުނިން ހާމަކޮށްފިއެވެ. މި ފެރީގެ އަގަކީ 9.3 މިލިއަން ރުފިޔާއެވެ.

އެޕޯލޯ" ނަމުން މަޝްހޫރުވެފައިވާ މި ފެރީގައި 75 ސޯލާ ޕެނަލް ހަރުކޮށްފައިވެއެވެ. ކަނޑު ގަދަ ދުވަސްވަރުގައިވެސް ދުއްވޭ ގޮތަށް ފަރުމާކުރެވިފައިވާ75  މީހުންގެ ޖާގަ ހިމެނޭ ފެރީއެކެވެ. މި ފެރީ ގަޑިއަކު 8 ނޯޓިކަލް މޭލުގެ ސްޕީޑުގައި ދުއްވޭނެއެވެ.

މި ފެރީގައި 50 ކިލޯވޮޓުގެ ދެ ބެޓަރީ ޕެކާއި 40 ކިލޯވޮޓްގެ ދެ އިންބޯޑް އިލެކްޓްރިކް މޯޓަރު ހިމެނެއެވެ. އަދި 25 ކިލޯވޮޓުގެ ސޯލާ ޕެނަލް ސިސްޓަމުން ބެޓެރިތައް ޗާޖުކުރެވޭނެއެވެ. މިއީ އިންޑިއަން ރަޖިސްޓާ އޮފް ޝިޕިންގެ ދަށުން ބަނދެފައިވާ، ސަލާމަތީ ގޮތުން ވަރުގަދަ އުޅަނދެކެވެ.

މި ފެރީ ބޭނުންކުރެވޭނީ މާލެ ސަރަހައްދުގެ ފެރީގެ ޚިދުމަތުގައެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސޯލާ ބޭނުންކޮށްގެން ފެރީ އޮޕަރޭޓްކުރެވޭތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ.

ނޭވަލްޓަކީ އިންޑިއާގެ އެންމެ ފުރަތަމަ ސޯލާ ފެރީ ބަނދެފައިވާ ކުންފުންޏެވެ. މީގެ ކުރިން މި ކުންފުނިން ވަނީ ކެނެޑާއަށް ސެމީ-ލަގްޒަރީ އޭސީ ފެރީއެއް ސަޕްލައިކޮށްފައެވެ.

ނޭވަލްޓް ކުންފުނީގެ ސީއީއޯ ސަންދިތު ތަންދަޝެރީ ވިދާޅުވެފައިވަނީ ފެރީގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި، އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގައި މި ފެރީ ރާއްޖެއަށް ގެނެވޭނެ ކަމަށެވެ.

މި ފެރީއަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ގެނެވޭ މުހިންމު ކުރިއެރުމެއް ކަމަށާއި، ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

މިއަދު އޮންލައިން