ޤައުމިއްޔަތު ކޮލެޖުގެ "ދިވެހި ޤައުމިއްޔަތުގެ އިސްވަރު"ން ފުރަތަމަ ސިންތާ ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޤައުމިއްޔަތު ކޮލެޖުގެ "ދިވެހި ޤައުމިއްޔަތުގެ އިސްވަރު"ން ފުރަތަމަ ސިންތާ ބާއްވައިފި

ޤައުމިއްޔަތު ކޮލެޖުގެ "ދިވެހި ޤައުމިއްޔަތުގެ އިސްވަރު"ގެ ފަރާތުން "ކަޅުއޮށްފުންމި" ގެ ނަމުގައި ފުރަތަމަ ސިންތާ ބާއްވައިފިއެވެ. މި ސިންތާގައި އަލިއަޅުވާލާފައިވަނީ ދިވެހީން ތަޖުރިބާކުރި މޫސުމީ ކާރިސާތަކުގެ މައްޗަށެވެ.

ޤައުމީ ދާރުލްއާސާރުގައި ޤާއިމްކޮށްފައިވާ އިސްވަރުގެ އޮފީހުގައި ބޭއްވުނު މި ސިންތާގައި ވާހަކަފުޅު ދައްކަވަމުން، ކޮލެޖުގެ ދިވެހި ތާރީޚާ ބެހޭ އިސްވަރު ކަށިމާ އަޙްމަދު ޝާކިރު ވިދާޅުވީ، "ދިވެހިންނަކީ މޫސުމީ ހާދިސާތަކާ ދުރު ބައެއް ނޫން. ތަފާތު ތަޖުރިބާތައް ދިވެހިންވަނީ ކޮށްފައި" ކަމަށެވެ.

ސިންތާގައި ޝާކިރު އަލިއަޅުވާލެއްވި ކަންކަމުގެ ތެރޭގައި، 211 އަހަރު ކުރިން ރާއްޖޭގައި ހިނގި "ކޭލަކުނު ތަޅާލި ވިއްސާރަ" އާއި 102 އަހަރު ކުރިން ދިވެހިން ތަޖުރިބާކުރި ގަދަ ވައިގެ ހާދިސާ ހިމެނެއެވެ. ކޭލަކުނު ތަޅާލި ވިއްސާރައިގައި ތިލަދުންމަތި، މިލަދުންމަޑުލު އަދި މާޅޮސްމަޑުލުގެ ގިނަ ރަށްތަކެއް ފަޅުވެގެން ދިޔަ ކަމަށް ޝާކިރު ފާހަގަކުރެއްވިއެވެ.

މި ސިންތާގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ މީޓިއޮރޮލޮޖިސްޓް ޙުސައިން ވަޙީދުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ވަޙީދަކީ 1998 ވަނަ އަހަރުން ފެށިގެން މޫސުމާބެހޭ ޤައުމީ އިދާރާގައި މަސައްކަތްކުރައްވަމުން އަންނަ މޫސުމީ ތަޖުރިބާކާރެކެވެ.

މި ސިންތާގެ ތެރޭގައި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ޝާއިޢުކޮށްފައިވާ "ދިވެހި ތާރީޚަށް އައު އަލިކަމެއް" މި ފޮތުގެ ޑިޖިޓަލް ކޮޕީއެއް އަމިއްލަ ފަރާތަކުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއަށް ހަދިޔާ ކުރިއެވެ.

މިއަދު އޮންލައިން