ކުޑަހުވަދޫގެ ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމާއި ހިއްކިބިމުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ކުޑަހުވަދޫގެ ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމާއި ހިއްކިބިމުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ދ. ކުޑަހުވަދޫގެ ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމާއި ހިއްކިބިމުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާވެށްޓާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރު އެވެ.

މި އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ކުޑަހުވަދޫގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ޤާއިމްކުރެވިފައިނުވާ ސަރަޙައްދުތަކުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން އަދި ނަރުދަމާ ޖަންކްޝަން ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން ފެން މީޓަރުތައް ބެހެއްޓުމާއި އައުޓްފޯލް އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ރަށުގެ ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި، ދުވާލަކު 100 ޓަނުގެ ފެން އުފެއްދޭ ވަރުގެ އާރުއޯ ޕްލާންޓެއް އަދި 700 ޓަނުގެ ފެން ރައްކާކުރެވޭ ވަރުގެ 2 ޓޭންކު ބެހެއްޓުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރެވޭނެއެވެ.

87 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ ޚަރަދު ހިނގާނެ މި މަޝްރޫޢު ނިންމުމަށް އާރުޑީސީއަށް 700 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. މި މަޝްރޫޢު ނިމުމުން ކުޑަހުވަދޫގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެއެވެ.

މިއަދު އޮންލައިން