އަހުރެން މިދައްކަނީ ހަމައެކަނި މީހުން ކުރާ ހަޑިމުޑުދާރު ޕޯސްޓްތަކުގެ ވާހަކައެއް ނޫނެވެ. ފަތުރާ ދޮގުތަކާއި ޣީބަބުނުމާއި އެހެންވެސް ނުބައި ހުރިހާ ކަމަކަށް އެމީހަކު ޒިންމާވާންޖެހޭނެ ވާހަކައެވެ. އެކަމަށް ޙައްޤު ޢަޛާބާއި ކުރިމަތިލާންޖެހޭނެ ވާހަކައެވެ. އަދި ހެޔޮ ޢަމަލެއް ކޮށްފިނަމަ ޘަވާބު ދެއްވަވާނެ ވާހަކައެވެ.
މިއަދު ކޮންމެ މީހަކީވެސް އެމީހެއްގެ އަތުގައި އޮންނަ ފޯނުން ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލްމީޑިއާގައި ޢާންމުކުރަމުން ގެންދާ މީހެކެވެ. ގިނަ ބައަކު އެކަން ކުރަނީ ވަރަށް ހެޔޮ ނިޔަތުގައެވެ. އެހެންކަމަށްވާއިރު ބަލައި ވިސްނާލަންޖެހޭ ކަމެއް އެބަ އޮތެވެ.
ވިސްނައިލަންވީ ތިމާކުރި ކޮންމެ ޢަމަލެއް ތިމާގެ ފަތުގައި ލިޔުއްވިގެންވާނެކަމާއި ޤިޔާމަތް ދުވަހު އެފަތް ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ހުޅުވާލަންޖެހޭނެ ކަމެވެ. އެޢަމަލުތައް ﷲ ތަޢާލާއަށް ފެނިވޮޑިގަންނަވާނެ ކަމެވެ. އެޢަމަލާއިމެދު ޖަވާބުދާރީވާންޖެހޭނެ ކަމެވެ.
އެހެންވީމާ ވީޑިއޯއެއް ނަމަވެސް ފޮޓޯއެއް ނަމަވެސް އަޕްލޯޑްކޮށްލުމުގެ ކުރިން މިކުރެވެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ޢަމަލެއްކަމާއިމެދު ވިސްނާލަން އެބަޖެހެއެވެ. އެވީޑިއޯއެއް ނުވަތަ ފޮޓޯއެއް ނުވަތަ ކުރާ ޕޯސްޓުގެ ސަބަބުން ﷲ ތަޢާލާގެ ޙަޟްރަތުގައި ލަދުވެތިވެ ކުށްވެރިވާން ނުޖެހޭނެ އެއްޗެއްކަން ޔަޤީންކުރަން އެބަޖެހެއެވެ.
ސޯޝަލްމީޑިއާ ރަނގަޅު ގޮތުގައި ބޭނުންކުރެވޭނީ ކިހިނަކުންތޯ ސުވާލުކުރާ މީހުންނަށް ބުނެލަން އޮތީ ހަމަ އެންމެ ކަމެއް ކޮށްލާށެވެ. "..ތިބާ ދުނިޔޭގައި ހުރެ ތިބާއަމިއްލައަށް ކުޅަ ކަންތައްތަކުގެ ޙިސާބު އަމިއްލައަށް ބަލައިލާށެވެ.." ﷲ ތަޢާލާ ވަޙީކުރައްވަވާނެ ވަޤުތައް ބިރުވެތިވާށެވެ. އެއިރުން ތިބާއަށް ކުރެވޭނީ ރަނގަޅު ޢަމަލުތަކެވެ.
އަދިވެސް ވަޤުތު ފާއިތެއް ނުވެއެވެ. ތިމާއަށް ކުރެވިފައިވާ ޕޯސްޓްތައް ބަލައި ދިރާސާކޮށްލާށެވެ. އެޕޯސްޓެއްގެ ސަބަބުން ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ލަދުވެތިވެތިވާންޖެހިދާނެ ހުރިހާ ޕޯސްޓްތައް ޑިލީޓްކޮށްލާށެވެ! އެއަށްފަހު ތައުބާވެ ފާފަ ފުއްސެވުމަށް އެދޭށެވެ. އެކަން ނުކުރެވި ވަނިކޮށް މަރުވެއްޖެނަމަ ތިބާގެ ފަރާތުން އެޕޯސްޓްތައް ޑިލީޓް ކޮށްދޭނެ މީހަކު ނުހުންނާނެއެވެ. ތިބާގެ ކިތަންމެ ގާތް މީހަކަށްވެސް އެކަމެއް ނުކުރެވޭނެއެވެ. އަދި އެޕޯސްޓްތައް ދައުރުވަމުންދާހައި ދުވަހަކު ތިބާ ކައްވަޅުގައި އޮތަސް ދާނީ އިތުރަށް ފާފަވެރިވަމުންނެވެ.
ވިސްނައިލާށެވެ! ތިބާގެ ހުރި ކުޅަދާނަކަން ދައްކާލަން ޑާންސްކޮށްލަނީއެވެ. ހަށިގަނޑުގެ ވަނާތައް ހާމަކޮށްލަނީއެވެ. ހުރިހާ ގުނަވަންތަކެއް ތަޅުވައިލަނީއެވެ. އެވީޑިއޯއަށް 10 މިލިއަން ލައިކް ލިބިފައި ﷲ ތަޢަލާގެ ޙަޟްރަތުން އެންމެ "ޑިސްލައިކެއް" ލިބުނަސް ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ ޑާންސްނޫނަސް ހާމަކުރާ ކޮންމެ ޕޯސްޓަކާއިމެދުގައިވެސް ވިސްނަންވީ ހަމަ މިއުޞޫލުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން