މީދޫގެ މަގުތައް ހެދުމާއި ބަނދަރު އަޕްގްރޭޑް ކޮށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 20ސ
މީދޫގެ މަގުތައް ހެދުމާއި ބަނދަރު އަޕްގްރޭޑް ކޮށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ދ. މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކުރައްވައިފިއެވެ.

މިމަސައްކަތް އާރްޑީސީއާ ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މީދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

މީދޫގެ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އާރްޑީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާރޑް އަލީ ޒުހައިރެވެ.

މީދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ އެންމެ މުހިންމު ޚިދުމަތްތައް ލިބޭ ސަރަޙައްދުތައް ބެލުމަށްފަހު މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށުގެ ސްކޫލާއި ސިއްޙީ މަރުކަޒާއި ކައުންސިލްފަދަ ތަންތަން ހުންނަ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މީދޫގެ ޖުމުލަ 14 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މީދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކުރައްވައިފިއެވެ.

މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އެމްޓީސީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްތަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.

މި މަޝްރޫޢުއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރު ހަވާލުވިއރުވެސް އެރަށު ބަނދަރުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ހަވާލުކޮށްފައިއޮތްކަމަށެވެ. އެހެންމަވެސް އޭރު ބަނދަރު ހެދުމަށް ހަވާލުކޮށްފައިވަނީ ރައްޔިތުން ބޭނުންވާގޮތަށް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިފަހަރު ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުން އެދޭގޮތަކަށެވެ.

މީދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމްކޮށް، ކުނި މެނޭޖްކުރުމުގެ މަސައްކަތް ދާއިމީ ގޮތެއްގައި ކުރިއަށްގެންދިއުމަށް ވަނީ ވެމްކޯއާ ހަވާލުކޮށްފިއެވެ.

މީދޫގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއާ ޙަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ.

 

 

މިއަދު އޮންލައިން