ގައުމުގެ އިޤްތިސާދު ހަރުދަނާކުރުމުގެ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުޑަހުވަދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ތަންފީޒުކުރަން ޖެހިވަޑައިގަތީ ކުރީގެ އެމްޑީޕީ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓެކެވެ. އެ ބަޖެޓަކީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދޭނެ ގޮތަށް އެކުލަވާލެވިފައިވާ ބަޖެޓެއް ނޫންކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޤައުމުގެ ހާލަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއަދުގެ ހާލަތު ތަފާތު ތި ބޭފުޅުންގެ އެއްބާރުލުމާއެކު، ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ކަންކަން ފަހިކޮށްދެއްވީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދޭނެގޮތަށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިޤްތިސާދީ ހާލަތު އޮތްގޮތުން، އެންމެ ފުރަތަމަ އިސްކަންދެއްވަން ޖެހިވަޑައިގަތީ ބޭރާއި އެތެރޭގެ ދަރަނިތައް ދެއްކެވުމާއި އިޤްތިސާދު ހަރުދަނާކުރެއްވުމުގެ މަސައްކަތްތަކަށެވެ. މި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް އަމަލީގޮތުން ކުރައްވާ މަސައްކަތްތަކުގެ ނަތީޖާ މިއަހަރު ފެނިގެންދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި މިކަންކަން ފަހިކޮށްދިނުމުގައި ރައްޔިތުން ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.