ފަސް ޤައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ފަސް ޤައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ފާސްކޮށްފި

ފަސް ޤައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ނަންތައް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ. މި ނަންތައް ފާސްކުރީ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ފަސް ޤައުމަކީ ބްރޫނާއީ ދާރުއްސަލާމް، ގްރޭންޑް ޑަޗީ އޮފް ލަގްޒަމްބަރގް، ކިންގްޑަމް އޮފް ނެދަލެންޑްސް، ފްރާންސް އަދި އޮސްޓްރޭލިޔާއެވެ. މި ޤައުމުތަކަށް އައްޔަންކުރެއްވުމަށް ހުށަހެޅުއްވި ނަންތައް ދިރާސާކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.

ކޮމިޓީން ދިރާސާކުރެއްވުމަށްފަހު ނިންމަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ހުރިހާ ބޭފުޅުންނަކީވެސް ނޮން-ރެސިޑެންޓް ސަފީރުކަމަށް އެކަށީގެންވާ ބޭފުޅުންކަމަށެވެ. މިގޮތުން ބްރޫނާއީ ދާރުއްސަލާމަށް ޑޮކްޓަރ މަރިޔަމް ޝަބީނާ އަޙްމަދު، ގްރޭންޑް ޑަޗީ އޮފް ލަގްޒަމްބަރގްއާއި ކިންގްޑަމް އޮފް ނެދަލެންޑްސްއަށް ޤީލާ ޢަލީ، ފްރާންސްއަށް އިރުތިޝާމް އާދަމް އަދި އޮސްޓްރޭލިޔާއަށް މުޙައްމަދު ލުވޭޒު ވަނީ ހަމަޖައްސަވާފައެވެ.

މި އައްޔަންކުރެއްވުމާއެކު، މި ޤައުމުތަކާއެކު ދިވެހިރާއްޖެއިން އޮންނަ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މި ޤައުމުތަކާއެކު އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ލަފާކުރެވެއެވެ.

މިއަދު އޮންލައިން