ދ. އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް އާރްޑީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދ. އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް އާރްޑީސީއާ ހަވާލުކޮށްފި

50 އެނދުގެ ދ. އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް އާރްޑީސީއާ ހަވާލުކޮށްފިއެވެ. މި ހޮސްޕިޓަލަކީ ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތް ދިނުމަށް ތައްޔާރުކުރެވޭ ހޮސްޕިޓަލެކެވެ.

ސިއްޙަތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހޮސްޕިޓަލްގައި މެމޮގްރަފީ ޚިދުމަތާއި، ޑެންޓަލް އޯޕީޖީ، އަދި ކަށީގެ ފަރުވާތަކަށް ޚާއްސަ އޯތޯ-ތިއޭޓަރެއް ޤާއިމްކުރެވޭނެއެވެ. މީގެއިތުރުން ޕްރައިވެޓް ރޫމްގެ ޚިދުމަތްވެސް މި ހޮސްޕިޓަލުން ލިބެން ހުންނާނެއެވެ.

އަތޮޅު ހޮސްޕިޓަލެއްގެ ހައިސިއްޔަތުން، މުވައްޒަފުންގެ ތަމްރީނަށް ޚާއްސަ ސަމާލުކަމެއް ދެވިގެން މި ހޮސްޕިޓަލް ފަރުމާކުރެވިފައިވެއެވެ. "މި ހޮސްޕިޓަލްގައި ސްޓާފުންނަށް ތަމްރީން ދިނުމަށް ބޭނުންވާނެ ފެސިލިޓީގެ އިތުރުން، އަތޮޅުތެރޭގެ މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީންދިނުމަށް ބޭނުންވާ ފެސިލިޓީވެސް ޤާއިމްކުރެވިގެންދާނެ" ކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ކުޑަހުވަދޫގައި އެއަރޕޯޓެއް ޤާއިމްކުރެވިފައިވާތީ، އިމަރޖެންސީ ހާލަތްތަކުގައި އަވަސް ފަރުވާ ފޯރުކޮށްދިނުމަށްޓަކައި އިމަރޖެންސީ އީއާރެއް މި ހޮސްޕިޓަލުގައި ޤާއިމްކުރެވޭނެއެވެ. އަދި ކޯވިޑް-19 ފަދަ ގައިންގަޔަށް އަރާ ބަލިތައް ފެތުރޭ ހާލަތްތަކުގައިވެސް ހޮސްޕިޓަލުގެ އާންމު ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތަށް ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީއެއްވެސް މި ހޮސްޕިޓަލުގައި ހިމެނޭނެއެވެ.

ހޮސްޕިޓަލުގެ ހުރިހާ އެނދެއްގައި ޕައިޕްޑް އޮކްސިޖަންއާއި މެޑިކަލް އެއަރ އަދި ސަކްޝަންގެ ޚިދުމަތް ލިބެން ހުންނާނެކަން ސިއްޙަތާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ. މި ހޮސްޕިޓަލް ނިމުމުން ދ. އަތޮޅުގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން