ކުޑަހުވަދޫއިން ރައީސްއަށް ހޫނު މަރުހަބާ ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކުޑަހުވަދޫއިން ރައީސްއަށް ހޫނު މަރުހަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ފެއްޓެވި ދެކުނު ނިލަންދެއަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކުޑަހުވަދޫގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

އެމަނިކުފާނު ކުޑަހުވަދޫއަށް ޒިޔާރަތްކުރެއްވުމުން، ރަށުގެ ކުދި ބޮޑު އެތައް ބަޔަކު ވަނީ އެއަރޕޯޓު ސަރަހައްދަށް އެއްވެ، އުފާވެރި މަރުހަބާއެއް ދަންނަވާފައެވެ.

ތިން ދުވަހުގެ މުއްދަތަށް ރޭވިފައިވާ މި ދަތުރުފުޅުގައި، ރައީސް މުޢިއްޒު ވަނީ އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަދި އެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްޤީއަށް ރޭވިފައިވާ އައު މަޝްރޫޢުތަކެއް ފައްޓަވައިދެއްވުމާއި، ނިމިފައިވާ މަޝްރޫޢުތަކެއް އިފްތިތާހުކޮށްދެއްވުން ވެސް ހިމެނެއެވެ. މިއީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއްކަމަށްވާ، ކޮންމެ ރަށަކަށް ދައުރުގެ ތެރޭގައި ދެފަހަރު ޒިޔާރަތްކުރެއްވުމުގެ ސިލްސިލާގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅަކީ ރައްޔިތުންގެ ގާތަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންގެ ހާލު ބެއްލެވުމަށާއި، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ކުރިއެރުން ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ކަންބޮޑުވުންތަކާއި ބޭނުންތައް އަޑުއެއްސެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން