ރަމަޟާން މަހުގެ ދުވަސްތައް ބައެއް މީހުންނަށް ދިގުވެގެންދެއެވެ. ފޫހިފިލުވާލަން ބޭނުންވެއެވެ. ދުވަސްކުރުކޮށްލަން ކޮންމެވެސް ކަމެއް ކުރުމުގެ ބޭނުމުގެ ބޭނުމުގައި ނަމަވެސް ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ ޢަމަލުތައް ކުރެވޭނަމަ ރޯދައިން އުނިވާނެއެވެ. ވީމާ މިޔުޒިކް އަޑުއެހުމާއިމެދު ވިސްނައިލަމާތޯއެވެ!
ދީނީގޮތުން މިޔުޒިކް އަޑުއެހުމަކީ ކޮންކަހަލަކަމެއް ކަމާއިމެދު ކުރިއާއި ފަހުގެ ބައެއް ދަންނަ ބޭކަލުންގެ ބަސްފުޅުތައް-
މިހިސާބުން މިބަލައިލަނީ މިމައްސަލާގައި (ދީނީގޮތުން މިޔުޒިކް އަޑުއެހުމަކީ ކޮންކަހަލަކަމެއް ކަމާއިމެދު) ކުރިއާއި ފަހުގެ ބައެއް ދަންނަ ބޭކަލުންގެ ބަސްފުޅުތަކަށެވެ.
ފަހެ މިއުއްމަތުގެ ކުރީގެ ދަންނަށް ބޭކަލުން ވަނީ ދުއްފު (ތާރަ) ފިޔަވައި އެހެން ހުރިހާ މިޔުޒިކް ސާމާނަކީ ޙަރާމް އެއްޗެތިކަމަށް އިޖުމާޢް ވެލައްވާފައެވެ. މިއީ އިޖްމާޢެއް ކަމަށް ދަންނަވާފައިވާ ޢިލްމުވެރިންގެތެރޭގައި އަބޫ ޠަބީބު އައްޠަބަރީ، އިމާމް ޤުރުޠުބީ، އިބްން ރަޖަބް، އިބްން ޞަލާޙް އަދި އިބްން ޙަޖަރު އަލްޙައިތަމީ ރަޙިމަހުމުﷲ ފަދަބޭކަލުން ހިމެނެއެވެ. މުއުމިނުންގެ ޚަލީފާ އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. "ލަވަޔާ މިޔުޒިކަކީ ޝައިޠާނާގެ އަޑެވެ."، އިބްން މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. "ފެނުގެ ސަބަބުން ވިނަ ހެދޭ ފަދައިން ލަވައިގެ ސަބަބުން ހިތުގައި ނިފާޤްކަން އުފެދެއެވެ. އަދި ލަވަޔާއި މިޔުޒިކު ހަރާމް ވުމުގެ އެންމެ ބޮޑު އެއް ޙިކުމަތަކީ ﷲ ތަޢާލާގެމަތިން ޣާފިލު ވުމެވެ." ހަމަ އެފަދައިން ޢުމަރުބިން ޢަބްދުލް ޢަޒީޒު ވިދާޅުވެފައިވެއެވެ. "ލަވަޔާ މިޔުޒިކުގެ ފެށުން ވަނީ ޝައިޠާނާގެ ގާތުންނެވެ. އޭގެ ނިމުންވަނީ އައްރަހުމާނުގެ (ﷲ) ކޯފާއިންނެވެ."
އަދި ޝައިޙުލް އިސްލާމް އިބްނު ތައިމިޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ހަތަރު މަޒުހަބުގެ (ޙަނަފީ، މާލިކީ، ޝާފިޢީ އަދި ޙަންބަލީ ) ޢިލްމުވެރިންގެ އަރިހުގައި ހުރިހާ މިޔުޒިކު ސާމާނަކީ ވެސް ޙަރާމް އެއްޗެކެވެ. (مجموع الفتاوى: 11/576)
އިމާމް އަބޫޙަނީފާ ރަޙިމަހުﷲ ލަވަޔަށް ނުރުއްސަވައެވެ. އަދި އެއީ ފާފައެއް ގޮތުގައި ހިމަނުއްވައެވެ. ހަމައެފަދައިން ކޫފާގެ އަހުލުވެރިންގެ މަޛްހަބަކީވެސް އެއީއެވެ. އޭގެތެރޭގައި ސުފްޔާންއާއި، ޙައްމާދާއި، އިބްރާހީމާއި، ޝަޢްބީ ރަޙިމަހުމުﷲ ފަދަބޭކަލުން ހިމެނިވަޑައިގަންނަވައެވެ. މިބޭކަލުންގެ މެދުގައި މިކަމުގައި ޚިލާފެއްނުވެއެވެ. އަދިހަމަ އެފަދައިން ބަޞަރާގެ އަހުލުވެރިންގެ ތެރޭގައިވެސް މިކަމުގަ ޚިލާފެއްވާކަމެއް އެނގިފައި ނުވެއެވެ. އަދި އިބްނުލް ޤައްޔިމް ރަޙިމަހުﷲ އިޣާޘަތުލް ލަހްފާންގައި ވިދާޅުވެފައި ވެއެވެ.
މިޔުޒިކު ޙަރާމްކަމުގައި ދެކޭ އެންމެ ހަރުކަށި މަޒުހަބަކީ އަބޫ ޙާނީފާގެ މަޒްހަބެވެ. އެކަލޭގެފާނުގެ ބަސްފުޅު މިކަމުގައި އެންމެ ހަރުކަށި ބަސްފުޅުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އެކަލޭގެފާނުގެ މަޒްހަބުގެ ބޭފުޅުން ވަނީ މިފަދަ ހުރިހާއެއްޗެއް އަޑުއެހުން ޙަރާމްވާނޭކަމަށް ޞަރީޙަބަހުން ވިދާޅުވެފައެވެ.
އަދި އެއީ ކަނޑައެޅިގެން އުރެދުމެއް ކަމަށާއި އެމީހެއްގެ ހެކިބަސްވެސް ބަލައި ނުގަނެވޭނެކަމުގައި ވިދާޅުވެއެވެ. އަދި އެއަށްވުރެވެސް ހަރުކަށިކޮށް އެބޭފުޅުން ވިދާޅުވެފައިވެއެވެ. "އެ އަޑު އެހުމަކީ ފާސިޤުކަމެކެވެ. އެއިން ލައްޒަތު ލިބިގަތުމަކީ ކުފުރެކެވެ." މިއީ ކަނޑައެޅިގެން އެބޭފުޅުންގެ ބަސްފުޅެވެ. އިމާމް މާލިކް ވަނީ ލަވަޔާއި މިޔުޒިކު ކުޅުމާއި އަޑުއެހުން މަނާކުރައްވާފައެވެ. އަދި ވިދާޅުވެއެވެ. ތިމަންނަމެންގެ ތެރެއިން އެކަންކުރަނީ ފާސިޤުންނެވެ.
އަދި އިމާމް ޝާފިޢީ ރަޙިމަހުﷲ އާދާބުލް ޤަޟާގައި ވިދާޅުވެފައިވެއެވެ. ހަމަކަށަވަރުން ލަވަޔަކީ މަކްރޫޙަވެގެންވާ ބޭކާރު ވާހަކައެވެ. އަދި އެ އެއްގޮތްވެގެން ވަނީ ބާޠިލާއެވެ. އެކަން ގިނަކޮށްފިމީހާ އަކީ މޮޔައެކެވެ. އަދި އޭނާގެ ހެކިބަސް ޤަބޫލުނުކުރެވި ރައްދުކުރެވޭ ހުއްޓެވެ. އަދި އެކަލޭގެފާނުގެ މަޒުޙަބުގެ މަޝްހޫރު ޢިލްމުވެރިން އެކަން ޙަރާމްކުރައްވައެވެ. އަދި އެކަލޭގެފާނު ލަވަހުއްދަކުރާ ކަމަށް ބުނާމީހުން (ޤާޟީފަދަބޭކަލުން) ގެބަހަށް އިންކާރުކުރައްވައެވެ.
އިމާމް އަޙްމަދު ރަޙިމަހުﷲގެ އަރިހުން ޔަތީމުންތަކަކަށް ވާރުތަމުދަލުގެ ގޮތުގައި ވާރުތަވެފައިވާ ލަވަކިޔާ ޖާރިޔާއެއް ވިއްކުމާއި ބެހޭގޮތުން ސުވާލުކުރުމުން ދެއްނެވިއެވެ. އޭނާ ނުވިއްކާހުށިކަމެވެ. އެހެނެއްކަމަކު އޭނާއީ އާދައިގެ ދެރަ މީހެއްގެ ގޮތުގައި ވިއްކާލާށެވެ. ޝައްކެއް ނެތް ގޮތުގައި ލަވަޔާއި ގުޅުންހުރި މީހެއްގެ ގޮތުގައި އެކުއްޖާ ވިއްކިނަމަ ބޮޑު އަގުގައި ވިއްކުނީހެވެ. ނަމަވެސް އެކަލޭގެ ފާނު އެކަން ހުއްދަ ނުކުރައްވާތީވެ ދަށް އަގުގައި ވިއްކުމަށް އަމުރު ކުރެއްވީއެވެ.
(غذاء الألباب في شرح منظومة الآداب)
އަދި އަލް އިމާމް ޤުރުޠުބީ ރަޙިމަހުﷲގެ ކިބައިން ނަގުލުވެގެން ވެއެވެ. " ބެރާއި މިޔުޒިކު ސާމާން ކުޅުމާއި އަޑުއެހުމުގެ ޙަރާމް ކަމާމެދު އެއްވެސް ޙިލާފެއް ނުވެއެވެ. އަދި އިތުބާރުހިފޭ ސަލަފުންގެ (ކުރީގެ) އަދި ޚަލަފުގެ (ފަހުގެ) އެއްވެސް އިމާމެއްގެ ކިބައިން ލަވަ ހުއްދަކުރަނިކޮށް އަހުރެން އަޑު ނައަހަމެވެ. ފަހެ ކީއްވެތޯ ޙަރާމްނުވާންވީ! އެއީ ރާބޯ މީހުންނާއި ފާސިޤުންގެ ޝިޢާރެވެ. އަދި ފަސާދައާއި ޝަޙުވަތް ޙަރަކާތް ކުރުވަނިވި އެއްޗެއްސެވެ. "
ފަހުގެ ޢިލްމުވެރިންގެ ތެރެއިން ސަމާޙަތުއްޝައިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހުﷲ ވިދާޅުވެފައިވަނީ ލަވަ އަޑުއެހުމަކީ ޙަރާމްވެގެންވާ މުންކަރާތެކެވެ. އަދި އެއީ ހިތުގެ ބަލިމަޑުކަން އިތުރުވެ ހިތް ހަރުވެ ﷲ ތަޢާލާގެ މަތިން ހަނދުމަ ނެތިކޮށްލާ ކަމެކެވެ.
އަދި ޢައްލާމާ ނާޞިރުއްދީން އަލް އަލްބާނީ ރަޙިމަހުﷲ މިއުޒިކް ސާމާނު ހުއްދަ ކުރާނޭ ބަޔަކު އަންނާނޭ ކަމަށް ވާ ޙަދީޘާ ބެހޭ ގޮތުން ވިދާޅުވެފައިވެއެވެ. ޙަދީޘްގައި މިއުޒިކްސާމާނު ކަނޑައެޅިގެން ޙަރާމްކަމަށް ދަލީލު ކޮށްދެނީ އެޙަދީޘްގައިވާ އެހެނިހެން ކަންތައް ކަނޑައެޅިގެން ޙަރާމް ވުމުންނެވެ. އެގޮތުން ޒިނޭކުރުމާ ރާބުއިން ހިމެނެއެވެ.
މިހުރިހާ ބަސްފުޅުތަކާއި ދަލީލުތަކުން މިކަމުގެ ޙުކުމް ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ނަމަވެސް މިހިސާބުން ޢިލްމު ވެރިން މިކަމުގެ ޙުކުމް ބައްސަވާފައިވާ ތަރުތީބު ހާމަ ކޮށްލާނަމެވެ.
ޝަރުޢީގޮތުން ލަވައިގެ ޙުކުމަށް ބަލާލާއިރު މިޔުޒިކާއިއެކު ކިޔާފައިވާ ލަވައެއްނަމަ ފިރިހެނުން އަދި އަންހެނުންގެ މައްޗަށް ޙަރާމް ކަމަށް ޢިލްމުވެރިން ވަނީ އިޖުމާޢްވެފައެވެ. ހަމައެކަނި އިސްތިސްނާވެގެންވަނީ ތާރަ އާއި މެދުގައެވެ. އަދި ތާރައާއި ބެހޭގޮތުން ޢިލްމެރިންގެ އެންމެ ޞައްޙަ ގޮތަކީ އަންހެނުންނަށް ޢީދުގަޔާއި ކައިވެނިޕާޓީ ތަކުގައި ހުއްދަކަމަށެވެ.
އެކަމަކު އޭގައި ޝަރުޠުވެގެންވަނީ ފާޙިޝްނޫން ބަސްތަކަކާއި އެކު ބޭނުންކުރުމެވެ. އަދި އަންހެނުންނަށް ޚާއްޞަކުރެވިފައިވާ ބަސްތަކެއްކަމުގައިވުމާއި އެކު ނަފްސުގެ ޣަރީޒާ ތަކާ ކުޅެލާބަސްތަކެއްކަމުގައި ނުވުމެވެ. ދެން އޮތީ ލަވަމިޔުޒިކާއި ނުލައި ކިޔުމުގެ ޙުކުމެވެ. މިބެހިގެންދަނީ ދެބަޔަކަށެވެ. ލަވަކިޔާމީހާއަކީ އަންހެނަކު ކަމުގައިވެ އަޑުއަހާމީހާއަކީ ފިރިހެނެއް ކަމުގައި ވާނަމަ މީގެ ޙަރާމް ކަމާއިމެދެ އެއްވެސް ޝައްކެއްނުވެއެވެ. މީގެ މިސާލަކީ އަންހެނަކު ބަންގިގޮވުން ދީނުގައި މަނާވެގެންދާފަދައެވެ.
ދެވަނަބަޔަކީ ފިރިހެނުން ކިޔާލަވައެވެ. ފަހެ އެކިޔޭލަވަޔަކީ ހެޔޮކަމަށް ގޮވާލާ، އަދި އެކަމުގައި ހެޔޮބަސްތައް އެކުލެވިގެންވާ ނަމަ ބައެއް ޢިލްމުވެރިން މިކަން ހުއްދައް ކުރައްވައެވެ. އަދި ބައެއް ޢިލްމުވެރިން މަކްރޫހަކަމެއްގެ ގޮތުގައި ދެކިލައްވައެވެ. އަދި ޚާއްޞަކޮށް އެކަމަށް އަގު ނަގާމަނަމައެވެ. މިކަމުގައިވެސް ޢިލްމުވެރިންގެ އެންމެ ޞައްޙައް ބަސްފުޅަކީ، އެއީ ޝިޢްރު (ޅެން) ނަވަތަ މަދަޙަ ފަދަ އެއްޗެއްކަމުގައިވެ އަދި އޭގައި ހެޔޮ ބަސްތަކެއް އެކުލެވިގެންވާނަމަ ހުއްދަ ކަމުގައިދެކުމެވެ. ނަމަވެސް މިފަދައިން ކިޔޭ ޅެންފަދަ ތަކެއްޗަކީ ފާޙިޝްކަމާއި މުންކަރާތާއި އަންހެނުންނައް ހިތްކިޔާ އަދި ހަޑި ހުތުރު ބަސްތަކެއްކަމުގައި ވަނީ ނަމަ ޙަރާމްވެގެންވުމެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް