ހުޝިޔާރު ވެވިއްޖެނަމަ ސޯޝަލް މީޑިއާއަކީ ތިމާ ސުވަރުގެއާ ދިމާއަށް ދަމައި ގެންދާ އެއްޗަކަށް ހެދެން އެބައޮތް! ނިކަން މިގޮތަށް ޢަމަލުކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ހުޝިޔާރު ވެވިއްޖެނަމަ ސޯޝަލް މީޑިއާއަކީ ތިމާ ސުވަރުގެއާ ދިމާއަށް ދަމައި ގެންދާ އެއްޗަކަށް ހެދެން އެބައޮތް! ނިކަން މިގޮތަށް ޢަމަލުކޮށްބަލަ!

ބައެއް މީހުން އަޑަށް ބާރުލައި ބުނެއެވެ! "ސޯޝަލް މީޑިއާ އާއި ނުލައި މިއަދު އުޅޭނީ ކިހިނަކުން ހެއްޔެވެ؟" އެމީހުން އެބުނާ ބަހަށް ފުރިހަމައަށް ތާއީދުކުރަމެވެ. އެެހންކަމާއިއެކުވެސް ބުނަމެވެ. މައްސަލައަކަށްވަނީ ސޯޝަލް މީޑިއާއެއް ނޫނެވެ. އެއިގެ ބޭނުންކުރެވޭ ގޮތެވެ.  

ނިދައި ހޭލެވުމުން ފުރަތަމަ ކުރަންޖެހޭ ކަމަކީ ﷲ ތަޢާލާއަށް ޙަމްދުކޮށް ދުޢާކުރުން ނަމަވެސް 

ގިނަ ބައަކަށް މިއަދު ފުރަތަމަ ކުރެވޭ ކަމަކީ ފޭސްބުކާއި އިންސްޓަގްރާމް ބަލައިލުމެވެ. ތިމާއަށް ލިބިފައިވާ ލައިކްގެ ޢަދަދާއި އެހެން އެކުވެރިންނަށް ލިބިފައިވާ ލައިކްގެ ޢަދަދު ބަލައިލުމެވެ.  

އެހެންމީހަކު ކުރިއަރައި ގޮސްފައިވާނަމަ ދެރަވެއެވެ. ކޮންމެ ގޮތަކުން ނަމަވެސް އޭނާއަށްވުރެ ކުރިއަރަން އެބަ ބޭނުންވެއެވެ. އެހެންވެ ބަލައިލެވެނީ އޭނާކުރާ ޢަމަލުތަކަށާއި ޕޯސްޓްތަކަށެވެ. ބޭނުންވަނީ އެއަސްވުރެ ކުރިއަށް ޖެހިލާށެވެ.  

އޭނާ އުޅޭ ގޮތާއި ކުރާ ޢަމަލުތަކާއި ކުރާ ޕޯސްޓްތަކަކީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ އިންތަކުގެ ތެރޭގައި ހުރި ކަންކަންތޯވެސް ވިސްނައެއް ނުލެވެއެވެ. ފާފަވެރިނުވެ ސަލާމަތްވެވޭނެ ކަންތައްތަތޯވެސް ބަލައެއް ނުލައެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވާދަކުރުން ހުއްދަވެގެންވަނީ ހަމައެކަނި ތަޤްވާވެރިކަމުގައެވެ. ކުރިއަރައިދާން މަސައްކަތްކުރަންވީ ތަޤްވާވެރިކަމުގައެވެ. ﷲ ތަޢާލާގެ ދީނަށް ނަޞްރު ދިނުމުގައެވެ.  

ދީނުގެ ނަޞޭޙަތެއް ނުވަތަ ހެޔޮ ބަހެއް ހާމަކުރަން މީހަކު ޕޯސްޓެއް ހަދާފައި އިނދެދާނެއެވެ. އެޕޯސްޓަށްވުރެ ފުރިހަމައަށް ޕޯސްޓެއް ހަދަން މަސައްކަތް ނުކުރަންވީ ސަބަބެއް ނެތެވެ. ދެން އޮތީ އެއިގެ އަނެއްކޮޅެވެ. އެކުވެރިއަކު ލާފައި އިންފޮޓޯގައި އޭނާވަނީ ﷲ ތަޢާލާގެ އިންތަކުން ބޭރުވެފައެވެ. އެ ފޮޓޯއަށް ވަރަށް ގިނަ ބައަކު ވަނީ ލައިކްވެސް ކޮށްފައެވެ. އެހެންވެ އެފޮޓޯ އާއި ވާދަކުރަން އޭނާއަށްވުރެ ބޮޑަށް ތިބާ ﷲ ތަޢާލާގެ އިންތަކުން ބޭރުވާންވެއްޖެ ނަމަ ސުވަރުގެ ހޯދާނީ ކިހިނަކުންހެއްޔެވެ؟  

ވީމާ ސޯޝަލް މީޑިއާގައި ޙަރަކާތްތެރިވާއިރު މިކަންކަމަށް ވިސްނާށެވެ. ތިމާ ކުރާ ކޮންމެ ޢަމަލަކީ އެކަމެއްގެ ސަބަބުން ތިމާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލިގެންދާނެ ސަބަބަކަށްހަދާށެވެ.  

ސޯޝަލް މީޑިއާއަކީ ތިމާގެ ދަރަޖަ ﷲ ތަޢާލާގެ ޙަމްރަތުގައި އުފުލި ގިނަ ޘަވާބު ހޯދެން އޮތް ވަރަށް ފަހިމަގެކެވެ. އެކަންކަން ދޫކޮށްލައި ނަރަކައާއި ދިމާއަށް ދުއްވައިގަންނަން މަސައްކަތްނުކުރާށެވެ! އަދި ތިމާގެ ޢަމަލުތަކަކީ ތިމާ ނަރަކައިން ސަލާމަތްކޮށްދޭނެ ޢަމަލުތަކަކަށްހަދާށެވެ! ބުއްދީގެ ބޭނުން ހެޔޮގޮތުގައިހިފާށެވެ! ފުރުޞަތުގެ ބޭނުން އެންމެ ފައިދާހުރި ގޮތުގައި ހިފާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން