އެކުގަ ވަޒީފާއަދާކުރާމީހަކަށް އަނިޔާކުރުމަކީ ގައިތަ ތެޅުން އެކަންޏެއް ނޫން! ނަފްސާނީ ގޮތުން ބަލިކަށިވާނެ ކޮންމެ ކަމަކީވެސް ކުރެވޭ އަނިޔާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
އެކުގަ ވަޒީފާއަދާކުރާމީހަކަށް އަނިޔާކުރުމަކީ ގައިތަ ތެޅުން އެކަންޏެއް ނޫން! ނަފްސާނީ ގޮތުން ބަލިކަށިވާނެ ކޮންމެ ކަމަކީވެސް ކުރެވޭ އަނިޔާއެއް!

އެކުގައި ވަޒީފާއަދާކުރާ މީހުންގެ ގައިގައި ތަޅައި އަނިޔާކުރުމުގެ މައްސަލަތަކަކީ ވަރަށް މަދުން ކުރިމަތިވާނެ މައްސަލަތަކެކެވެ. ނަމަވެސް ނަފްސާނީ ގޮތުން އަނެކާ ބަލިކަށިވާނެ ކަންކަން ކުރުމުގެ މައްސަލަތައް މަދު ކަމަށް ބުނެވޭކަށް ނެތެވެ. 

މިގޮތުން ބައެއް ޙާލަތްތަކުގައި އަނެކާ ބާކީކުރުން، އޭނާއަށް އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވޭކަމަށްބުނެ ދެރަކޮށްލުން، ތަނަވސްކަން ނެތުމުން ލައިއުޅޭ ފޭރާމަށް ފާޑުކިޔުން ނުވަތަ ޖަހާ ސެންޓުގެ ފެންވަރުދަށްކަމުން މަލާމާތްކުރުން ފަދަ ކަންކަން ހިމެނެއެވެ. 

ކޮންމެ މުވައްޒިފެއްގެ ތަނަވަސްކަން ހުންނާނީ އެއްވަރަކަށް ނޫނެވެ. ވީމާ ދިރިއުޅެންޖެހޭ ފެންވަރު ތަފާތުވާނެއެވެ. ތިމާއަށް ތަނަވަސްކަމުގައި އުޅެވޭނަމަ އޮތީ ނިކަމެތިންނަށް ފުރައްސާރަކުރުމެއް ނޫނެވެ. ނިކަމެތިންނަށް އެހީތެރިވުމެވެ. އެހީތެރިވާން ބޭނުން ނުވާނަމަ އެހީތެރިނުވިޔަސް ފުރައްސާރަކުރަން ހެޔޮނުވާނެއެވެ. އެކުރެވެނީ ވަރަށް ބޮޑު ފާފައެކެވެ. 

ކޮންމެ މުވައްޒިފަކަށް ކޮންމެ މަސައްކަތެއް އެންމެ ފުރިހަމައަށް ނުކުރެވިދާނެއެވެ. ނަމަވެސް އެއީ އޭނާއަށް އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުމެއް ނޫނެވެ. އެހެން މީހުންނަށްވުރެ ރަނގަޅަށް ކުރެވޭ ކަންކަންވެސް ހުންނާނެއެވެ. ވީމާ ކުރާ މަސައްކަތަކުން އުނިކަމެއް ފެނުނަސް އޭނާ ދެރަކޮށްނުލާށެވެ! ކިތަންމެ މޮޅަށް ކިޔަވައި ތަޖުރިބާ ހޯދައިގެން ހުންނަ މީހަކަށްވެސް އެންމެ ރަނގަޅަށް ނުކުރެވޭ ކަންކަން ހުންނާނެއެވެ. 

މަސައްކަތުގައި ކުރިއަރައިދާން ބޭނުންނަމަ މިބުނެވުނު ޒާތުގެ އަނިޔާތައް ނުކުރާށެވެ! އަދި އެހެން މުވައްޒިފުންނަށް އެހީތެރިވެދޭ މީހަކަށްވާށެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. ވަޒީފާގައި ކުރިއަރައިދިއުމަށް މާފަސޫހައިން މަގުފަހިވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން