ހަނދުމަކޮށްދިނުމެއް! ތައުބާވުމަކީ އެންމެ ފަސޭހައިން ކުރެވެން އޮތް ކަންތަކެވެ! އެކަމަށް ވަކި ވަޤުތެއް ވަކި ދުވަހެއް ނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ހަނދުމަކޮށްދިނުމެއް! ތައުބާވުމަކީ އެންމެ ފަސޭހައިން ކުރެވެން އޮތް ކަންތަކެވެ! އެކަމަށް ވަކި ވަޤުތެއް ވަކި ދުވަހެއް ނެތެވެ!

ކޮންމެ އިންސާނަކުވެސް ދުނިޔެއަށް އަނަންނީ، މައިމީހާގެ ބަނޑުން ނުކުންނަނީ މުސްލިމެއްގެ ގޮތުގައެވެ. ފިޠުރަތުގެ ސާފުސީދާ ގޮތްމަތީގައެވެ. އެކުއްޖާ އެހެން ދީނަކަށް ވައްދަނީ އެކުއްޖާގެ މައިންބަފައިންނެވެ.

އެކުއްޖާ އުޅެ ބޮޑުވަނީ ކުށްކުރާ ކުއްޖެއްގެ ގޮތުގައެއް ނޫނެވެ. ކުށްތައް ކުރަން ފެށެނީ ބޮޑުވެ ބާލިޣްވުމުންނެވެ. ބާލިޣް ނުވަނީސް ކުރެވޭ ކުށްތަކަށް ﷲ ތަޢާލާ ޢަޛާބް ނުދެއްވަވަނީ އެހެންވެގެންނެވެ. އެހެންވެ ބާލިޣް ނުވާ ޢުމުރުގައި ކުރެވޭ ކަންކަމަށް ތައުބާވާކަށް ނުޖެހެއެވެ.

އިސްލާމް ދީނުގައި ތައުބާވުން މާނަކުރަނީ ފާފަކުރުން ހުއްޓައިލުމަށެވެ. ކުރެވުނު ކުށާއިމެދު ދެރަވެ ހިތާމަކޮށް ދެން އެފަދަ ކުށެއް ނުކުރަން ހިތްވަރުކުރުމަށެވެ. ތައުބާވުމުގެ ޝަރުޠަކީ ކުރެވުނު ފާފަތަކާއިމެދު ދެރަވެ ހިތާމަކޮށް ފާފަތައް ފުއްސަވައިދެއްވެވުން އެދި ދެންނެވުމެވެ. އިތުރަށް ފާފަ ނުކުރަން ޢަޒުމް ކަނޑައަޅައި އެކަމަށް މަސައްކަތްކުރުމެވެ.

އަދި ކީއްހެއްޔެވެ؟ ކުރެވުނު ފާފަތަކުގެ ބަދަލުގައި ހެޔޮ ޢަމަލުތައް ކުރުން ވީހައި ގިނަކުރުމަކީ ތައުބާވުމުގެ އެންމެ މަތީ ދަރަޖައިގައިވާ ކަމެކެވެ. މިޘާލަކަށް ފާފައެއް ކުރެވިއްޖެކަން އިޙްޞާޞްވުމާއިއެކު އަވަހަށް 2 ރަކްޢަތް ނަމާދެއްކުރުމެވެ. އެވަޤުތު ނަމާދުކުރެވެންނެތްނަމަ އެހެންވެސް ހެޔޮ ޢަމަލެއް ކުރަން އަވަސްވެގަތުމެވެ.

އެހެންކަމުން ތައުބާވުމަކީ ކުރަން ބުރަ ކަމެއް ނޫނެވެ. ނަމަވެސް ކުޑަހިތްވަރެއް ކުރަންޖެހޭ ކަމެކެވެ. އެއީ ކުރަން އާދަވެފައިވާ ފާފަތައް ނުކުރަން ހިތްވަރުކޮށް ސާބިތުވުމެވެ. އެކަން ކުރެވުމުން އެހުރީ ތައުބާވެވިފައެވެ.

ތައުބާވުމާއި ބެހޭގޮތުން ޝައިޚް މުޖުތަބާ ޙަމީދު ބަޔާންކުރައްވާފައިވެއެވެ.

އެއްދުވަހަކު ތިބާއަށް ވަރަށް ރީތި ފިނިފެންމަލެއް ފެނިއްޖެއެވެ. އެމާ ބިދެލާހިތްވެއްޖެއެވެ. ނަމަވެސް ގަހަކީ ތިބާގެ ގޭގައި ތިބާ އަތުން އިންދާފައިން ގަހެކެވެ. އެހެންވެ އެ މާ ނުބިންނަން ހަމަ ހިނދުކޮޅެއްގެ ތެރޭގައި ނިންމައިފިއެވެ. ނަމަވެސް އޭގެ ގަޑިއިރެއްގެ ފަހެވެ. ތިބާ ހުރީ ހަމަ އެ ފިނިފެންމާ ގަސްދޮށުގައެވެ. އެކަމަކު ގަހުގަ ކުރިންއިން ތިބާއަށް ރީތިވި ފިނިފެންމަލެއް ނެތެވެ. އެ މާ ކޮބައިހެއްޔެވެ؟ ތިއޮތީ ތިބާގެ އަތުގަ ނޫންތޯއެވެ؟ ތިކުރެވުނީ ކޮންކަމެއްކަން އެނގޭހެއްޔެވެ؟ ޖަވާބަކީ ”ފިނިފެންމާ ބިންނަން ތައުބާވީ އެވެ.“

ހައިރާން ނުވާށެވެ! ތައުބާ އަކީ ޢަރަބި ލަފުޒެކެވެ. މާނައަކީ އެނބުރި ރުޖޫޢަވުމެވެ. ކުރިން ބިންނަން އުޅުނު ފިނިފެންމާ ނުބިންނަން އުޅެފަ އަނެއްކާވެސް ކުރީގެ ޚިޔާލަށް ތިބާ ރުޖޫޢަވެ އެ މާ ބިނދެލީނޫންތޯ އެވެ. އެހެންވީމާ މާ ބިނުމަށް ކުރީންސުރެ ގެންގުޅުނު ޚިޔާލަށް ތިޔަވަނީ ރުޖޫޢަވެވިފައެވެ. އެއީ ބަހަވީގޮތުން ތައުބާވުމެވެ.

ޝަރުޢީ އިޞްޠިލާޙުގައި ތައުބާވުމަކީ، އެއީ ﷲ ތަޢާލާއަށް އުރެދި އެއިލާހު ނަހީކުރައްވާފައިވާ ފާފަތައް ދޫކޮށް ﷲ އަށް ކިޔަމަންތެރިވުމާއި ބޯލެނބުމުގެ ތެރެއަށް ރުޖޫޢަވުމެވެ.

 

މިއަދު އޮންލައިން