ހަނދުމަކޮށްދިނުމެއް!: ބަންގިއަށް ޢިޖާބަ ދޭނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ހަނދުމަކޮށްދިނުމެއް!: ބަންގިއަށް ޢިޖާބަ ދޭނެ ގޮތް-

ބަންގިއަށް ޢިޖާބަ ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކަމުގެ އެންމެ މުހިންމު ބޭނުމަކީ ބަންގީގެ އަޑު އިވުމުން ފެށިގެން ފުރިހަމައަށް ނަމާދުގެ ތެރެއަށް ވަނުމެވެ. ނަމާދުގެ ތެރެއަށް ފުރިހަމައަށް ނުވަދެ ހުންނަ މީހަކަށް ހަމަކުއްލިއަކަށް  الله أكبر ކިޔައި ޙަރަމްބަނުމަކުން ނަމާދުގެ ތެރެއަކަށް ނުވަދެވޭނެއެވެ. ޚުޝޫޢަތްތެރިއެއްވެސް ނުވެވޭނެއެވެ.  

ވީމާ ބަންގީގެ އަޑު އިވުމުން ނަމާދަށް އަވަސްގަތުން މުހިންމުވާ ފަދައިން ބަންގީގެ އަޑަށް ޢިޖާބަދިނުމަކީވެސް ހަމައެހައިމެ މުހިންމު ކަމެކެވެ. އަދި ޙާލަތެއް ދިމާވެގެން ޖަމާއަތަށް ނުދެވޭ މީހުންނާއި ގޭގައިތިބޭ މީހުންވެސް ބަންގީގެ އަޑަށް ޢިޖާބަދީ ނަމާދުގެ މުހިންމުކަމާއި ވީހައި އަވަހަކަށް ނަމާދުކުރުމުގެ މުހިންމުކަން ހިތަށް ގެންނަންވާނެއެވެ.  

ބަންގިއަށް ޢިޖާބަ ދިނުމަކީ ކުރަން ވެސް ވަރަށް ފަސޭހަކަ ކަމެކެވެ. އިމާމް މީހާ ކިޔާ ކަލިމަތައް އިމާމް މީހާގެ ފަހަތުން ތަކުރާރުކުރަމުން ގެންދަންވީއެވެ. ހަމައެކަނި ބަދަލުކޮށްލަން ޖެހޭނީ "حَيَّ عَلَى الصَّلاَةِ وَحَيَّ عَلَى الْفَلَاحِ" މިދެކަލިމައިގައެވެ. އިމާމް މީހާ މިދެ ކަލިމަ ކިޔުމުން ފަހަތުން ކިޔާނީ "لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ"އެވެ. ފަތިސްނަމާދުގެ ބަންގީގައި الصلاة خير من النوم ކިޔުމުންވެސް ކިޔާނީ "لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ"އެވެ.  

މިހާރަކަށް އައިސް މުސްލިމް ޤައުމުތަކުގައި ވަރަށް ގިނަ ޓީވީޗެނެލްތަކުންނާއި ރޭޑިއޯޗެނެލްތަކުން ނަމާދުވަގުތުވުމުން ބަންގި ފޮނުވައެވެ. އަހުރެން ބުރަވަނީ ކޮންމެ ގޮތަކުން ނަމަވެސް ނަމާދަށް ގޮވައިލެވޭ އަޑު އިވިއްޖެ ނަމަ ސަމާލުކަންދީ ޢިޖާބަ ދިނުމަށެވެ. އެގޮތަށް ޢިޖާބަދިނުމަކީ ވެސް އެކަމުގެ ފައިދާކުރާނެ ކަމެއް ކަމަށެވެ. ހަމަ ޔަޤީނުންވެސް އެއިރުން އެމީހެއްގެ ހިތުގައި ނަމާދަށް ސަމާލުކަން އިތުރުވެގެންދާނެއެވެ. އެކަމުގެ ފައިދާ އެމީހަކަށް ހުރިހާ ގޮތަކުންވެސް ކުރާނެއެވެ. އިން ޝާ ﷲ 

ހިތާމައަކީ މިހާރަކަށް އައިސް ބަންގިގޮވާއިރު މިސްކިތުގައި ތިބޭ ބައެއް މީހުންވެސް ބަންގިއަށް ޢިޖާބަނުދޭކަމެވެ. މިއީ ވަރަށް ދެރަކަމެކެވެ. ބަންގިއަށް ޢިޖާބަދިނުމަކީ ކުރަން ނުހަނު ފަސޭހަވެސް ކަމެކެވެ. ބޭނުންވަނީ އެކަމަށް ސަމާލުކަންދީގެން ކޮށްލުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން