މަސްވެރިންނާއި އިތުރު ފަންނުތަކުގެ ފަރާތްތަކަށް ރޯދަމަހުގެ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދ.މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މަސްވެރިންނަށް ރޯދަ އިނާޔަތް ލިބުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެކެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި މިހާރުވެސް ވަނީ މަސްވެރިންގެ ދަފްތަރެއް އެކުލަވާލާފައެވެ.
"އެ ދަފްތަރުގައި ޖެހިގެން ބޭންކިން ނިޒާމުން ލޯނު ނެގުމާއި އެސްޓީއޯގެ ކްރެޑިޓް ސްކީމުން އެހީތެރިކަން ލިބުން ފަދަ ކަންކަން ފަހިވެގެންދާނެ މިއަހަރު ތެރޭގައި،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި މަސްވެރިންގެ އިތުރުން އެހެނިހެން ފަންނުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ރޯދަ އިނާޔަތް ލިބެންޖެހެއެވެ. މި މަޤްޞަދު ހާސިލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
މިހާރު ސަރުކާރުގެ މުވައްޒަފުންނަށް ދެމުންގެންދާ ރޯދަމަހުގެ އިނާޔަތް އިތުރު ދާއިރާތަކަށް ފުޅާކުރުމުގެ މި މަސައްކަތަކީ، އެކި ފަންނުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ލުއިފަސޭހަކަން ގެނެސްދޭނެ ކަމެއްކަމަށް ބެލެވެއެވެ.