ދ. ކުޑަހުވަދޫގައި ދެމުންދާ ޚިދުމަތް އިތުރަށް ފުޅާކޮށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު އެރަށުގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ފަށައި، އެބޭންކުގެ އައު ގޮފީގެ ބިންގާ އަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ކުޑަހުވަދޫ ގޮފީގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ބީއެމްއެލްގެ ޗެއަރޕާސަން އަޙުމަދު ޢަލީ ޙަބީބާއި، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އެވެ.
ބޭންކުން މަޢުލޫމާތު ދެއްވިގޮތުގައި، މިހާރު ކުޑަހުވަދޫގައި ހުރި އޭޓީއެމްގެ އިތުރުން، އަލަށް ގާއިމުކުރެވުނު އޭޓީއެމުން ކަސްޓަމަރުންނަށް އިތުރު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދެވޭނެއެވެ. މީގެ ތެރޭގައި ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ޓްރާންސްފަރ ކުރުމާއި، ކާޑުތަކަށާއި ލޯނުތަކަށް ފައިސާ ދެއްކުން ހިމެނެއެވެ.
އަލަށް ގާއިމްކުރެވުނު އޭޓީއެމްއާއެކު ކަސްޓަމަރުންނަށް ކުޑަހުވަދޫގެ ބޭންކް ގޮތްޕަށް ޒިޔާރަތް ނުކޮށް 24 ގަޑިއިރު ބޭންކިންގ ގިނަ މުޢާމަލާތްތައް ކުރެވޭނެކަން ބޭންކުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ކުޑަހުވަދޫގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް އިތުރަށް ފަސޭހަވެގެންދާނެއެވެ.
ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުޑަހުވަދޫގައި މިއަހަރު ޑޮލަރު އޭޓީއެމްއެއް ވެސް ޤާއިމްކުރައްވާނެކަމަށެވެ. އަދި މީގެ ފައިދާ އެރަށާއި އެސަރަހައްދުގެ އިޤްތިޞާދަށް ކުރާނެކަމަށެވެ.