މިހާރަކަށް އައިސް ޢަބުރުވެރި، ޢިއްފަތްތެރި އަންހެނުންނަށް ކައިވެނި ނުކުރެވި ތަންކޮޅެއް ލަސްވެއެވެ. ހެޔޮލަފާ ބައިވެރިއަކަށް އިންތިޒާރުކުރަންޖެހެއެވެ. އެހެން އެވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.
ސޯޝަލް މީޑިއާއިން ފެންނަ އެކަނބަލުންގެ ސިފައާއި ޒަމާނީ ސްޓައިލްތައް ކަމުގޮސްގެން ކައިވެނިކުރާ މީހުން ގިނަވާތީއެވެ. އެކަނބަލުން ޕޯސްޓްކުރާ ފޮޓޯތަކާއި ވީޑިއޯތަކުގެ އަވާގައި ޖެހި ކައިވެނިކުރާތީ އެކަންކަން ނުކުރާ އަންހެނުންނަށް ކައިވެނި ނުކުރެވި މަޑުކޮށްލަން ޖެހެނީއެވެ.
މިހާރަކަށް އައިސް ޢަބުރުވެރި، ޢިއްފަތްތެރި އަންހެނުންނަށް ބުނެލަން އޮތީ ކަންބޮޑުވެ ޢަބުރުވެރިކަން ނަގައިނުލާށެވެ! ކެތްތެރިވެލާށެވެ! ތިބާހުރީ ކައިވެނިކުރަން ބޭނުންވެގެންކަމާއި ތިބާ ހުރީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެގެންކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ.
ތިބާއަށް ﷲ ތަޢާލާ ކުރިމަތި އެކުރައްވަވަނީ އިމްތިޙާނެކެވެ. އިމްތިޙާނުން ފޭލްނުވާށެވެ! އިސާހިތަކު ތިބާ ގޮވައިގެން އުފަލުގައި އުޅޭނެ ބައިވެރިއަކު ތިބާގެ ގާތަށް ފޮނުއްވަވާނެތެވެ! އޭނާ ތިބާ ނިކަމެތިކޮށެއް ނުލާނެއެވެ! ހިތުގައި ޖައްސުވައި ރޮއްވުން ފަދަ ކަންކަމެއްވެސް ނުކުރާނެއެވެ. އިން ޝާ ﷲ. އެއިރުން ލިބޭ އުފާވެރިކަން މާބޮޑުވާނެއެވެ.
ހަމަ އެއާއިއެކު ސޯޝަލް މީޑިއާއިން ފެންނަ އެކަނބަލުންގެ ސިފައާއި ޒަމާނީ ސްޓައިލްތައް ކަމުގޮސްގެން ކައިވެނިކުރާ މީހުންނަށް ބުނެލަން އޮތީ އެފަދަ ކަނބަލަކާއި ކައިވެނިކުރުމަށްފަހު އޭނާގެ ހުރިހާ ކަމެއް އިޞްލާޙްކުރަން އަމުރުކުރުމަކުން ކުރާނެ ފައިދާއެއް ނެތެވެ. މީހުންގެ ކިބައިގައި ހިފާފައި ހުންނަ އެފަދަ ސިފަތައް ގިނަފަހަރު އޮންނާނީ ބަދަލުނުކުރެވިފައެވެ. ބަދަލުކުރެވުނަސް ކުރެވޭނީ ވަރަށް މަސައްކަތުންނެވެ. އަދި އެއީ އަމުރެއް ކުރާއިރަށް ކުއްލިއަކަށް ކުރެވޭނެ ކަމެއްވެސް ނޫނެވެ. އެފަދަ ކަނބަލުންނާއި ކައިވެނިކުރަންވާނީ އެކަން ޤަބޫލުކޮށްގެން ހުރެއެވެ.
ޢަބުރުވެރި، ޢިއްފަތްތެރި އަންހެނުން އިޚްތިޔާރުނުކޮށް ހިތްއެދޭ ސިފަތައް ހުންނަ އަންހެނުން އިޚްތިޔާރުކޮށް ކައިވެނިކުރުމަށްފަހު މައްސަލަތައް ކުރިމަތިވުމުން ކުށްވެރިކުރަންވީ އޭނާއެވެ. އެއީ އެމީހަކު އަމިއްލައަށް ލިބިގަންނަ ޙާލަތެކެވެ. އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އެމީހެކެވެ.
ޢަބުރުވެރި، ޢިއްފަތްތެރި ކަނބަލުންނަށް އަދިވެސް ބަހެއް ބުނެލާނަމެވެ! ކެތްތެރިކަމާއިއެކު މަޑުކޮށްލައިގެން ހުރިއްޔާ ރަނގަޅު ފިރިއަކު ނުލިބޭނެކަމަށް ކިތަންމެ ގިނަ ބައަކު ބުނިނަމަވެސް އެވާހަކަ ޤަބޫލުނުކުރާށެވެ! ﷲ ތަޢާލާއީ އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތަށް ޢަމަލުކުރާ އަޅުންނަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވައި ރަޙްމަތް ލެއްވެވުމުގައި ދީލަތިވަންތަ ރަސްކަލާނގެއެވެ.
ވީމާ އެފަދަ ވާހަތައްދައްކާ މީހުންގެ ބަސް ޤަބޫލުކޮށް ﷲ ތަޢާލާގެ ޙަޟްރަތުން ލިބެން އޮތް ބޮޑު ރަޙްމަތް ދޫކޮށްނުލާށެވެ! އެމީހުންނަކީ ޝައިޠޯނާގެ ބައިވެރިންކަން ޤަބޫލުކޮށް އެފަދަ މީހުންނާއި ދުރުވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން