ޞިރާޠުމަގު ހުރަސް ނުކުރެވިއްޖެނަމަ ވެއްޓޭނީ ނަރަކައަށް! ހުރަސްކުރެވޭނެ މީހަކަށްވުމަށް ތިބާކުރަނީ ކޮންކަމެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ޞިރާޠުމަގު ހުރަސް ނުކުރެވިއްޖެނަމަ ވެއްޓޭނީ ނަރަކައަށް! ހުރަސްކުރެވޭނެ މީހަކަށްވުމަށް ތިބާކުރަނީ ކޮންކަމެއް؟

ޞިރާތުމަގު ހުރަސްކުރެވިގެން ނޫނީ ސުވަރުގެ ނުވަދެވޭނެކަން އެބަ އެނގެއެވެ. އެހެންކަމަށްވާއިރު ވިސްނާލުން އެންމެ މުހިންމު އެއްކަމަކީ އެކަމަށް އެދިގެން ތިމާއަށް ކުރެވޭ ކަންކަމެވެ. އެއްވެސް ކަމެއް ކުރެވޭކަމާއިމެދުގައެވެ.  

ޞިރާޠުމަގަކީ ކޮބައިކަން އެބައެނގެއެވެ. އެއް މާނައެއްގައި އެއީ ސީދާވެގެންވާ ތެދުމަގެވެ. ހަމައެފަދައިން ޤިޔާމަތްދުވަހު ކޮންމެ މީހަކުވެސް ހުރަސްކުރަންޖެހޭނެ ފާލަމެވެ. އެފާލަން ހުރަސްކުރެވުން ފަސޭހަވެގެންދަނީ އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަންހުރި މިންވަރަކުންނެވެ.  

އެއްބައަކު ވައިރޯޅިއެއް ފަދައިން އެމަގު ހުރަސްކުރާނެ އިރު އަނެއްބައަކަށް ހުރަސްކުރެވޭނީ ފިރުކެމުންނެވެ. އަނެއްބައަކަށް ހުރަސްކުރެވޭނީ ފުރޮޅެމުންނެވެ. ފުރޮޅެމުންގޮސް ނަރަކައަސް ވެއްޓޭނެ ބައަކު މުސްލިމުންގެ ތެރޭގައިވެސް ތިބޭނެއެވެ.  

އެއީ އެމީހުންނަށް ކުރެވުނު ފާފަތަކަށް ދުނިޔޭގައި ތިބެ ތައުބާ ނުވެވުނު މީހުންނެވެ. ތައުބާ ވެވުނު މީހުންނަށް އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަންހުރި މިންވަރަކުން ލިބޭނެ ދަރަޖައެއްގައި އެމަގު ހުރަސްކުރެވޭނެއެވެ.  

ފާހަގަކޮށްލަން މިއުޅޭ ކަމަކީ ހުރަސް ނުކުރެވި ނަރަކައަށް ވެއްޓެންޖެހޭނެ މީހުންގެ ވާހަކައެވެ. ކުރިން ބުނިފަދައިން އެއީ މުސްލިމުން ކަމުގައިވީނަމަވެސް ކުރެވުނު ފާފަތަކަށް ދުނިޔޭގައި ތިބެ ތައުބާ ނުވެވުނު މީހުންނެވެ. 

އިޚްލާޞްތެރިކަމާއިއެކު ތައުބާވެއްޖެ ކޮންމެ މީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. އެހިސާބުން އެމީހަކަށް އެވަނީ ސަލާމަތްކަން ލިބިފައެވެ. މިކަންކަން މިފަދައިން އެނގި ޔަޤީންވާން އޮތްއިރުވެސް އަހަރެމެންގެ ތެރެއިން ގިނަބައަކަށް މިއުޅެނީ ތައުބާ ނުވެވިގެންނެވެ. ތައުބާވާން ފަސްޖެހެވޭތީއެވެ.  

އަހުރެންގެ އާދޭހަކީވެސް ވަޞިއްޔަތަކީވެސް ތިމާއަށް ކުރެވިފައިވާ ފާފަތަކަށް ތައުބާ ނުވެވި ހުރުމުގެ ސަބަބުން ޞިރާޠު މަގު ހުރަސްނުކުރެވިގެން ނަރަކައަށް ވެއްޓެންޖެހިދާނެ މީހަކު ކަމުގައި ނުވުމެވެ. ހަމަ މިވަޤުތުން ފެށިގެންވެސް ތައުބާވެ ތައުބާގެ މަތީގައި ދުނިޔޭގައި އުޅޭ މީހަކު ކަމުގައިވުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން