ގިނަ މީހުންނަށް ޟުޙާ ނަމާދުކުރަން އުނދަގޫވަނީ މަސައްކަތް ފެށުމަށްފަހު ނުވަތަ ވަޒީފާއަށް ނުކުތުމަށްފަހު ކުރަން އުޅޭތީއެވެ. އެދަތިކަން އޮތްނަމަ މަސައްކަތް ފެށުމުގެ ކުރިން (ވަޒީފާއަށް ދިއުމުގެ ކުރިން ކުރެވޭނެއެވެ.
ޟުޙާ ނަމާދުގެ ވަޤުތާއިބެހޭގޮތުން ބުނެލަން އޮތީ ދުވާލު ކުރަން ހުރި ނަމާދުތަކަށްބަލާއިރު ކުރަން އެންމެ ގިނަ ވަޤުތު ލިބޭ ނަމާދަކީ ޟުޙާ ނަމާދުކަމަށެވެ. ތިރީގައިވާ ލިޔުމުން އެކަން އެނގިވަޑައިގަންނަވާނެއެވެ.
އަބޫ ހުރައިރާ (ރޢ) އަކީ ރަސޫލް ﷺ ގެ އެންމެ އަރިސް ޞާޙާބީންގެ ތެރެއިންވެސް އަރިސްކަންބޮޑު ޞަޙާބީއެކެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.
"ތިމަންކަލޭގެފާނުގެ ލޮބުވެތި ރަސޫލް ﷺ 3 ކމަކަށް ތިމަންކަލޭގެފާނަށް ވަޞިއްޔަތް ކުރެއްވެވިއެވެ. އެއީ ކޮންމެ މަހަކު 3 ދުވަހު ރޯދަހިފުމާއި ޟުޙާ ނަމާދުކުރުމާއި އަދި ނިދުމުގެކުރިން ވިތުރިކުރުމެވެ. ދިރިހުރިހާ ދުވަހަކު މިކަންކަން ދޫނުކުރައްވާހުށީމެވެ. (އެ 3 ކަންތައް ކުރުން ހުއްޓަވައި ނުލައްވަވާހުށީމެވެ.)"
ޟުޙާ ނަމާދު ކުރުން އެންމެ މާތް ވަގުތަކީ ބިންގަނޑަށް ހޫނުވާ ވަޤުތެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. ”صَلَاةُ الْأَوَّابِينَ حِينَ تَرْمَضُ الْفِصَالُ“ رواه مسلم މާނައަކީ: އައްވާބީން ނަމާދުގެ ވަގުތަކީ (އެބަހީ: ޟުޙާ ނަމާދުގެ ވަގުތަކީ) ބަނޑުޖަހައިގެން ތިބޭ ޅަ ޖަމަލުތައް، ބިންގަނޑަށް ހޫނުވުމުގެ ސަބަބުން ތެދުވެގެން ހިލަކަށް ޖެހިލަން އުޅޭވަގުތެވެ.“
ޟުޙާ ނަމާދުގެ ވަޤުތަކީ އިރުއަރައިގެން އައިސް ހޫނު ގަދަވާވަގުތެވެ، ރާއްޖޭގެ ވަޤުތުން ބަލާއިރު ގާތްގަނޑަކަށް ނުވައެއް، ދިހައެއް ޖަހާ ކަންހާއިރުއެވެ. އަދި އިރުއަރާތާ ކުޑަ ވަޤުތުކޮޅެއް ފަހުންވެސް ޟުޙާ ނަމާދު ކުރެވިދާނެއެވެ. މިނިޓުން ބަލާނަމަ ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އިރުއަރައި 10،15 ވަރަކަށް މިނިޓްވުމުން ޞުޙާނަމާދުކުރެވިދާނެއެވެ.
ޟުޙާ ނަމާދުކުރުމަށް ވަރަށް ގިނަ ވަގުތު ލިބެއެވެ. އެމީހަކު ބޭނުންނަމަ އިރު ލޮންސިއެއްގެ މިންވަރަށް އެރުމުން ވެސް ކުރެވިދާނެއެވެ. އެއީ އިރުއަރާތާ 10-15 މިނިޓްހައިއިރެވެ. އަދި މެންދުރު ނަމާދަށް ބަންގިގޮވުމުގެ 10-20 މިނިޓާއި ގާތްވަންދެން އެ ވަގުތު ދެމިގެންދެއެވެ. ވީމާ ހައަކަ ގަޑިއިރުގެ ވަގުތު ލިބިގެންދެއެވެ.
ވީމާ ވަޒީފާއަށްދާ މީހަކު މަސައްކަތު ދިއުމުގެ ކުރިންވެސް އަދި އެއަށްފަހު ވެސް ޟުޙާ ނަމާދުކުރަން ވަގުތު އެބަލިބެއެވެ. އޮތީ ހިތްވަރުކޮށްލާފައި ޟުޙާ ނަމާދު ކުރުމެވެ. ޞުޙާ ނަމާދުގެ ކުރިން ފަތިސް ނަމާދުގެ އިހުސުންނަތާއި ފަތިސްނަމާދުކުރަން ފަރުވާތެރިވާށެވެ. ޤަޟާއަށް ނަމަވެސްމެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން