މީސްތަކުން ކަރާމާތަށް އަރައިގަތުން މިވަނީ ޢާންމުވެފައެވެ. ދޮގުބުނުން ޢާންމުވިފަދައިން މީސްތަކުންގެ ކަރާމާތަށް އަރައިގަތުން ޢާންމުވެފައިވާއިރު އެއީ ކިހައި ބިރުހުރިކަމެއްކަން އެނގޭ ބާވައެވެ! ބުނަން ހެއްޔެވެ؟ އެއީ އާދައިގެ ކަމެއް ނޫނެވެ. އެންމެ ބިރުހުރި އެއްކަންތަކެވެ.
ބައެއް މީހުންނަށް އަޑެއް އިވޭއިރަށް އެއީ ތެދެއްކަމަށް ޔަޤީންކޮށް މީސްތަކުންނަށް އެއްޗެތި ގޮވައި ލަޢްނަތްދީހަދައެވެ. އެމީހުންގެ ދަރަޖަ ވައްޓައިލައެވެ. އެމީހުންގެ ބޮލުގައި ޙައްޤު ނޫން ތހުމަތުތަކާއި ދޮގު އިލްޒާމްތައް އަޅުވައެވެ.
މިފަދައިން ކަންކަންކުރާ މީހުންގެ ތެރޭގައި ނަމާދުކޮށް ޒަކާތްދީ، ޙައްޖުވެ، ރޭއަޅުކަންކޮށް ފަރުޟު ރޯދައިގެ އިތުރުން ސުންނަތް ރޯދަ ހިފުންފަދަ އަޅުކަންކުރާ މީހުންވެސް ހިމެނެއެވެ. ނަމަވެސް ހިތާމައަކީ ޤިޔާމަތްދުވަހުން އެމީހުން ވެގެންދާނީ ގެއްލެނިވެގެންދާ ބައަކު ކަމުގައެވެ.
އެހެނީ މިއީ އެންމެ ނުބައިކަންބޮޑު އަދި އެމީހަކަށް އެންމެ ގެއްލުން ބޮޑު އެއް ޢަމަލެވެ. އެފަދަ މީހުންގެ މައްޗަށް އެއްވެސް ރަސޫލްބޭކަލަކަށްވެސް އަދި ތަޤްވާވެރި، ސުވަރުގެ ވައްދަވާ މީހަކަށްވެސް ޝަފާޢަތްތެރިއެއް ނުވެވޭނެއެވެ. އޭނާ ކޮށްފައިވާ ކުށްތަކަށް އޭނާގެ ކިބައިން ގެއްލުން ލިބުނު މީހުން/ ބަދުނާމުކުރި މީހުން މަޢާފްކުރަންދެން ﷲ ތަޢާލާ އޭނާގެ މައްޗަށް ޝަފާޢަތް ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ.
އެމީހަކީ ކުރިން ބުނި ފަދައިން ކިތަންމެ ގިނަ ހެޔޮ ޢަމަލުތައް ކިތަންމެ ގިނައިން ކޮށްފައިވީ މީހެއް ނަމަވެސް ފުރަތަމަ ޖެހޭނީ އެއިން ބަދަލުދޭށެވެ. ބަދަލުދެމުން ގޮސް ހުސްވެއްޖެނަމަ އެމީހަކުކޮށްފައިވާ ފާފައިން ޙަވާލުވަމުންގޮސް ޖެހޭނީ ނަރަކައަށް ވަންނާށެވެ.
ވީމާ މިފަދަ އެއްވެސް ކަމެއް ކުރެވިފައިވާނަމަ އެމީހެއްގެ ކިބައިން އަވަހަށް މަޢާފަށް އެދޭށެވެ. އެއިން މީހަކު މަރުވެފައިވާނަމަ އެމީހަކަށްޓަކައި ހެޔޮދުޢާކުރާށެވެ. އަދި އެފަދަ ޢަމަލެއް ދެން ނުކުރާށެވެ! ތައުބާވެ ފާފަ ފުއްސެވުން އެދިގެން ދުޢާކުރަމުން ގެންދާށެވެ. ނޫންނަމަ އެމީހަކީ ޤިޔާމަތް ދުވަހުގައި ގެއްލެނިވެ ނަރަކައަށް ވަންނަން ޖެހޭނެ މީހެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން