މުސްލިމުން ކަމުގައިވީނަމަވެސް ދީނުގެ ކަންކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވޭ ގިނަބައަކު އުޅެއެވެ. އެއީ ކޮންމެހެން ދޭންބޭނުންނުވާތީއެއްވެސް ނޫނެވެ. ދިރިއުޅޭ މާޙައުލާއި އެކުގައި އުޅެވޭ މީހުންގެ ސަބަބުންވެސް އެކަން މެދުވެރިވެއެވެ. އެހެނަސް މިފަދަ އެއްވެސް ސަބަބަކީ ނަމާދުނުކުރަން ދެއްކޭނެ ޢުޛުރެއް ނޫނެވެ!
ހޭލުންތެރިވާށެވެ! ފަރުޟު ފަސްނަމާދު އެނަމާދުގެ ވަގުތުގައި އަދާއަށް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް އޮތް އެންމެ ބޮޑު ވާޖިބެވެ. މީހާ އާއި ކާފިރުކަމާއި ދެމެދު އޮތީ ނަމާދު އަޅައިފުމެވެ. އިމާމް އަޙްމަދުގެ ބަސްފުޅެއްގައިވަނީ އެމީހާގެ ކަންނެތްކަމުން (ފަރުވާކުޑަވުމުގެ ސަބަބުން) ނަމާދު އަޅާމީހާއީ ކާފިރެއް ކަމަށެވެ.
maam Ahmad said that the one who does not pray because of laziness is a kaafir. This is the more correct view and is that indicated by the evidence of the Book of Allaah and the Sunnah of His Messenger, and by the words of the Salaf and the proper understanding.
(Al-Sharh al-Mumti’ ‘ala Zaad al-Mustanqi’, 2/26).
އިމާމް އަޙްމަދުގެ މިބަސްފުޅަށް ދަލީލު ނަންގަވާފައިއެވަނީ ތައުބާ ސޫރަތުގެ 11 ވަނަ އާޔަތުންނެވެ. "ފަހެ އެއުރެން ތައުބާވެ، ނަމާދު ޤާއިމުކޮށް ޒަކާތްދީފިނަމަ، އެއުރެންނަކީ ދީނުގައި ތިއަބައިމީހުންގެ އަޚުންނެވެ..." އޮތް ބަސްފުޅުންނެވެ.
އެހެންކަމާއިއެކުގައިވެސް ބައެއް މީހުން ގިނަ އަހަރުތަކެއް ވަންދެން ނަމާދު ނުކޮށް ތިބެފައި އަލުން ތައުބާވެ ހުރިހާ ނަމާދެއް ކޮށްގެން އުޅެން ބޭނުންވެއްޖެ ނަމަ، ފާއިތުވި ނަމާދުތަކާމެދު ހަދާނީ ކިހިނެއްތޯ ސުވާލުކުރެއެވެ.
މިފަދަ ސުވާލުތައްކުރާ މީހުން ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ މިލިޔުއްވުން ކިޔައިލާށެވެ! ހިތްވަރެއް ލިބިގެންދާނެއެވެ! އިން ޝާ ﷲ
ޝަރުޢީ ޢުޛުރަކާ ލައިގެން މެނުވީ އެއްވެސް ނަމާދެއް އެނަމާދުގެ ވަޤުތަށްވުރެ ފަސްކުރުމީ ހުއްދަކަމެއް ނޫނެވެ. މިއީ ބޮޑުވެގެންވާ ފާފައެކެވެ. މިދެންނެވި ޝަރުޢީ ޢުޛުރަކީ، ނިދުމާއި ހަނދާން ނެތުމެވެ. މިދެޙާލަތުން ކުރެ ޙާލަތެއްގައި ވަގުތަށްވުރެ ނަމާދެއް ފަސްކުރެވިއްޖެނަމަ، ހޭލެވުމުން ނުވަތަ ހަނދާންވުމުން ވަގުތުން އެނަމާދު ކުރަންވާނެއެވެ.
އެހެނެއްކަމަކު، ދެނަމާދު ޖަމާކުރަން ޤަސްތުކުރާ މީހަކުނަމަ، ޖަމަޢުކުރުމުގެ ނިޔަތުގައި އަނެއް ނަމާދުގެ ވަގުތަށް ކުރިއަށް އޮންނަ ނަމާދު ފަސްކުރެވިދާނެއެވެ. ސުވާލުގައި ވިދާޅުވެފައިވާ ފާއިތުވެ ގޮސްފައިވާ ނަމާދުތަކާމެދު ޢަމަލު ކުރަން ޖެހޭ ގޮތަކާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އެބަހުއްޓެވެ.
ހަތަރު މަޛްހަބުގެ އިމާމުން ވިދާޅުވާ ގޮތުގައި އެނަމާދުތައް ޤަޟާކުރަން ވާނެއެވެ. އަދި އެދުވަސްތަކުގެ ޢަދަދު ނޭނގޭ ކަމުގައި ވާނަމަ ޔަޤީން ވާ މިންވަރަށް ފުރިހަމަ ކުރަންވާނެއެވެ.
ނަމަވެސް މިމައްސަލަ އިތުރަށް ދިރާސާކުރައްވައި ތަޙުޤީޤު ކުރައްވާފައިވާ ބޮޑެތި ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި، މިގޮތަށް އެތައް ދުވަސްތަކެއް ވާންދެން ނުކޮށް ދޫކޮށްލެވިފައިވާ ނަމާދުތައް ޤަޟާކުރުމެއް ނޯވެއެވެ. އޭގެ ބަދަލުގައި އޭނާގެ މައްޗަށް އޮތީ، ތައުބާވެ ގިނަގިނައިން އިސްތިޣްފާރުކޮށް، ﷲ ގެ ޙަޟްރަތުގައި ފާފަ ފުއްސެވުމަށް އެދި ދަންނަވައި، ސުއްނަތް ނަމާދުތައް ކުރުން އިތުރުކުރުމާއެކު، ގިނަގުނަ ހެޔޮ ޢަމަލުތައް އިތުރު ކުރުމެވެ.
މިގޮތަށް ދެކެވަޑައިގަންނަވާ ޢިލްމުވެރިންގެ ތެރޭގައި ޝައިޚުލްއިސްލާމް އިބުނު ތައިމިޔާއާއި، އަލްއިމާމު އިބުނުލްޤައްޔިމާއި، ދާއޫދުއް ޡާހިރީއާއި، އަލްއިމާމު އިބްނު ޙަޒުމާއި، ފަޟީލަތުއްޝައިޚް ޑރ. ޔޫސުފު އަލްޤަރުޟާވީ ފަދަ ބޮޑެތި ޢިލްމުވެރިން ހިމެނި ވަޑައިގަންނަވައެވެ. މިމައްސަލައިގާ އިތުރަށް ދަންނަވަންޖެހޭ ނުކުތާއަކީ، ޤަޟާކުރަން ޖެހޭނޭ ކަމަށް ވިދާޅުވާ ޢިލްމުވެރިންވެސް އެއްބަސްވެ ވަޑައިގަންނަވާގޮތުގައި، އެނަމާދުތައް ޤަޟާކުރި ކަމުގައިވިއަސް ތައުބާ ނުވާހާ ހިނދަކު، ނަމާދު ވަގުތުން ފަސްކުރުމުގެ ފާފަ ފޮހެވިގެން ނުދާނެއެވެ.
އެހެންކަމުން މިމައްސަލައިގާ ބޮޑަށް ބުރަވެވެނީ، އެތައް ދުވަސްތަކެއްވާންދެން ދޫކޮށްލާފައިވާ ނަމާދުތައް ޤަޟާކުރުމަކީ އޮތްކަމެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި އޭނާގެ މައްޗަށްއޮތީ، ހިތްނިޔަތް ޚާލިސްކޮށްގެން ﷲގެ ޙަޟްރަތަށް ތައުބާވެ، ހެޔޮކަންތައް އިތުރުކޮށް، ގިނަގިނައިން އިސްތިޣްފާރު ކުރުމެވެ. ތައުބާވުމުން އިސްވެދިޔަތަން ފުއްސަވާނޭ ކަން އަންގަވަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
"التوبة تجب ما قبلها" މާނައީ"ތައުބާވުމުން އިސްވެދިޔަތަން ފުއްސަވާނެތެވެ". އިން ޝާ ﷲ