އެންމެ ސިފައެއްގަ ޘާބިތުވުމުން ސުވަރުގެ ލިބޭނެ ސިފަ- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އެންމެ ސިފައެއްގަ ޘާބިތުވުމުން ސުވަރުގެ ލިބޭނެ ސިފަ- އިން ޝާ ﷲ

ލަދުވެތިކަމަކީ އިންށާނުންގެ ކިބައިގައި ލައްވަވާފައިވާ ސިފައެކެވެ. ނަމަވެސް ބައެއް މީހުން އެމަތިވެރިސިފަ އަމިއްލައަށް ނަގައިލަނީ އެވެ. ކަދުހަޔާތް ކަނޑާލައި ކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ކުރަނީއެވެ. މީސްތަކުންގެ ކުރިމަތީގައިވެސް ކުރަނީއެވެ. 

ނަމަވެސް އަދިވެސް އެއީ މަދުބައެކެވެ. ގިނަ ބައަކު ކޮންމެވެސް ބައަކަށް ލަދުވެތިވެއެވެ. މިޘާލަކަށް މުޖުތަމަޢުގެ އިސް މީހުން ނުވަތަ ދީނީ ޢިލްމްވެރިންގެ ކުރިމަތީގައި ހުރެގެން މުންކަރާތްތަކަށް އަރައިގަންނަން ލަދުވެތިވާނެއެވެ. އަދި ނުބައި ބަސްތައް ބުނަން ބުންނަވެސް ޖެހިލުންވާނެއެވެ.  

އެވަރަކުން އަދި ނުފުދެއެވެ. އެންމެ ބޮޑަށް ލަދުވެތިވާންޖެހޭނެ ފަރާތަކީ ﷲ ތަޢާލާއެވެ. އަހުރެމެން ކުރާހައި ކަމެއް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ބުނާބަސްތައް އަޑުއައްސަވައި ވޮޑިގެންވެއެވެ. 

ވީމާ ތިމާއަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ލަދުވެތިވާ މީހަކު ކަމުގައިވާނަމަ ފާފައެއް ނުކުރާނެއެވެ. ދުލުން ނުބައި ބަސްތަކެއްވެސް ނުބުނާނެއެވެ. އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާ އަންގަވާފައިވާ މިންވަރަށް ނިވާނުވެވެސް ނުއުޅޭނެއެވެ. 

އެއިރުންވާނީ ކިހިނެއް ހެއްޔެވެ؟ ޖަވާބަކީ އެމީހަކަށް އުޅެވޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. އާޚިރު ނަތީޖާއަކަށްވާނީ ސުވަރުގެ ލިބުމެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަަފތުގެ ދަރުސަކުން

މިއަދު އޮންލައިން