"އަހަރެމެން" (نحن) މިގޮތަށް ކީރިތި ޤުރްއާނުގައި ﷲ އެއިލާހުގެ ޛާތުފުޅަށް ނިސްބަތްކުރައްވާފައިވަނީ ކީއްވެތޯއެވެ؟ ﷲ އީ އެއްކައުވަންތަ، އެއިލާހާ އެއްފަދަ ދެވަނަ އެއް ނުވާ، އެއިލާހަށް ޝަރީކަކު ނުވާ އިލާހެވެ؟
الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:
އަމިއްލަ ނަފްސަށް އިޝާރާތްކޮށް ޖަމްޢުގެ ޞީޣާ (ނަޙްނު)، ނުވަތަ މުފްރަދުގެ ޞީޣާ (އަނާ)، ނުވަތަ ޣައިބުގެ ޞީޣާ (ހުވަ) ބޭނުން ކުރުމަކީ ޢަރަބިންގެ ތެރޭގައި ވާހަކަދެއްކުމުގައި ބޭނުން ކޮށް އުޅުނު އުސްލޫބު ތަކެވެ. ކީރިތި ގުރްއާން ބާވާލެއްވުނީ ޢަރަބި ބަހުން ކަމުން، ޢަރަބިންގެ ތެރޭގައި ބޭނުން ކޮށް އުޅުނު ތިން ޞީޣާވެސް ކީރިތި ގުރްއާނުގައި ބޭނުން ކުރައްވާފައިވެއެވެ. (ފަތާވާ އައްލަޖްނަތުއްދާއިމާ 4/143).
(އަނާ) އަދި (ނަޙްނު) މި ދެލަފްޡު ބޭނުން ކޮށްގެން މީހަކު އޭނާގެ ޖަމާޢަތަށް ނިސްބަތްކޮށްވެސް ވާހަކަ ދައްކަފާނެއެވެ. އަދި ބައެއް ފަހަރު މީހަކު އޭނާގެ އަމިއްލަ ނަފްސަށްވެސް މިދެޞީޣާ ބޭނުން ކޮށްފާނެއެވެ. މިޘާލަކަށް ރަސްރަސްކަލުން ބޮޑެތި ބަޔާންތައް އިއްވާ ހިނދުގައި (ނަޙްނު) ބޭނުން ކުރެއެވެ. އެކަމަކު އެއީ އެންމެ ފަރްދެކެވެ. މީގެ ބޭނުމަކީ މަތިވެރި ކުރުމެވެ. ނުވަތަ ވަރުގަދަކޮށް ބާރުވެރި ކުރުވުމެވެ. އެންމެ މަތިވެރި ބާރުވެރި ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ. އެހެން ކޮށްމެ ފަރާތަކަށް ވުރެ އެއިލާހުގެ މަތިވެރި ކަމާއި ބާރުވެރިކަން ބޮޑެވެ. އެހެންކަމުން، ކީރިތި ގުރްއާނުގައި (އިންނާ، ނަޙްނު) އައިސްފައި އިނުމުގެ ބޭނުމަކީ އެކަލާނގެ މަތިވެރިކަން ދޭހަކޮށް ދިނުމެވެ. މީގެ މާނައަކީ ފަހަރެއްގައިވެސް އެކަލާނގެ އާއި އެކު އެހެން ޝަރީކަކު ވުމެއް ނޫނެވެ. والله أعلم
- ޖަވާބު ދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް