ޢަލީ އިޙްޞާން ފިރާޤް
ކިޔުންތެރިންނަށް ދަންނަވާލަން އޮތީ އެކަމަނާ ފަދައިން އަބަދު އަޅުކަމުގައި ނުއުޅުއްވުނު ނަމަވެސް ވަޤުތުވެލައްވާ ވަރަކުން އަޅުކަމާއިގެން އުޅުއްވަން މަސައްކަތްކުރައްވާށެވެ! އާޚިރަތް ލިބެން އޮތީ އެކަމަށް އެދިގެން މަސައްކަތް ކުރެވުނު ވަރަކުން ކަމަށްވާތީއެވެ.
ޙަފްޞާ ބިންތި ސީރީނަކީ ޠާބިޢީންގެ ތެރެއިން ވަރަށް މަޝްހޫރު ބޭކަނބަލެކެވެ. ޠާބިޢީންގެ ތެރެއިން ޢިލްމުވެރިކަމާއި ދީންވެރިކަމުގައި ނަންހިނގައިފައިވާ ބޭކަނބަލެކެވެ. ހުވަފެން ތައުބީރު ކުރުމަށް މަޝްހޫރު މުޙައްމަދު ބިން ސީރީނަކީ އެކަމަނާގެ އަޚެކެވެ. އެކަމަނާ ނިސްބަތްވެވަޑައިގަންނަވަނީ ބަޞަރާއަށެވެ. ކުންނިއްޔަތު ނަންފުޅަކީ އުއްމުހުޛައިލުއެވެ.
ޙަފްޞާ ބިންތި ސީރީނަކީ، ވަރަށް ޒުހުދުވެރި، ވަރަށް ތަޤުވާވެރި ބޭކަނބަލެކެވެ. އެކަމަނާގެ ހުރިހާ އުފާފުޅެއް ގުޅިފައިވަނީ މާތްﷲ އަށް އަޅުކަން ކުރެއްވުމާއެވެ. ރިވާވެގެންވާ ގޮތުގައި އެކަމަނާ 30 އަހަރުވަންދެން އަޅުކަން ކުރައްވާ މިހްރާބުގެއިން ނުކުމެވަޑައިނުގެން އެތަނުގައި އަޅުކަން ކުރައްވަން އިންނެވިއެވެ. މިދެންނެވުނު 30 އަހަރުގެ ތެރޭގައި ޒަރޫރީ ބޭނުންފުޅެއްގައި މެނުވީ އެތަނުން ނުކުމެވަޑައިގެން ނޫޅުއްވައެވެ. އެކަމަނާ ކޮންމެ ރެއަކު ކީރިތި ޤުރްއާނުގެ ދެބައިކުޅަ އެއްބައި ކިޔަވާ ވިދާޅުވެއެވެ. ދެ ޢީދު ދެދުވަހާއި އައްޔާމުއްތަޝްރީޤުގެ ތިން ދުވަސް ފިޔަވައި ގިނަ ދުވަސްދުވަހު ރޯދަފުޅު ހިއްޕެވުމަކީ އެކަމަނާގެ އާދަފުޅެކެވެ.
ޙަފްޞާ ބިންތި ސީރީން ގެންގުޅުއްވި އަޅެއް، އެކަމަނާ ސިފަ ކުރައްވަމުން ބުނެފައިވެއެވެ. [ޙަފްޞާއަކީ ވަރަށް ޞާލިޙު ބޭކަނބަލެކެވެ. އެކަމަނާއަށް ކުށެއް ކުރެވިއްޖެނަމަ، ރޭގަނޑުގެ ހަތަރުދަން ހޭދަކުރައްވަނީ ނަމާދުފުޅު ކުރެއްވުމާއި، ކީރިތި ކުރެއްވުމުގައެވެ.]
ހެޔޮކަންތައްތަކަށް އަމުރު ކުރެއްވުމާއި ނުބައިކަންތައްތައް ނަހީކުރެއްވުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެކެވެ. އެއީ މި އުއްމަތުގެ ޚާއްޞަ ސިފައެއްވެސްމެއެވެ. ޙަފްޞާ ވަރަށް ގިނައިން ޒުވާން ކުދިންނަށް އެކުދިންގެ ޒުވާން އުމުރުގައި އަޅުކަން ކުރުމަށް ބާރު އަޅުއްވާ ވާހަކަފުޅު ދައްކަވާ ހައްދަވައެވެ. އެކަމަނާ ޒުވާނުންނާ މުޚާޠަބު ކުރައްވާ ވިދާޅުވެފައިވެއެވެ. [އޭ ޒުވާނުންނޭވެ. ޒުވާން ދުވަސްވަރު އަޅުކަންކޮށް ހެޔޮ އަމަލުތައް ކުރުމުގައި ހީވާގިވެ އުޅޭށެވެ. ހެޔޮ އަމަލުތައް ކުރުމަށް އެންމެ ރަނގަޅު ދުވަސްވަރަކީ އެއީއެވެ.]
ޤިރާއަތުގެ ޢިލްމުގައި ޙަފްޞާއަކީ އަރާ އިންނެވި ބޭކަނބަލެކެވެ. އިމާމު މުޙައްމަދު ބިން ސީރީނަށް ޤުރްއާނުގެ އާޔަތެއްގެ ޤިރާއަތާމެދު އޮޅުމެއް އަރައިފިނަމަ އެ މައްސަލަ ހައްލު ކުރައްވަނީ ދައިތާފުޅު ޙަފްޞާ ކުރެ އައްސަވައިގެންނެވެ.
ޙަފްޞާއަކީ ޙަދީޘް ޢިލްމުގައިވެސް ފާހަގަ ކުރެވޭ ބޭކަނބަލެކެވެ. އެކަމަނާވަނީ ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ ޞަޙާބީންގެ އަރިހުން ޙަދީޘްފުޅުތައް ދަސްކުރައްވައިފައެވެ. ޞަޙާބީންގެ ތެރެއިން އުއްމުއަޠިއްޔާ ރަޟިޔަﷲ ޢަންހާ އާއި އަނަސް ބިން މާލިކު ރަޟިޔަﷲ ޢަންހުގެ އަރިހުން އެކަމަނާވަނީ ޙަދީޘް ބަސްފުޅުތައް އުނގެނިވަޑައިގެންފައެވެ. އެކަމަނާގެ ރިވާޔަތައް ޞަޙީޙުސިއްތާ (ޙަދީޘް ޢިލްމުގައި އެންމެ ފާހަގަކޮށްލެވޭ ހަ ފޮތް) ގައި ބަޔާންވެގެންވެއެވެ.
އެއްފަހަރަކު އަނަސުގެފާނު، ޙަފްޞާ ބިންތި ސީރީންއާ ސުވާލު ކުރެއްވިއެވެ. [ކަމަނާ މަރާ ބައްދަލުކުރަން އެންމެ ބޭނުވަނީ ކޮން ހާލަތެއްގައި ހެއްޔެވެ؟] އެކަމަނާ ވިދާޅުވިއެވެ. [ތާއޫން ބަލީގައެވެ. އެހެނީ އެބަލީގައި މަރުވާ މީހުންނަކީ ޝަހީދުންނެވެ.]
ދީންވެރި، ތަޤުވާވެރި، ވަރަޢަވެރި ދިރިއުޅުއްވުމެއް އުޅުއްވުމަށްފަހު ޙަފްޞާ ބިންތި ސީރީން އަވަހާރަވީ ހިޖްރައިން 101 ވަނަ އަހަރުގެ ތެރޭގައެވެ.