ސުވަރުގޭގެ ތަޅުދަނޑި ބޭނުން މީހުން މިކަންކަމަށް ސަމާލުކަންދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 4ސ
ސުވަރުގޭގެ ތަޅުދަނޑި ބޭނުން މީހުން މިކަންކަމަށް ސަމާލުކަންދޭށެވެ!

މިޘާލެއް ބުނެލާނަމެވެ! ފުރިހަމަ މުއްމިނަކު ކިތަންމެ ކުޑަ ނަމަވެސް ފާޙިޝް ޢަމަލެއް ކުރަން ބިރުގަނެ ޖެހިލުންވާނެއެވެ. ނަމަވެސް އީމާންކަން ކުޑަނަމަ އަދި ކާފިރުން ޒިނޭކުރާނީވެސް އުފަލުންތިބެއެވެ. އެކަމަށް ﷲ ތަޢާލާ ދެއްވަވާނެ ޢަޛާބް އެމީހުން ހިތަށްވެސް ނުއަރުވާނެއެވެ. 

އިބްނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ. 

"إِنَّ الْمُؤْمِنَ يَرَى ذُنُوبَهُ كَأَنَّهُ قَاعِدٌ تَحْتَ جَبَلٍ يَخَافُ أَنْ يَقَعَ عَلَيْهِ، وَإِنَّ الفَاجِرَ يَرَى ذُنُوبَهُ كَذُبَابٍ مَرَّ عَلَى أَنْفِهِ» فَقَالَ بِهِ هَكَذَا. [رواه البخاري ومسلم] 

މާނައީ: "ހަމަކަށަވަރުން މުއުމިނަކަށް އޭނާގެ ފާފަތައް ފެންނާނީ، އޭނާ ފަރުބަދައެއްގެ ދަށުގައި އިށީނދެ އިންނައިރު އެފަރުބަދަ އޭނާގެ ބޮލަށް ވެއްޓިދާނެތީ ބިރުގަންނަ ފަދައިންނެވެ. އަދި ހަމަކަށަވަރުން ފާޖިރު މީހާއަށް އޭނާގެ ފާފަތައް ފެންނާނީ އޭނާގެ ނޭފަތް ކައިރިން ދިޔަ މެއްސެއް ފަދައިންނެވެ." 

ފަހެ، އޭނާ މިފަދައިން (އެބަހީ: އޭނާގެ އަތުން) އެފޮޅާލާ އޭނާއާ ދުރުކޮށްލާނެއެވެ. 

ކޮންމެ މުސްލިމަކުވެސް ސުވަރުގެ ވަންނަން ބޭނުންވެއެވެ. ސުވަރުގެ ވަދެވެން އޮތީ ފާފަކުރުން ހުއްޓާލައި ތައުބާވެ ހެޔޮއަމަލުތައްކުރުން ގިނަކުރިވަރަކުންނެވެ. އެކަން ރަނގަޅަށް އެނގިތިބެމެ ފާފަކުރަން ޖެހިލުމެއް ނުވެއެވެ. ފާފަކުރާ މީހުންނަށް ހުރިތަނަކީ ނަރަކަކަން އެނގޭއިރުވެސްމެއެވެ. 

މުއުމިނުން އެމީހުންނަށް ކުރެވޭ ފާފަތަކާއިމެދު ބިރުވެތިވެއެވެ. އަދި އެންމެ ރަނގަޅު ޙާލަތުގައި އޭނާގެ ނަފްސު ބަހައްޓައެވެ. ފަހެ، އޭނާއަށް ކުރެވޭ ފާފަތަކަށް ބިރުވެތިވާޙާލު ފުރިހަމަ އިޚްލާޞްތެރިކަން ހޯދުމަށްޓަކައި އަޅުކަންތަކާއި ކިޔަމަންތެރިކަން އަދާކުރުމުގައި ގަދައަޅާ މަސައްކަތްކުރެއެވެ. އޭނާ ބިދުޢަތަކާއި ދެއްކުންތެރިކަމުން އޭނާގެ ނަފްސު ސަލާމަތްކުރެއެވެ. އަދި ކުރާ ޢަމަލުތަކުގައި އަމިއްލަ ނަފްސު ފެނުމުންވެސްމެއެވެ. އޭނާގެ ޢަމަލުތަކުން އޭނާ އެދޭނީ ﷲ ގެ ވަޖުހުފުޅާއި އާޚިރަތުގެ ގޯއްޗެވެ. 

﴿قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ﴾ [آل عمران: 31] 

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބާވާށެވެ! އޭރުން ﷲ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ." 

މީސްތަކުންނޭވެ! ސުވަރުގެއަކީ ފާފަކުރުންމަތީގައި ދެމި މީހުންނަށް ހުރިތަނެއް ނޫނެވެ. އެމީހުންނަށް ހުރި ތަނަކީ ނަރަކައެވެ. ނަމަވެސް ފާފަކުރެވޭ މީހާއަށް ވެސް ސުވަރުގެ ވަދެވިދާނެއެވެ. އިސްވެ ބަޔާންކުރި ޙަދީޘްފުޅުގައިވާ ފަދައިން ﷲ ތަޢާލާއަށް ލޯބިވެ ރަސޫލް އަށް ތަބަޢަވުމުންނެވެ. އެއިރުން އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ! ސުވަރުގެ ވައްދަވައި ދެއްވަވާނެތެވެ! 

ސުވަރުގޭގެ ތަޅުދަނޑިއަކީ ﷲ ތަޢާލާއަށް ލޯބިވުމާއި ރަސޫލް އަށް ތަބަޢަވުމެވެ. މި ދެކަންތައް ޙާޞިލުކުރެވިއްޖެ ނަމަ ތިބާއަށް އެވަނީ ސުވަރުގޭގެ ތަޅުދަނޑި ޙާޞިލުކުރެވިފައެވެ. އުފަލުގައި ގޮސް ވަންނަންވީއެވެ! 

އެއްވެސް ފާފައަކީ ކުޑަ ފާފައެއް ކަމަށްނުދެކޭށެވެ! އިބްން މަސްއޫދު ވިދާޅުވެފައިވާ ފަދައިން ކިތަންމެ ކުޑަކުޑަ ނަމަވެސް ކޮންމެ ފާފައަކީވެސް ބިޔަފަރުބަދައެއް ކަމުގަ ދެކޭށެވެ! އެފަރުބަދަ ކޮންމެ ވަގުތަކުވެސް ތިމާގެ ބޮލަށް ވެއްޓިދާނެކަމަށް ބިރުވެތިވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން