ހަނދުމަކޮށްދިނުމެއް!: ގަދަކަމުން ހޭލައިގެން ނަމަވެސް ރޭގަނޑުގެ ފަހު ދަންފަޅި އަޅުކަމަށް ޚާއްޞަކޮށް ﷲ އާ ކުއްތަންވާން މަސައްކަތްކުރަންޖެހޭ ސަބަބުތަކުގެ ތެރެއިން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ހަނދުމަކޮށްދިނުމެއް!: ގަދަކަމުން ހޭލައިގެން ނަމަވެސް ރޭގަނޑުގެ ފަހު ދަންފަޅި އަޅުކަމަށް ޚާއްޞަކޮށް ﷲ އާ ކުއްތަންވާން މަސައްކަތްކުރަންޖެހޭ ސަބަބުތަކުގެ ތެރެއިން-

ގިނަ ބައަކަށް އެކަމަކާއި ވަކިވާން އެންމެ އުނދަގޫވާނީ އެމީހަކަށް އެންމެ ބޮޑަށް އަރާމުލިބޭ ކަންކަމާއިއެވެ. އެއިގެ ތެރެއިން އެއްކަމަކީ ނިންޖެވެ. ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ވީމާ ރޭގަނޑުގެ އަރާމު ނިދިން ބައެއް ޤުރްބާންކުރަން ﷲ ތަޢާލާ އަންގަވާފައި އެވަނީ އެކަމުން ލިބެން އޮތް ފައިދާ މާބޮޑުވީމައެވެ.

މީސްތަކުން ދުނިޔޭގައި ލެއްވެވީ ﷲ ތަޢާލާއަށް އަޅުކަންކުރުމަށެވެ. އަބަދުވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަށެވެ. ޛިކުރުކުރުންމަތީގައި ތިބުމަށެވެ. ނަމަވެސް ދުވާލުގެ ގިނަ ވަގުތުތަކުގައި އެކަންކަން އޮންނަނީ ނުކުރެވިފައެވެ. އެއީ ދިރިއުޅުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނަވެފައި ބުރަކަމުންނެވެ.

މިކަންކަން މިފަދައިން މެދުވެރިވާނެކަން ﷲ ތައާލާ ދެނެވޮޑިގެންވެއެވެ. ރޭގަނޑުގެ ފަހު ދަންފަޅި އެންމެ މާތް ކުރައްވަވައި ދަމުނަމާދުކުކޮށް ޤުރްއާން ކިޔަވައި ޛިކުރުކޮށް ދުޢާ ކުރަން ޚާއްޞަ ވަގުތެއްކަމަށް ލައްވަވާފައި އެވަނީ އެސަބަބަށްޓަކައެވެ. އެވަގތަކީ ދިރިއުޅެން އެއްވެސް މަސައްކަތެއް ކުރަންޖެހޭނެ ވަގުތަކަށް ނުވާނެތީއެވެ. ސިކުނޑިން ދުނިޔަވީ ކަންކަން ހުސްކޮށްލައި ﷲ ތަޢާލާއަށް ޚާއްޞަކުރެވޭނެ ވަގުތަކަށްވާތީއެވެ.

މީސްތަކުންނޭވެ! އެނގިގެން މިދަނީ ﷲ ތަޢާލާ މީސްތަކުން ދެކެ ލޯބިވެވޮޑިގަންނަވާ މިންވަރެވެ! ﷲ ތަޢާލާ ޢާއި ކުތަންވެ ސުވަރުގެ ލިބުމަށް މަސައްކަތްކުރަން އެދިވޮޑިގަންނަވާ މިންވަރެވެ! ވީމާ މިހައި ތަނަވަސް ފުރުޞަތުތައް މިންވަރުކުރައްވަވައި ދެއްވަވާފައި އޮތުމުންވެސް ފުރުޞަތުގެ ބޭނުން ނުހިފައި ކަންނެތްވ ނިދަން ތިބެފައި ދުނިޔެއާއި އާޚިރަތް ބާއްޖަވެރިވުމަށް އެދެން ލަދުވެތިވާން ނުޖެހޭ ހެއްޔެވެ؟

މީސްތަކުންނޭވެ! ﷲ ތަޢާލާ ދެއްވަވާފައިވާ މިފަދަ އަގުބޮޑު ފުރުޞަތުތައް ނަގައިނުލާށެވެ! ކަންނެތްވެ އެފަދަ ވަގުތުތަކުގައި ނިދަން ނުތިބޭށެވެ! ރޭއަޅުކަމުގައި ވަގުތު ހޭދަކުރާށެވެ! ވާން އޮތްވަރަކަށް އެކަމުގައި ހޭދަކުރާ ވަގުތުތައް ގިނަކުރާށެވެ! ތިބާއަށް ދެދުނިޔޭގައިވެސް ކާމިޔާބީ މިންވަރުކުރައްވަވަި ދެއްވަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން