ކަރަންޓުގެ ޔަޤީންކަން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް: ވަޒީރު އަމީން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކަރަންޓުގެ ޔަޤީންކަން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް: ވަޒީރު އަމީން

މާލެ ސަރަހައްދުގައި ކަރަންޓުގެ ޔަޤީންކަން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ހުޅުމާލޭގައި އިތުރު ޖަނަރޭޓަރުތަކެއް އިންސްޓޯލްކުރުމުގެ މަސައްކަތް ބައްލަވައިލެއްވުމަށްފަހު ވަޒީރު މިހެން ވިދާޅުވިއެވެ. "ރަމަޟާން މަހަކީ އެހެން މަސްތަކާއި އަޅާ ބަލާއިރު ކަރަންޓުގެ ޑިމާންޑު ބޮޑުވާ މަހެއް، މިމަހަށް ސްޓެލްކޯއިން ކޮންމެ އަހަރަކުވެސް ގިނަ ތައްޔާރީތަކެއް ވޭ،" ވަޒީރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުންދާއިރު، ކަރަންޓަށް އޮންނަ ޑިމާންޑު ބޮޑުވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތްކުރެވިފައި ނުވާކަމަށާއި، ޑިމާންޑާއި އެއްވަރަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ސްޓެލްކޯއަށް ގޮންޖެހުންތައް ކުރިމަތިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން މި ނިންމެވި ނިންމެވުމާއި ރައީސް މިކަމަށް ދެއްވާ އިސްކަމާއި އެކު، ރަމަޟާން މަހަށް ކަރަންޓުގެ މައްސަލަ ހައްލުވެގެން ދާނެކަމަށް ސްޓެލްކޯއިން ޔަގީންކަން ދީފައިވާ ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ. އަދި މިގެންނަ ބަދަލުތަކާއެކު ސަރުކާރުގެ އަމާޒަކީ ކެޕޭސިޓީ އިތުރުކޮށް، މާލެ ސަރަހައްދުގައި ކަރަންޓުގެ ޔަޤީންކަން އިތުރުކުރުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން