ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް މަސްދަޅު ކޭސް ނެގޭނެ އިންތިޒާމު ހަމަޖައްސަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް މަސްދަޅު ކޭސް ނެގޭނެ އިންތިޒާމު ހަމަޖައްސަވައިފި

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ޓޯކަންއެއް މެދުވެރިކޮށް ނެގޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވައިފިއެވެ. މިކަމަށްޓަކައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ވަނީ roadhahadhiya.mv ގެ ނަމުގައި ޚާއްސަ ޕޯޓަލްއެއް ގާއިމްކޮށްފައެވެ.

މި ޕޯޓަލް މެދުވެރިކޮށް މިއަދު ހަވީރު 6:00 ގެ ފަހުން މަސްދަޅު ކޭސް ނަގަން ބޭނުންވާ މަރުކަޒަކާއި ވަގުތު އިޚްތިޔާރުކޮށް ޓޯކަން ނެގުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެއެވެ. މިއީ ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

"މިހާރު މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ރޭގަނޑު 8:00 އިން 12:00 އަށް، މިހާރު މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށްވާތީ،" ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ސަރުކާރުން ދެއްވާ މި ރޯދަ ހަދިޔާ ހުރިހާ ގޭބިސީއަކަށް ލިބެންދެން ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ސަރުކާރުން ވަނީ ޔަގީންކަން ދެއްވާފައެވެ. މި އައު އިންތިޒާމާއެކު މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ފަސޭހަވެގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން