ފުރަތަމަ ކަމަކަށް އެހެންމީހުން ކުރާ އަޅުކަމަށް ވިސްނަންވެސް ވާނީ ތިމާވެސް އޭނާފަދައިން އަޅުކަމުގައި ކުރިއަރައި ދިއުމަށެވެ. އެހެން މީހުންގެ ގާތުގައި އެފަދަ ކަމެއްގެ ވާހަކަ ދައްކަންވާނީ އެމީހުން ހޭލުންތެރި ކުރުވުމަށެވެ. އެނޫން މަޤްޞަދެއްގައި ދައްކައިގެން ނުވާނެއެވެ.
ދުނިޔެއާއި އާޚިރަތް އެދޭނަމަ އޮތީ ކުރިއަރައި ދިއުމަށް އެމީހަކަށް ކުރެވޭނެ އެންމެ ގިނައިން، އެންމެ ބޮޑަށް މަސައްކަތްކުރުމެވެ. އެގޮތަށް މަސައްކަތް ކުރުމަށްފަހު ﷲ ތާޢާލާ ދެއްވެވި މިންވަރަށް ޝުކުރުވެރިވާށެވެ! ޝުކުރުވެރިވާ އަޅުންނަށް ﷲ ތަޢާލާ އަބަދުވެސް ނިޢްމަތްތައް އިތުރުކުރައްވަވާނެތެވެ. އެކަމުގެ ޔަޤީންކަމުގައި ހުރެގެން މަސައްކަތްކުރާށެވެ.
އެހެން މީހުންކުރާ އަޅުކަމަށާއި ކަންކަމަށް ބަލައިގެން ކަންކަން ކުރަން އުޅޭ މީހަކަށް ގިނަ ފަހަރު އޮންނާނީ އެއްވެސް ކަމެއް ނުކުރެވިފައެވެ. އަދި ޙާޞިލުކުރަން ބޭނުންވާ ނަތީޖާވެސް އޮންނާނީ ޙާޞިލުކުރެވިފައެވެ. އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ކޮންމެ މީހަކަށް ވެސް އޮންނާނީ ތަފާތު އެކައުންތެކެވެ.
އަދި އެއްވާހަކަ ބުނެލަން ބޭނުމެވެ. އެއީ ބައެއް މީހުން އެހެން މީހުން ކުރާ އަޅުކަންކަމާއި ބެހި އުޅެއެވެ. މީހަކު ނުބައިކޮށް ކަމެއް ކުރާނަމަ އެކަމެއްގެ ރަނގަޅު ގޮތް ބުނެދޭންވާނެ އެވެ. ނަމަވެސް އެހެން މީހުން އަޅުކަން ކުރާތީ އެކަމާއި ބެހުމެއް ނެތެވެ. މިސާލަކަށް މީހަކު ކީރިތި ޤްރްއާން ކިޔަވަނީއެވެ. ނުބައިކޮށް ކިޔަވާނަމަ ރަނގަޅުކޮށްދޭންވާނެއެވެ. ނަމަވެސް އެމީހާ ހަމަ ކިޔަވާތީ އެކަމާއި ބެހުމެއް ނެތެވެ.
މިކަމުގައި ބަލަން ޖެހޭނީ ކުރިން ބުނެދިން މިސާލަށެވެ. އެމީހާގެ ކިޔެވުމާއި ނުބެހޭށެވެ. އެމީހާ ކިޔަވަން ވަގުތު ހޭދަކުރަނީ ކިހައި އިރެއް ވަންދެންކަން ބެލުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ތިބާ ވެސް ކިޔަވާށެވެ! ތިބާއަށް ފައިދާ ކުރާނީ ތިބާ ކިޔެވި ވަރަކުންނެވެ. އޭނާއަށްވުރެ ކުރިއަރައިދާން ބޭނުންނަމަ އޭނާއަށްވުރެ ގިނައިން ކިޔަވާށެވެ. މީހަކު ނަމާދުގެ ފަހުގައި ކުރަނީ ރަވާތިބު ސުންނަތުގެ ކިތައް ރަކްޢަތްތޯ އާއި ދަމުނަމާދުގައި ކުރަނީ ކިތައް ރަކްޢަތްތޯ އާއި ރަކްޢަތުގައި ކިޔަވަނީ ކިތައް އާޔަތްތޯ ބެލުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ތިބާއަށް ކުރެވުނު އެންމެ ގިނަ އަދަދަކަށް ތިބާ ކުރާށެވެ. އަޅުކަން ކުރުމުގައި ވާދަކުރުމަކީ އޮތް ކަމެކެވެ. ބޭންކުން ފައިސާ ނެގޭނީ ތިބާގެ އެކއުންޓުގައި ފައިސާހުރި އަދަދަކުން ފަދައިން ތިބާގެ އެކައުންޓަށް ސަވާބު ޖަމާވާނީ ތިބާ ކުރި ވަރަކަށެވެ. ތިބާ ކުރި މަސައްކަތާއި އެއްވަރަށެވެ.
އާޚިރަތް ދުވަހު ބައިވަރު ސަވާބު ފުނިތައް ހިފައިގެން ގޮސް ތިބެ ވައިރޯޅިއެއް ފަދައިން ސުވަރުގެ ވަންނާނެ އެތައް ބައަކު ތިބޭނެއެވެ. ނަމަވެސް އެކަމުން ތިބާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ކިތަންމެ ގިނަ ހެޔޮ ކަމެއް ހިފައިގެން ދެވުނު ނަމަވެސް އެހެން މީހަކަށް އެންމެ ހެޔޮކަމެއް ވެސް ނުދޭނެއެވެ. ރޮއި އާދޭސް ކުރި ނަމަވެސް ނުދޭނެއެވެ. އެމީހަކަށް ލިބޭނީ ހަމަ އެމީހަކު ކުރި ހެޔޮކަމެއްގެ ސަވާބެވެ. ވީމާ އެހެން މީހުން އަޅުކަންކުރާވަރު ބަލައި އެކަމާއި އަޅައިގަނެގެން އުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އަމިއްލަ ރޭސް ބާރަށް ޖަހާށެވެ.
- މުފްތީ މެންކުގެ ދަރުސަކުން