މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ކުރީގެ މެނޭޖްމަންޓުން ހިންގާފައިވާ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ އެތައް ޢަމަލުތަކެއް ހާމަވެއްޖެއެވެ. މިކަން ހާމަވެފައިވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މިއަދު ނެރެފައިވާ ނޫސް ބަޔާނަކުންނެވެ.
ކުންފުނިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުރީގެ މެނޭޖްމަންޓުން ވަނީ ވަޒީފާއަށް އިޢުލާން ނުކޮށް އަދި އިންޓަވިއުއެއް ނުކޮށް، މެނޭޖިން ޑިރެކްޓަރަށް ލިބިގެންވާ ބާރުގެ ދަށުންކަމަށް ބުނެ މެރިޓް އުޞޫލުގެ ބޭރުން 49 މީހަކަށް ވަޒީފާ ދީފައެވެ. އަދި މި މަޤާމުތަކުގެ ތެރޭގައި ހިމެނޭ ސީނިއަރ މަޤާމުތަކަށް ލައްވާފައިވާ މުވައްޒަފުންނަށް، ކުންފުނީގެ ގިނަ ދުވަސްވީ ވެރިންނާއި މުވައްޒަފުންނަށް ވުރެ މަތީ މުސާރަ ކަނޑައަޅާފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް މިފަދައިން ވަޒީފާ ދިނުމަކީ މެނޭޖިން ޑިރެކްޓަރަށް ލިބިގެންވާ ބާރެއް ނޫންކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މިކަމާ ގުޅިގެން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ހިއުމަން ރިސޯސަސް ޕޮލިސީއަށް ގެނެސްފައިވާ ބަދަލުތައް އަލުން އިސްލާޙުކުރުމަށް އަންގާފައެވެ. އެހެންނަމަވެސް ކުރީގެ މެނޭޖްމަންޓުން މި އިސްލާޙުތައް ގެނެސްފައި ނުވާކަމަށާއި، މި އިސްލާޙުތައް ގެނެސްފައިވަނީ މިހާރުގެ މެނޭޖްމަންޓުންކަން ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ކުރީގެ މެނޭޖްމަންޓުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޤާއިމްކޮށްފައިވާ ޕޯސްޓް އޮފީހުގެ ފިހާރައަށް މުދާ ސަޕްލައިކުރުމުގެ އެއްބަސްވުމެއް ޖަމްޢިއްޔަތު ތަޙްފީޒްލް ޤުރުއާނުލް ކަރީމް އާ އެކު ހަދާފައެވެ. ނަމަވެސް މި ޖަމްޢިއްޔާއަކީ މުދާ ސަޕްލައިކުރާ ފަރާތަކަށް ނުވާތީ، މިހާރުގެ މެނޭޖްމަންޓުން ވަނީ މި އެއްބަސްވުން އުވާލާފައިކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.