އިންސާނުންނަށް އެންމެ ބޮޑަށް މާޔޫސްކަން ލިބެނީ ހިތާމައާއި ކަންބިޑުވުންތައް ކުރިމަތިވުމުންނެވެ. ދަތިއުނދަގޫ ޙާލަތުގައި ދިރިއުޅެންޖެހުމުންނެވެ. އެޙާލަތުގައި ކުރާނެ ދުޢާއަކަށް ގިނަ ބައަކު އެދޭތީ މިގެނެސްދެނީ އެފަދަ ދުޢާއެކެވެ. އިން ޝާ ﷲ
الحمد لله والصلاة والسلام على رسوله ، أما بعد :
ހިތްތަކުގެ ހަމަޖެހުންވަނީ މާތް ﷲ ޛިކުރު ކުރުމުގައެވެ. ހިތާމައެއް ނުވަތަ މާޔޫސީއެއް ނުވަތަ ހާސްވާފަދަ ކަމެއް މެދުވެރިވުމުން ގިނަގިނައިން މާތްﷲ ހަނދުމަކުރާށެވެ. އެގޮތުން ނަމާދުކޮށް ޤުރުއާންކިޔަވައި ދުޢާކޮށް ހަދާށެވެ. އެފަދަ ޙާލަތެއްގައި ކިއިދާނެ ދުޢާތަކުގެ ތެރޭގައި އަންނަނިވި ދުޢާ ހިމެނެއެވެ.
”اللَّهُمَّ إِنِّي عَبْدُكَ وَابْنُ أَمَتِكَ، نَاصِيَتِي فِي يَدِكَ مَاضٍ فِيَّ حُكْمُكَ، عَدْلٌ فِي قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَجِلَاءَ حُزْنِي، وَذَهَابَ هَمِّي“
މާނައީ: ”އޭ ﷲ އެވެ! ހަމަކަށަވަރުން އަހުރެންނީ އިބަ ﷲ ގެ އަޅަކީމެވެ. އަދި އިބަ ﷲ ގެ ފިރިހެން އަޅާގެ ދަރިޔަކީމެވެ. އަދި އިބަ ﷲ ގެ އަންހެން އަޅާގެ ދަރިއަކީމެވެ. މިއަޅާގެ ނިތްކުރިވަނީ އިބަރަސްކަލާނގެ އަތްޕުޅުގައެވެ. އިބަރސްކަލާނގެ ޙުކުމް މިއަޅާގެ މައްޗަށް ތަންފީޒުވެގެންވެއެވެ. އިބަރަސްކަލާނގެ ނިޔާފުޅު މިއަޅާގެމެދު ޢަދުލުވެރިވެގެންވެއެވެ. އިބަރަސްކަލާނގެ ޒާތުފުޅަށް އިބަރަސްކަލާނގެ ދެއްވާފައިވާ ނަންފުޅުތަކުން ނުވަތް އިބަރަސްކަލާނގެ ފޮތުގައި ބާވައިލައްވާފައިވާ ނުވަތަ އިބަރަސްކަލާނގެ މަޚްލޫޤުންކުރެ މަޚްލޫޤަކަށް ދަސްކޮށްދެއްވާފައިވާ ނުވަތަ އިބަރަސްކަލާނގެ ހަޟްރަތުގައި ޣައިބުގެ ޢިލްމުގެ ތެރޭގައިވާ، އިބަރަސްކަލާނގެ އެންމެހާ ނަންފުޅުތަކެއް މެދުވެރިކޮށް، މިއަޅާ އެދި ދަންނަވަމެވެ. ކީރިތި ޤުރްއާނަކީ މިއަޅާގެ ހިތުގެ އުފާކަމުގައި ލައްވާދޭވެ! އަދި ހިތުގެ ނޫރުކަމުގައި ލައްވާންދޭވެ! އަދި މިއަޅާގެ ހިތާމަ ފައްލަވައި ދެއްވައި މިއަޅާގެ ކަންބޮޑުވުން ނެތިކުރައްވާ އެއްޗެއްކަމުގައި އެ ޤުރުއާން ލައްވާންދޭވެ!“
- ޝައިޚް ޙަސަން މޫސާ ފިކުރީ