ބައިވެރިޔާއަށް ހެޔޮކޮށް ހިތައި ލޯބިދޭނަމަ އެކަމުގެ ފައިދާ ޤިޔާމަތް ދުވަހު ކުރާނެތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.
އިސްލާމް ދީނަށް ބަލައިފިނަމަ ޙަޤީޤީ ލޯބިވެރިންނަށް ވަރަށް އުފާވެރި ޚަބަރުތައް އެބަހުއްޓެވެ. އެއިގެ ތެރެއިން އެންމެ އުފާވެރި އެއް ޚަބަރަކީ އެމީހަކު އެންމެ ބޮޑަށް ލޯބިވި މީހަކާއިއެކު ނުވަތަ ބައަކާއިއެކު ޤިޔާމަތް ދުވަހު އެމީހަކު ވާނެކަމެވެ. ރަސޫލް ﷺ ދެކެ ލޯބިވީ މީހުން އެކަލޭގެފާނާއިއެކުގައި ވާނެއެވެ.
ތަޤްވާވެރިން، ނަމާދުކުރާމީހުން، ރޯދަހިފާމީހުން، މިހެންގޮސް އެމީހަކު ލޯބިކުރި ޢަމަލެއްކޮށްއުޅުނު މީހުންނާއިއެކުގައި އެމީހަކަށް ވެވޭނެއެވެ. ސުވަރުގެ ވައްދަވާނީވެސް ބައިބައަށް އެކުގައެވެ. ނަމަވެސް އެއީ އެކަންކަން ކުރަން ލޯބިވާކަމަށް، ލޯބިކުރާކަމަށް ދުލުން ބުނެލުމަކުން ނޫނެވެ. ޢަމަލުންވެސް އެކަން ދެއްކުމުންނެވެ.
މިޘާލަކަށް ބުނާނަމަ ދެމަފރިން އެކަކު އަނެކަކު ދެކެ ލޯބިވާކަމަށް ބުނަމުން އަނެކާގެ ޙައްޤުތައް އަދާނުކުރާނަމަ، ބޭވަފާތެރިވެ އަބަދު ޒުވާބުކޮށް ތަޅައިފޮޅާނަމަ އެއީ ލޯބިވާ ދެމަފިރިންކަމަށްވާނެ ހެއްޔެވެ؟ ނުވާނެއެވެ. ދަރިންދެކެ ލޯބިވާކަމަށް ބުނަމުން ދަރިންނަށް ދޭންޖެހޭ ލޯބިނުދީ، އެކުދިންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކޮށް އެކުދިންނަށް އަނިޔާކުރާނަމަ ދަރިންދެކެ ލޯބިވާކަމަށްވާނެ ހެއްޔެވެ؟ ނުވާނެއެވެ! އަދި ކީއްހެއްޔެވެ؟ އަނބިން، ފިރިން، ދަރިން އެކަކު އަނެކަކުދެކެ ޙަޤީޤީ ލޯބިވާކަން ޢަމަލުން ދައްކައިފިނަމަ އެމީހަކަށް އެކަމަށް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
މިކަންކަމުން އެނގެނީ ލޯބިވާކަމަށް ބުނުމަކުން ލޯބިނުވެވޭނެކަމެވެ. އެގޮތުން ﷲ ތަޢާލާ އާއި ރަސޫލް ﷺ ދެކެ ލޯބިވާކަމަށް ބުނަމުން އިސްލާމް ދީނުގައި އޮތް މަގުން ޢަމަލުނުކުރާނަމަ އެމީހަކީ ﷲ ތަޢާލާ އާއި ރަސޫލް ﷺ ދެކެ ލޯބިވާ މީހަކަށް ނުވެވޭނެއެވެ! އެމީހަކު ﷲ ތަޢާލާ އާއި ރަސޫލް ﷺ ދެކެ ލޯބިވާކަން ޢަމަލުން ދެއްކިއްޖެނަމަ އެމީހަކު ވާހުށީ ސުވަރުގޭގައެވެ. އިން ޝާ ﷲ
ދެމަފިރިންނަށް ބަލައިފިނަމަ އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށް ލޯބިން އެކުގަ އުޅެންވީ އެކަމަށްވެސް ޘަވާބު ދެއްވަވާނެތީއެވެ. ދެމަފިރިން އެކުގައި ސުވަރުގޭގައި ލެއްވެވުން އެދިގެންނެވެ.
މިހިރީ ޙަޤީޤީ ލޯބިވެރިންނަށް އިސްލާމް ދީނުގައި ހުރި އުފާވެރި ޚަބަރުތަކެވެ. މަސައްކަތްކުރަންވީ ތިމާ ލޯބިވާންޖެހޭ ފަރާތްތައް ދެކެ ޙަޤީޤީ ލޯބިވެ ޢަމަލުން އެކަން ދެއްކުމަށެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން