މިސްކިތުގައި އަމިއްލަ ވާހަކަ ދެއްކުމުގަ ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 43ސ
މިސްކިތުގައި އަމިއްލަ ވާހަކަ ދެއްކުމުގަ ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-

މިސްކިތްތައް ފުރި ބާރުވާނެ މޫސުން ދާދި ގާތްވެއްޖެއެވެ. ރަމަޟާން މަސް ފެށުމާއިއެކު ގިނަ ބައަކު މިސްކިތުގައި ވަޤުތުހޭދަކުރުން ގިނަކުރާނެއެވެ. ވީމާ މިސްކިތުގެ އަދަބުތަކަށް ރައްކައުތެރިވުމަށް ދޭންޖެހޭ ސަމާލުކަން އިތުރުކުރަންވާނެއެވެ.  

މިސްކިތުގައި ތިބެގެން އަޑުހަރުކޮށް ވާހަކަދެއްކުން އަންނަނީ ގިނަވަމުންނެވެ. ގިނަފަހަރަށް މިކަންކުރަނީ އެމިސްކިތެއްގެ އަހުލުވެރިންނެވެ. އެހެންކަމުން އެކަން ހުއްޓުވަންވެސް ގިނަ ބައަކު ޖެހިލުންވެއެވެ. ކޮންމެއަކަސް މިއީ ވިސްނާލަން ޖެހިފައި އޮތް ކަމެކެވެ.  

މިސްކިތަކީ ބިންމަތީގައިވާ އެކަލާނގެ ގެކޮޅުތަކެވެ. ﷲ ތަޢާލާ ލެއްވެވި އެންމެ މާތް ތަނެވެ. 

މާތް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. 

) فِي بُيُوتٍ أَذِنَ اللَّهُ أَنْ تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآَصَالِ , رِجَالٌ لَا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَنْ ذِكْرِ اللَّهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ يَخَافُونَ يَوْمًا يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ   (سورة النـور’ 36،37  

މާނައީ : " ރެއާއި ދުވާލުގެ ހުރިހާ ވަގުތެއްގައިވެސް އެ މިސްކިތްތަކުގައި އެކަލާނގެ ޛިކުރުކުރެވި އަދި އެކަލާނގެ ނަންފުޅުގަނެވި އަދި އެކަލާނގެ ކިބައަށް ނަމާދުކޮށް އުޅެތެވެ. ފިރިހެނުންތަކެކެވެ. އެބައިމީހުން އެ މިސްކިތްތަކުގައި އެކަލާނގެއަށް ނަމާދުކުރުމުންނާއި ޒަކާތްދިނުމުން ޢާފިލުވެ ވިޔަފާރި ފަދަ ދުނިޔަވީ މުޢާމަލާތުތައް ކޮށްނަހަދައެވެ. އެދުވަހެއްގައި ހިތްތައް އެފުށްމިފުށަށް ފުރޮޅިގެންދާ ދުވަހަށް އެބައިމީހުން ބިރުވެތިވެއެވެ." 

رسـول اللـه صـلى اللـه علـيه و سـلم ޙަދީޘްކުރައްވަވާފައިވަނީ މިފަދައިންނެވެ.

إِنَّ المَسَـاجِدَ إِنَّـمَا بُنِيَـتْ لِـذِكْرِ الـلَّهِ عَزَّ وَ جَـلَّ = رواه مسـلم

މާނައީ: " ހަމަކަށަވަރުން މިސްކިތްތަށް ބިނާކުރެވިފައި ވަނީ ހަމައެކަނި ﷲ އަށް ޛިކުރުކުރުމަށްޓަކައެވެ."

މިދަލީލުތަކުން އެނގިގެންދަނީ މިސްކިތްތަކުގައި ﷲ ތަޢާލާ މަތިވެރިކުރުމާއި އެކަލާނގެއަށް  ޛިކުރުކުރުން ނޫން އެހެން ކަންކަން ކުރުން ނޫން ކަމެއް ކުރުން ނެތްކަމެވެ. ދުނިޔަވީ ވާހަކަތައް  ދެއްކުމަކީ ހުއްދަވެގެންވާ ކަމެއްނޫންކަމެވެ. ޚާއްޞަކޮށް 3 ވަނަ މީހަކަށް އަޑު އިއްވައި ވާހަކަދައްކައިގެން ނުވާނެ ކަމެވެ. މިސްކިތުގައި ހޭދަކުރާވަގުތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފަންވާނެކަމާއި. މިސްކިތްތައް ޚާއްޞަކުރަންވާނީ ނަމާދުކުރުމަށާއި ޤުރުއާން ކިޔެވުމަށާއި އަދި ދީނުގެ އެކިއެކި ވާހަކަ ދެއްކުމަށާއި ދީނީ ވަޢުޒާއި ނަޞޭޙަތްދީ ހެދުމަށް ކަމެވެ. 

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މީހަކު މިސްކިތުގައި ޛިކުރުކުރަން އިންދައި އަންނަ ކޮންމެހެން ޖަވާބުދޭން ޖެހޭ ފޯނުކޯލަކަށް ކުރުކޮށް ޖަވާބުދިނުމާއި ކޮންމެހެން ބުނަންޖެހޭ ބަހެއް ވީހައި ކުރުކޮށް ބުނުން ފަދަ ކަންކަން ކުރެވިދާނެއެވެ. އަދި އެކަންކަން ކުރަންވާނީ މިސްކިތުގައި ތިބޭ މީހުންނަށް އުނދަގޫނުވާނެ ގޮތަށެވެ. އެމީހުންނަށް އަޑުނުއިއްވައެވެ.  

މިފަދަ އުޞޫލުތަކާއި ޚިލާފަށް ބައެއް މީހުން ޢަމަލުކުރުމުގެ ސަބަބުން މިސްކިތުގައި ތިބޭ މީހުންނަށް އުނދަގޫވާގޮތް ދަނީ މެދުވެރިވަމުންނެވެ. މިއީ ވަރަށް ހިތާމަކުރަންޖެހޭ ކަމެކެވެ. ކޮންމެ މީހަކުވެސް މަސައްކަތްކުރަންވާނީ އެމީހެއްގެ ސަބަބުން މިސްކިތުގައި ތިބޭ އެއްވެސް މީހަކަށް އެއްވެސް ވަރެއްގެ އުނދަގުލެއް ފޯރިއަ ނުދިނުމަށެވެ.  

މިސްކިތަށް ޤަދަރުކޮށް އަދަބުއިޙްތިރާމް އަދާކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އެކަމަށް އެންމެންވެސް ސަމާލުކަންދޭންޖެހޭނެއެވެ. މިސްކިތްތަކަށް ލޯބިކޮށް މިސްކިތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާބައަކަށްވަމާހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން