ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް އަމާޒުކޮށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދެވެ.
މި ބިލުގެ ދަށުން ފަނޑިޔާރުންގެ އަދަދު މަދުކުރުމާ ގުޅިގެން، ކޯޓުން ވަކިކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ. އަދި ވަކިކުރާނެ ފަނޑިޔާރުންގެ ނަންތައް، ޤާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަހުގެ ތެރޭގައި ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހޭނެއެވެ. އޭގެ ފަހުން 7 ދުވަހުގެ ތެރޭގައި ފަނޑިޔާރުން ވަކިކުރުމާމެދު މަޖިލީހުން ގޮތެއް ނިންމަންޖެހެއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މި މުއްދަތުތައް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ. އަދި ބިލުގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށް ކަންކަން ކުރުމަށްޓަކައި، ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ އިޖުރާއަތުތަކަށާއި މުއްދަތުތަކަށް އިސްތިސްނާ ގެނައުމުގެ ބާރު ޖޭއެސްސީއަށާއި މަޖިލީހަށް ލިބިގެންވެއެވެ.
މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި 7 ފަނޑިޔާރުންގެ ތެރޭގައި ހިމެނެނީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންއާއި، ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއް ސުޢޫދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.