ރައީސުލްޖުމްހޫރިއްޔާ މިއަދު ބަނޑިދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ނިލަންދެއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށުގައި ހިންގޭ މުހިންމު މަޝްރޫޢުތަކެއް އިފްތިތާޙް ކުރެއްވުމަށް ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ބަނޑިދޫގެ އައިސްޕްލާންޓުގެ ޢަމަލީ މަސައްކަތް ފެށްޓެވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައެވެ. އަދި މީގެއިތުރުން އެރަށުގެ އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ނިލަންދެއަތޮޅު ދެކުނުބުރީގެ ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މި ދަތުރުފުޅުގެ ތެރެއިން ބަނޑިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ އެރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މުހިންމު ފިޔަވަޅުތަކެއް އެޅިގެންދާނެ ދަތުރުފުޅެއް ކަމުގައި ބެލެވެއެވެ.