ސަރުކާރުން ދ. ކުޑަހުވަދޫގައި އެޅުމަށް ނިންމާފައިވާ 500 ހައުސިންގ ޔުނިޓުގެ ތެރެއިން ވަކި އަދަދެއްގެ ގެ އަމިއްލަ ގޯތިތަކުގައި އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އަމިއްލަ ފަރާތަކުން ހައުސިންގ އެޅުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި 500 ހައުސިންގ ޔުނިޓުގެ ތެރެއިން ބައެއް އަމިއްލަ ގޯތިތަކުގައި އަޅައި، ބާކީ ބައި ހައުސިންގ ޔުނިޓުގެ ގޮތުގައި އެޅުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ދަށުން އަޅާ ގެތަކަކީ ތިން ކޮޓަރީގެ ގެތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. "މިއީ ގެދޮރު ބޭނުންވާ މީހުންނަށް އެންމެ އެކަށީގެންވާ އަދަދު" ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އިތުރު ބަޔަކު ހިޖުރަކުރާނަމަ، އިތުރު ހައުސިންގ ޔުނިޓު އެޅުމަށްވެސް ވަނީ ރޭވިފައެވެ.
"މިރަށުގެ ތަރައްޤީގެ އެންމެ ފުރަތަމަ ސިޔާސަތަކީ ގެދޮރުވެރިކަން. އިރާދަކުރެއްވިއްޔާ މިކަމުގައި ތިބޭފުޅުންނާ އެކީ ކުރިއަށްގޮސް ރަނގަޅު ނަތީޖާއެއް ނެރެދޭނަން" ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރުން ގެދޮރު އެޅުމަށް ދޫކުރާ ލުއި ލޯނުގެ ބޭނުން ހިފުމަށް ރައީސް ރައްޔިތުންނަށް ގޮވާލެއްވިއެވެ. ކުޑަހުވަދޫގައި މި ލޯނުގެ ދަށުން 3 މިލިއަން ރުފިޔާއާ ހަމައަށް ނެގޭނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.