ދުނިޔޭގައި މިއުޅޭއިރު ދުރު ދަތުރުކޮށްފައި އަންނަ މީހުންނަށް އަހަރެމެން މެހްމާންދާރީ އަދާކުރާ ފަދަ ގޮތަކަށް މަރުވެގެން ވަޅުލެވޭ ހެޔޮލަފާ މީހުން ވަޅުލެވުމުން ކުރިން ވަޅުލެވިފައި ތިބި ހެޔޮލަފާ މީހުން އެމީހުންނާއި ބައްދަލުކޮށް މެހްމާންދާރީ އަދާކޮށް ކަންކަން ކުރާނެތެވެ.
މިޘާލަކަށް ދުރު ދަތުރެއްކޮށްފައި އަންނަ މީހުންނަށް މެހްމާންދާރީ އަދާކުރާއިއރު ފުރަތަމަވެސް ދެނީ އެމީހަކު ވަރުބަލިފިލުވައިލާނެ ވަގުތުކޮޅެކެވެ. ބައްދަލުކޮށް ކަންކަން ކުރިއަށް ގެންދަނީ އޭނާގެ ވަރުބަލިކަން ފިލުމުންނެވެ. ހަމައެފަދައިން އަލަށް ކައްވަޅަށް އައި މެހްމާނުންނަށް ކަންކަން ކުރާނެތެވެ.
އެއްބައަކު ދުނިޔޭގެ ޚަބަރުތަކުން އެމީހާއާއި ސުވާލުކުރަންފެށުމުން އަނެއްބައަކު ބުނާނެއެވެ. "ދުނިޔޭގެ ހަލަބޮލިކަމުން ނުކުމުގެން އަދިކިރިޔާ އޭނާއަށް އެއައުދެވުނީއެވެ. އޭނާ ވަރުބަލި ފިލުވައިލަން ވަޤުތުކޮޅެއް ދޭށެވެ. ވަޤުތުކޮޅެއްދިނުމަށްފަހު ދުނިޔޭގެ ކަންކަމުން އެމީހުން ސުވާލުކުރާނެތެވެ. އެމީހުންގެ ހަނދާނުގައި ހުންނަ އެމީހުންގެ ގާތް މީހުން ކޮބައިތޯ ސުވާލުކުރާނެތެވެ.
އެގޮތުން ސުވާލުކުރެވޭ މީހަކު ކުރިން މަރުވެފައިވާކަމަށް ބުނެފިނަމަ އެމީހުން ބުނާނެތެވެ. "އޭނާ އަހުރެމެންނާއި ބައްދަލު ނުވީ އަނެއް ފަރާތަށް (ކާފިރުންގެ ފަޅިއަށް) ދާންޖެހުނީމައިތާއެވެ." އެހެނީ ވަޅުލެވޭ ކާފިރުންނަށް މުސްލިމުންނަށް ދެއްވަވާ މި ޢިނާޔަތްތަކެއް ނުދެއްވަވަތެވެ.
އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. މިކަންކަމުން އެނގިގެންދަނީ ހެޔޮލަފާ މީހުންވެސް މަރުވުމުން ދުނިޔެއާއި ގުޅުން ކެނޑިގެންދާކަމެވެ. ދުނިޔޭގައި ހިނގާ ކަންކަން އެމީހުންނަށް ނުއެނގޭނެ ކަމެވެ. ﷲ ތަޢާލާ އެމީހަކަށް އަންގަވައިދެއްވެވި ކަމެއް މެނުވީއެވެ. ވީމާ ކިތަންމެ ހެޔޮލަފާ މީހަކު ނަމަވެސް މަރުވުމަށްފަހު ދުނިޔެއަށްއައިސް ކަންކަން ކުރެވޭނެ ކަމަށް ޤަބޫލުކުރުމެއް ނެތެވެ.
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން