ކައިވެނީގަ ބަރަކާތް ލައްވަވައި ތަނަވަސްކަމާއި އުފާވެރިކަން ލިބުމަށް އެދޭނަމަ ލޯބިވުމުގެ ކުރިން އޭނާ ދީނަށް ޢަމަލުކުރާވަރު ބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ކައިވެނީގަ ބަރަކާތް ލައްވަވައި ތަނަވަސްކަމާއި އުފާވެރިކަން ލިބުމަށް އެދޭނަމަ ލޯބިވުމުގެ ކުރިން އޭނާ ދީނަށް ޢަމަލުކުރާވަރު ބަލާށެވެ!

މިހާރަކަށް އައިސް ގިނަފަހަރު އަނެކާގެ ޙަޤީޤަތް ދެނެގަންނަން މަސައްކަތް ކުރެވެނީ ކައިވެނިކުރާ ހީސާބަށް ދެވުމުންނެވެ. ނަމަވެސް އެއީ އެކަންކުރަން އޮތް ގޮތެއް ނޫނެވެ. ލޯބިވެ ދެމީހުން ގުޅެން ނިންމުމުގެ ކުރިއަށް އެކަންކަން ބަލަން އެބަޖެހެއެވެ. ފައިދާކުރާނީ އެއިރުންނެވެ.  

ކައިވެނިކުރުމުގެ ބޭނުމަކީ އުފާވެރި ދިރިއުޅުމެއް އުޅުމެއް އުޅުމެވެ. އުފާވެރި ދިރިއުޅުމަކީ ހަމައެކަނި ކައިވެނިކުރެވޭ ދެމީހުންގެ އުފާވެރިކަން ކަމުގައި ބަލައިގެންނުވާނެއެވެ. ކައިވެނިކުރުމަށްފަހު ލިބޭ ދަރިންނާއި ދެމަފިރިންނާއި ދެމަފިރިންގެ ޢާއިލާގެ އުފާވެރިކަމާއި މަޞްލަޙަތަށްވެސް ބަލަންވާނެއެވެ.  

އެހެނީ ކައިވެނިކުރާ ހިސާބުން ޢާއިލީ ގުޅުން ކެނޑިއްޖެނަމަ ކުރިމަތިލާންޖެހޭނެ ވަރަށް ގިނަ މައްސަލަތައް ހުންނާނެއެވެ. އަދި ޖުމުލަ ގޮތެއްގައި ބަލައިފިނަމަ އުފާވެރިކަމެއްވެސް ނުލިބޭނެއެވެ. ވީމާ ދެފަރާތުގެ ޢާއިލާއަކީވެސް އުފާވެރިކަން ލިބުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ބައެކެވެ. 

ވީމާ ކައިވެނިކުރަން މީހަކު އިޚްތިޔާރުކުރާއިރު ބަލަންޖެހޭ ކަންކަމުގެ ތެރޭގައި އެމީހާ ޢާއިލާގެ އާދަކާދަތަކާއި ކިހައިވަރަކަށް ރުހޭ މީހަކުކަމާއިމެދު ވިސްނާލަންވާނެއެވެ. ހުރިހާ ކަމެއްގައި އެއްގޮތް މީހަކަށް ނުވިނަމަވެސް ގިނަ ކްނަތައްތަކަކަށް ރުހޭ މީހަކުތޯ ބަލަންވާނެއެވެ. ގިން ކަންތައްތަކަށް ނުރުހޭނަމަ އެންމެ ބޮޑެތި ކަންތައްތަކަށް ރުހޭ މީހަކުތޯ ބަލަންވާނެއެވެ.  

ކައިވެނިކުރުމަށްފަހު އަނބިމީހާގެ ހުރިހާ ޒިންމާތަކެއް އުފުލަންޖެހޭނީ ފިރިމީހާއަށް ނަމަވެސް ކޮންމެވެސް ސަބަބުތަކެއް މެދުވެރިވެގެން ގިނަ ފަހަރު މިއޮންނަނީ ޢާއިލާގެ އެހީތެރިކަމަށް އެދެންޖެހިފައެވެ. ޚާއްޞަގޮތެއްގައި ކައިވެނކުރާއިރު އަނބިމީހާއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ގިނަފަހަރު އޮންނަނީ ނުކުޅެދިފައެވެ.  

ދެން މިޖެހެނީ ކޮންމެވެސް އެކެއްގެ ޢާއިލާ އާއިއެކުގައި ދިރިއުޅޭށެވެ. އެޙާލަތުގައި އެޢާއިލާއެއްގެ އާދަކާދަތަކަށް އެއްބަސްނުވެވޭނަމަ ނުވަތަ ނުރުހޭނަމަ ބޮޑެތި މައްސަލަތައް ނުޖެހިއެއް ނުދާނެއެވެ. އެކަމަށް ނުވިސްނައި ކައިވެނިކުރުމުން ކުރު މުއްދަތެއްގައި ރޫޅާލަން ޖެހޭ ކައިވެނިވެސް މަދެއް ނޫނެވެ. 

ނިންމާލުމުގެ ކުރިން ވަރަށް ގިނައިން ޖެހޭ މައްސަލައެއްވެސް ފާހަގަކޮށްލާނަމެވެ. އެއީ ދީނަށް ޢަމަލުކުރުމުގެ މައްސަލައެވެ. މުސްލިމުން ކަމުގައިވީނަމަވެސް ދީނަށް ޢަމަލުނުކުރާ ބައަކު އެބްއުޅޭކަން ޤަބޫލުކުރަންޖެހެއެވެ. ވީމާ ދީނަށް ޢަމަލުނުކުރާ މީހަކަށް ދީނަށް ޢަމަލުކުރާ ބައަކާއިއެކު ދިރިއުޅެން ފަސޭހައެއް ނުވާނެއެވެ. އަދި ދީނަށް ޢަމަލުނުކުރާ މީހަކަށް ދީނަށް ޢަމަލުކުރާ ބައަކާއިއެކުގައި ދިރިއުޅޭކަށްވެސް ފަސޭހައެއް ނުވާނެއެވެ.  

މިމައްސަލައަކީ މަޖުބޫރުކުރުވައިގެން ޙައްލުކުރެވޭނެ ކަމެއްވެސް ނޫނެވެ. ޙައްލުކުރެވޭނީ ޙައްލުކުރަން އެމީހަކު ބޭނުންވެގެންނެވެ. ޙައްލުކުރަން އެމީހަކު މަސައްކަތްކޮށްގެންނެވެ. ވީމާ ދީނަށް ޢަމަލުކުރާ އާއިލާއެއްހެ ކުއްޖަކު ދީނަށް ޢަމަލުނުކުރާ ޢާއިލާއެއްގެ މީހަކާއި ކައިވެނި ނުކުރަން އިލްތިމާސްކުރަމެވެ. އެކަމުގެ ސަބަބުން ދީންވެރިކަން ގެއްލި އާޚިރަތް ގެއްލިއްޖެނަމަ އެކަމުން ލިބޭނެ ގެއްލުން ފޫނުބެއްދޭނެތީއެވެ!  

އަހުރެން ޤަބޫލުކުރާ ގޮތުގައި މިމައްސަލައަށް އޮތް ޙައްލަކީ ލޯބިވުމުގެ ކުރިން އަދި ކައިވެނިކުރުމުގެ ކުރިން މިކަންކަމަށް ބަލައިގެން ކަންކަން ނިންމުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

  

މިއަދު އޮންލައިން