ބަނޑިދޫ ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ބަނޑިދޫ ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފި

ދ. ބަނޑިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ. މި ޚިދުމަތް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ނިލަންދެ އަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެ ފުރަތަމަ މުޢާމަލާތްވެސް ކުރައްވައި، އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި މި ޚިދުމަތް ފެއްޓެވުމަށް ބޭނުންކުރެއްވި ކާޑު ބަނޑިދޫ ކައުންސިލްގެ ރައީސް މުޙައްމަދު މޫސާއާ ވަނީ ހަވާލުކުރައްވާފައެވެ.

ސަރުކާރުގެ ސިޔާސަތެއްގެ ގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ވަނީ ނިންމަވާފައެވެ. މި ނިންމެވުމާ އެއްގޮތަށް ބަނޑިދޫގައި މިހާރު ވަނީ އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވިފައެވެ.

ސަރުކާރުން މިހާރު ދަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވަމުންނެވެ. މި މަޝްރޫޢުގެ ދަށުން ގިނަ ރަށްތަކެއްގައި މިހާރުވެސް ވަނީ އޭޓީއެމްގެ ޚިދުމަތް ފެށިފައެވެ.

މިއަދު އޮންލައިން