ވަޒީފާގެ ބޭނުމުގަވިޔަސް ދީނުގަ ނެތް ގޮތަށް ކަންކަން ކުރުމަކީ ހެދޭ ބޮޑު ގޯހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ވަޒީފާގެ ބޭނުމުގަވިޔަސް ދީނުގަ ނެތް ގޮތަށް ކަންކަން ކުރުމަކީ ހެދޭ ބޮޑު ގޯހެއް!

ވަޒީފާގެ ބޭނުމުގަ ދީނުގަ ނެތް ގޮތަށް ކަންކަން ކުރުމުގެ ޙުކުމްއާއިމެދު ވިސްނައިލަމާ ހިނގާށެވެ.  

މިހާރަކަށް އައިސް މިފެންނަނީ ވަޒީފާއެއްގެ ބޭނުމުގައި ﷲ ތަޢާލާގެ މަގާއި ދުރަށް ޖެހެވޭތަނެވެ. ﷲ ތަޢާލާ ހުއްދަކުރެއްވެވި ގޮތް ދޫކޮށްލައި ވަޒީފާދޭ މީހާ ރުހޭ ގޮތަށް ފޭރާންލައި އުޅޭތަނެވެ. ހައްޔަރުކޮށްފާނެ ކަމުގެ ބިރަށް ޙައްޤުބަސް ބުނަން ޖެހިލުންވާ ތަނެވެ. ޙައްޤަށް ޢަމަލުކުރަން ޖެހިލުންވާތަނެވެ. މިއީ ވަރަށް ހިތާމަކުރިކަމެކެވެ. 

އެކަމުން އަންގައިދެނީ އެމީހާގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނެތްކަމެވެ. ތިމާގެ ހިތާއި ﷲ ތަޢާލާ އާއި އެއްވެސް ގުޅުމެއް ނެތްތަނެވެ. އެހެންކަމުން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ގެ ހިތްވަރުފުޅުގެ ހަނދާން އައުކޮށްލައި އެ ޘާބިތުކަން ލިބިގަންނަން މަސައްކަތްކުރަން އެބަޖެހެއެވެ.

--އަލަފް

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ އެކަލޭގެފާނު ކަސްތޮޅު އަޅުވައި ކުޑަގޮޅިއަށް ލައި ބަންދުކުރި ހިނދު ވިދާޅުވީ ކީކޭކަމަށްތޯއެވެ؟ 

"މިބައިމީހުން އަހަރެން ކުޑަގޮޅިއަކަށް ލައި ބަންދުކުރުމުން އެމީހުންނަށް އަހަރެންނަށް އެކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ (މުރާދަކީ އެއްވެސް ހިތްދަތިކަމެއް ނުކުރެވެއެވެ.) އަހަރެންގެ ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް ވަނީ އަހަރެންގެ ހިތުގައެވެ. އެބައިމީހުންނަށް އަހަރެންނާއި އަހަރެންގެ ހިތަކާ ވަތްކެއް ނުކުރެވޭނެއެވެ." 

ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ އެއިލާހުގެ ކިޔަމަންތެރި އަޅުންނަށް އަމާން އޮމާން ރަނގަޅު ޙަޔާތެއް ދެއްވާނެކަމަށް ވަޢުދުވެވޮޑިގެންފައެވެ. އެއިލާހުގެ ވަޢުދަކީ އެއާ ޚިލާފުވުމެއްނެތް ހަމަކަށަވަރުންވެސް ތެދު ވަޢުދެކެވެ. އެކަމުގެ މިސާލުތައް އަހަރެމެންނަށް ފެންނަން އެބަހުއްޓެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ މާތް ނަބިއްޔާ ޔޫސުފު ޢަލައިހިއްސަލާމް އެތައް އަހަރުތަކެއް ވަންދެން ޖަލުގައި އުޅުއްވި އިރުވެސް އުޅުއްވީ އިލާހީ ޙަޟްރަތުން ދެއްވި ހިތްހަމަޖެހުން މަތީގައެވެ. އެއްގޮތަކަށްވެސް ދިރިއުޅުން މަތިން ފޫހިވެ މާޔޫސް ވެނުލައްވައެވެ. ޖަލުގައި ވެސް ﷲ ގެ ދީނަށް ގޮވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞަޙާބީން ދިރިއުޅުއްވީ އެބޭކަލުންނަށް މާއްދީ ގޮތުން ދިމާވި ދަތިތަކާއި އެކުވެސް ހިތްހަމަޖެހިގެންވާ ދިރިއުޅުމެކެވެ.  

ޙަޤީޤީ ބާއްޖަވެރިކަމަކީ މިއީއެވެ. ދަތި އުނދަގޫ ތަކާ އެކުވެސް އެބައިމީހުން ވަނީ އިލާހީ ހިތްހަމަޖެހުމުން އުފާވެރިކަން ޙާޞިލުކޮށްފައެވެ.

 

 

- ޝައިޚް އަޙްމަދު ރިމާޒްގެދަރުސަކުން

 

މިއަދު އޮންލައިން