މިނިވަން މުޢައްސަސާތަކުގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމަށް މިވަގުތު ނުފެންނަ ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައި، އެ ނިންމުން މިއަދު ބޭއްވުނު މަޖިލިސް ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި މަހުގެ 10 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައިވަނީ މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 12,000 ރުފިޔާއިން މަތިން ލިބޭ މަގާމުތަކުގެ މުސާރައިން 10 އިންސައްތަ އުނިކުރުމާމެދު ލަފައަކަށެވެ. މީގެއިތުރުން، ޝަރުޢީ ދާއިރާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަސާސީ މުސާރައިންވެސް 10 އިންސައްތަ އުނިކުރުމާ މެދު ލަފާ ހޯއްދެވުމަށް ވަނީ އެދިވަޑައިގެންފައެވެ.
މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގިނަ މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކުގެ މުސާރައިން 10 އިންސައްތަ އުނިކުރެވޭނީ ކަމާ ގުޅުންހުރި ޤާނޫނުތަކަށް ބަދަލު ގެނައުމަށްފަހުގައެވެ. އަދި އެއް ގިންތިއެއްގެ މަޤާމުތަކަށް މުސާރައާއި އިނާޔަތްތައް އެއް ހަމައެއްގައި ހިފެހެއްޓުމަކީ ކޮމިޓީގެ ޒިންމާއެއް ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ކޮމިޓީން ނިންމާފައިވަނީ، ކަމާ ގުޅުންހުރި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު، އަލުން މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށެވެ. މިއަދު ބޭއްވުނު މަޖިލިސް ޖަލްސާގައި މި ނިންމުން ފާސްކުރީ ވޯޓުގައި ބައިވެރިވި 44 މެންބަރުންގެ އިއްތިފާޤުންނެވެ.
މި މައްސަލަ ހުށަހެޅިފައިވަނީ ސަރުކާރުގެ އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކާއި ޝަރުޢީ ދާއިރާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ދެ އަހަރު ދުވަހުގެ މުއްދަތަށް ކުޑަކުރުމަށް ބޭނުންވާތީއެވެ.