ޢާއިލާގެ އެންމެންނާ ހުރިހާ އެކުވެރިން އަދި ދުނިޔޭގެ އެންމެން އެކުވެގެން ގެއްލުމެއް ދޭން އުޅުނަސް އިން ޝާ ﷲ އެކަމުން ސަލާމަތްކުރައްވަވާނެ ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ޢާއިލާގެ އެންމެންނާ ހުރިހާ އެކުވެރިން އަދި ދުނިޔޭގެ އެންމެން އެކުވެގެން ގެއްލުމެއް ދޭން އުޅުނަސް އިން ޝާ ﷲ އެކަމުން ސަލާމަތްކުރައްވަވާނެ ދުޢާ-

އަހުރެން ބުނާނީ މިދުޢާއަކީ ކޮންމެ ދުވަހަކުވެސް ކުރަން އޮތް ދުޢާއެއް ކަމަށެވެ. ކޮންމެ ދުވަހަކު ކުރަމުން ގެންދަން އޮތް ދުޢާއެއް ކަމަށެވެ. ސަބަބަކީ އެހެން މީހުން ތިމާއަށް ދެރައެއް ނުވަތަ ގެއްލުމެއް ދޭންއުޅޭކަން އެނގޭނީ ވަރަށް މަދުފަހަރަކުއެވެ. އެފަދަ ކަމެއް ކުރިމަތިވާނީ ކޮން ވަޤުތަކުކަން ނުއެނގޭތީއެވެ.  

ތިމާގެ އަމިއްލަ ޢާއިލާގެ ތެރެއިން ތިމާއަށް ގެއްލުމެއް ދީފާނެ ކަމަށް ޤަބޫލުކުރުމަކީ ކުރަން ފަސޭހަކަމެއް ނޫނެވެ. އެހެނަސް މިހާރަކަށް އައިސް ހަމަ ގިނަ ފަހަރަށް އެކަނިވެރިކަމާއި ހިތްދަތިކަމާއި އަނިޔާވެރިކަން ކުރިމަތިވަނީ ދުރުބައެއްގެ ސަބަބަކުންނޫނެވެ.  

ކުރިން ޤަބޫލުނުކުރެވުނު ނަމަވެސް އަމިއްލަ ޢާއިލާގެ ތެރެއިން މިފަދަ ކަންކަން ކުރިމަތިކުރުވާކަން މިއަދު ގިނަ ބައަކަށްވަނީ ތަޖުރިބާކުރަންޖެހިފައެވެ. އެ ފަދަ ޙާލަތުގައި ލިބޭ މާޔޫސްކަން އިތުރުވެގެންވެސް ދެއެވެ.  

ޔަޤީންކުރަންވީ ދުނިޔޭގެ އެންމެންނާއި ޢާއިލާގެ އެންމެން ތިމާ އާއި ދެކޮޅަށް ތިބި ނަމަވެސް ﷲ ތަޢާލާ ތިބާ އާއިއެކު ވޮޑިގެންވާ ކަމެވެ. ތިބާގެ ދުޢާ ޢިޖާބަކުރައްވަވާނެ ކަމެވެ. އަނިޔާވެރިންގެ ޝިކާރައަކަށްވާން ތިބާ ދޫނުކުރައްވަވާނެ ކަމެވެ. އިން ޝާ ﷲ 

އިބްރާހީމްގެފާނަށް ކުރިމަތިވެވަޑައިގަތީ އެ ޙާލުކޮޅެވެ. މުޝްރިކުން އެކަލޭގެފާނު އެބިޔަ އަލިފާންގަނޑަށް އެއްލައިލަން އުޅުނުއިރު ޚުދު އެކަލޭގެފާނުގެ ޢާއިލާގެ އެންމެން ވެސް ތިބީ އެކަލޭގެފާނާއި ދެކޮޅަށެވެ. އެޙާލަތުގައި ލިބިވަޑައިގަންނަވާނެ ހިތްދަތިކަން ނިކަން ހިތްމައްޗަށް ގެނެސްބަލާށެވެ!  

މިހާދިސާއަކީ ހުރިހާ މުސްލިމުންވެސް ވަރަށް ރަނގަޅަށް ދަންނަ ހާދިސާއެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ޖިބްރީލްގެފާނު ވަޑައިގެން އެއްވެސް އެހީތެރިކަމަކަށް ބޭފުޅުތޯ ސުވާލުކުރެއްވެވުމުން ވިދާޅުވީ ޖިބްރީލްގެފާނުގެ އަރިއަހުން އެއްވެސް ކަމަކަށް ބޭނުންފޅުނުވާ ކަމަށާއި ﷲ ތަޢާލާގެ ޙަޟްރަތުން ބޭނުންފުޅުވާ ކަމަށެވެ.  

އެޙާލަތުގައި އިބްރާހީމްގެފާނުވެސް އަދި ޚަންދަޤް ހަނގުރާމައިގައި މުސްލިމުންނަށް ގޮތް ހުސްވުމުން ރަސޫލް ކުރެއްވެވީ ވެސް ހަމަ މިދުޢާއެވެ.  

حَسۡبُنَا اللّٰهُ وَنِعۡمَ الۡوَكِيۡلُ 

"—ތިމަންމެންނަށް ﷲ ފުދެއެވެ. އަދި ވަކީލްކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!" (އާލްޢިމްރާން: 173) 

މިދުޢާ އާއިމެދު ޢލްމުވެރިން ބަޔާންކުރައްވަވާފައިވަނީ ކޮންމެ ފަދަ ބޮޑު މުޞީބާތެއް ޖެހި ސަލާމަތްވެވޭނެ އެއްވެސް މަގެއް ފެންނަން ނެތް ޙާލަތުގައިވެސް މިދުޢާކުރުމުން ﷲ ތަޢާލާ އެމީހަކު އެކަމަކުން ސަލާމަތްކުރައްވަވާނެ ކަމަށެވެ. ޢާއިލާގެ އެންމެންގެ ނަފްރަތު ލިބި ސަލާމަތްނުވެވިދާނެ ކަމަށް ޤަބޫލުކުރެވޭ ޙާލަތުގައިވެސް މިދުޢާކުރުމުން ސަލާމަތްކުރައްވަވައި ދެއްވަވާނެ ކަމަށެވެ.  

ޢާއިލާގެ މީހުންގެ ކިބައިން ނަމަވެސް ފިރިމީހާގެ ކިބައިން ނަމަވެސް އަނިޔާ ލިބެމުން އަންނަނަމަ މިދުޢާކުރާށެވެ! ﷲ ތަޢާލާ ނޫން ފަރާތްތަކުން އެއްވެސް މަދަދެއް ބޭނުންނުވާކަމުގައި ﷲ ތަޢާލާއަށް ދަންނަވަމުން ގެންދާށެވެ. އެމީހަކު އެކަމަކުން ސަލާމަތްކުރައްވަވައި ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

މިފަދައިންވެސް ދުޢާކުރާށެވެ!  

حَسْبِيَ اللَّهُ لَا إِلَٰهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيم 

"ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ. އެކަލާނގެ މެނުވީ (ޙައްޤުވެގެން އަޅުކަމެއް ވެވޭ) އިލާހަކު ނުވެއެވެ. ހަމައެކަނި އެކަލާނގެއަށް ތިމަންކަލޭގެފާނު ވަކީލުކުރައްވަވައިފީމެވެ. އެކަލާނގެއީ ބޮޑުވެގެންވާ ޢަރުޝީގެ ވެރި ރަސްކަލާނގެއެވެ. (ތައުބާ: 129)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން