ހެޔޮލަފާ އަންހެނުން ނުވަތަ އަނބިންނަށް އެންމެ ބޮޑު ހިތާމައެއް ކުރިމަތިވަނީ ރަނގަޅަށް އުޅެމުން ދަނިކޮށް އެކަނިވެރިވާން ޖެހުމުންނެވެ. އެޙާލަތުގައިވެސް ބައިވެރިޔާ ދެކެ ވާލޯބި ބޮޑުކަމުން އެތައް އަހަރެއްވަންދެން ދެވަނަ ކައިވެނި ނުކޮށް ތިބެއެވެ. ހަމަ އެމީހާއާއިއެކުގައި ނޫނީ އުފަލުގައި އުޅެވިދާނެ ކަމަށް ޤަބޫލުނުކުރެވޭތީއެވެ.
ބުނަން ހެއްޔެވެ؟ ލޯބީގެ މާނައާ ލޯބިވުމުގެ މާނަ ވަރަށް ތަފާތެވެ. ލޯތްބަކީ ހިތުގައި އުފެދޭ ޖަޒުބާތެކެވެ. ލޯބިވުމަކީ އެކަން ޢަމަލުން ދެއްކުމެވެ. ލޯބިވުމުގެ ފައިދާ ކުރާނީ ދެމީހުންވެސް އެކަން ޢަމަލުން ދައްކާނަމައެވެ. އެއް އަތް ކިތަންމެ ގިނައިން ކިތަންމެ ބާރަށް ހޫރިޔަސް އަޑެއް ނުކިޔާނެއޭ އަޑުކިޔާނީ ދެއަތް ޖެހިގެންނޭ ބުނާ ބުނުމުގެ އަޞްލަކީވެސް މިބުނެވުނު ވާހަކައެވެ.
ލޮބުވެތި ކަނބަލުންނޭވެ! އެކަނިވެރިވާން ޖެހިއްޖެނަމަ އެއިގެ މާނައަކީ އަނެކާ ތިބާދެކެ ލޯބިނުވަނީއެވެ. ތިމާ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް އަނެކާ ތިބާދެކެ ލޯބިނުވާނަމަ އެކަމުން ކުރާނެ ފައިދާއެއް ނުއޮންނާނެއެވެ. އެކަން ޤަބޫލުނުކުރުމަކީ ކޮންމެ މީހަކު ނަމަވެސް އެމީހަކު އަމިއްލައަށް ލިބިގަންނަ އެންމެ ބޮޑު އަނިޔާއެވެ.
ވިސްނާށެވެ! ރަނގަޅަށް އަޑުއަހާށެވެ! ތިބާއަކީ ހެޔޮލަފާ އަންހެނަކު ނަމަ ހިތްވަރުކޮށްލާށެވެ! އަމިއްލަ ހިތަށް އަމިއްލައަށް އަމިއްލައަށް އަނިޔާނުކޮށް އެހިތް ދިރުވަން މަސައްކަތްކުރާށެވެ! ލިބޭނެ އުފާވެރިކަން މާބޮޑުވާނެއެވެ. އިން ޝާ ﷲ. އެކަން ޙާޞިލުނުވި ހަމައެކަކުވެސް ނުހުންނާނެއެވެ.
- ތަޖުރިބާކާރު ޢިލްމުވެރިއެއްގެ ވާހަކަފުޅުން