ނުލާހިކު ލޯބިން ގެންގުޅެ ބޮޑުކުރާ އަންހެން ދަރިންނަކީ ޅަޢުމުރުގައި އެންމެ ބޮޑު ފާފަކުރެވޭ ދަރިންނަށްވުމުގެ ފުރުޞަތު ދޭން ހެޔޮ ނުވާނެ! ޢަމަލުތަކަށް ފާރަވެރިވެބަލަ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
ނުލާހިކު ލޯބިން ގެންގުޅެ ބޮޑުކުރާ އަންހެން ދަރިންނަކީ ޅަޢުމުރުގައި އެންމެ ބޮޑު ފާފަކުރެވޭ ދަރިންނަށްވުމުގެ ފުރުޞަތު ދޭން ހެޔޮ ނުވާނެ! ޢަމަލުތަކަށް ފާރަވެރިވެބަލަ!: ބިލާލް އައްސަދު

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަންހެން ދަރިން ކިތަންމެ ބޮޑުވިނމަވެސް ކައިވެނިނުކުރާހައި ހިނދަކު ބެލެނިވެރިކަން އޮންނާއީ މައިންބަފައިންނަށެވެ. ވީމާ އެކުދިން އުޅޭ ގޮތާއި ކުރާ ކަންކަމަށް ސަމާލުވެ ފާރަވެރިވާން ޖެހޭނެއެވެ. އެއީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. 

ލޯބިވެގެން ކަމަށް ބުނެ ދެމީހުން ގުޅިގެން އުޅޭ ބައެއް ޒުވާނުން އެބަ ބުނެއެވެ. "މިހާރު އަހަރެމެން ޙަރާމް ކަންކަން ކުރާނީއެވެ. ފަހުން ތައުބާވާނީއެވެ." މިބުނެވެނީ ކީކޭ ހެއްޔެވެ؟ 

ޔޫސުފްގެފާނުގެ އަޚުން ބުންޏެވެ. "އަހަރެމެން ޔޫސުފްގެފާނު އަވަހާރަކޮށްލާނީއެވެ. ފަހުން ތައުބާވާނީއެވެ." އެހަނަސް އެމީހުންނަށް ޔޫސުފްގެފާނު އަވަހާރަކޮށްނުލެވުނީއެވެ. އެމީހުންނަށް ޔޫސުފްގެފާނު އަވަހާރަކޮށްލެވުމަށް ﷲ ތަޢާލާ އިރާދަ ނުކުރެއްވެވީއެވެ. އިރާދަކުރެއްވެވިނަމަ އެމީހުންގެ ޙާލަކީ ކޮބައިހެއްޔެވެ؟ 

މީސްތަކުންނޭވެ! ނިކަން ވިސްނައިލަބަލާށެވެ! އޮސްޓްރޭލިއާގެ މިއަދު ޙާލަތަށް ބަލައިފިނަމަ އަހަރަކު ރަސްމީ ހިސާބުތައް ދައްކާ ގޮތުން 84،000 އަށްވުރެ ގިނަ އެބޯޝަން ހަދައެވެ. އެއީ ޢުމުރުން 15 އަހަރާއި 44 އަހަރާއި ދެމެދުގެ އަންހެނުންނެވެ. ޢުމުރުން 13 އަހަރުން 19 އަހަރާއި ދެމެދަށް ބަލައިފިނަމަ 10،000 އަށްވުރެ ގިނަކުދިން އެބޯޝަން ހަދައެވެ. 

މިއީ އަހަރެން ބުނާ ޢަދަދުތަކެއް ނޫނެވެ. އޭބީސީގެ ރިޕޯޓުގައި ބުނެފައިވާ ޢަދަދުތަކެވެ. ދެން މުޅި ދުނިޔެއަށް ބަލައިފިނަމަ އަހަރަކު 56 މިލިއަނަށްވުރެ ގިން އަންހެނުން އެބޯޝަން ހަދާކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ. ޙަޤީޤީ ޢަދަދު ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. 

އެބޯޝަނަކީ ކޮބައިހެއްޔެވެ؟ މިދައްކަނީ ދަރިފުޅު ބަނޑުގައި އޮއްވައި މަރާލައި ނައްތައިލާވާހަކައެވެ. ތަންކޮޅެއް ބޮޑުވެފައިވާނަމަ ދިރިއޮއްވައި ގުވަަންތައް ކުށައި ކުދިކުދިކޮށްގެން ބޭރަށް ނެރެ އުކައިލާ ވާހަކައެވެ. 

ﷲ ތައާލާގެ ވަހީބަސްފުޅުގައި ވަނީ ފަޤީރުވެދާނެކަމުގެ ބިރަށް ކުޑަކުދިން ނުމެރުމަށެވެ. އެދަރިންނަށާއި ތިއަބައިމީހުންނަށް ރިޒުޤު ދެއްވަވަނީ ތިމަން ﷲ ކަމަށެވެ. 

މިއަދު ޑޮކްޓަރުން ގޮވާލަމުން އެގެންދަނީ ޕްރައިމަރީ ތަޢުލީމުގައި "ސެކްސް އެޑިޔުކޭޝަން" ހިމަނައި ގްރޭޑް 3 ން މައްޗަށް ކިޔަވައިދިނުމަށެވެ. ދެން އެގޮވައިލަނީ ކުޑަކުދިން ކަމަށް ބުނާ ޢުމުރުގެ ކުދިންނަށް ދަރިން ނުލިބޭނެ ގޮތް ހެދުން މުޅި ޤައުމުގައި ފަސޭހަކޮށްދިނުމަށެވެ. 

އިސްލާމް ދީނުގައި "ޓިން އޭޖް" ކިޔާ ޢުމުރެއް ނެތެވެ. އޮތީ އަންހެނުންނާއި ކުޑަކުދިންނެވެ. ކުޑަކުދިންކަމުގައިވާނީ ބާލިޣް ވަންދެންނެވެ. ބާލިޣްވުމުން އެއީ އަންހެނެކެވެ. އެކަމަކު ޓީނެއްޖެއް ކަނޑައަޅައި އެކުދިންނަށް ލޯބިވެގެން އުޅުމަށާއި ޖިންސީ ގުޅުން ހިންގަން ފުރުޞަތު އެބަދެވެއެވެ. ބަލިވެ އިނދެއްޖެނަމަ ކުށްވެރިކުރެއެވެ. 

ޓީންއޭޖުގެ ކުދިންނަށް ހޮސްޕިޓަލްތަކަށް ގޮސް އެބަ ދަރިން ވައްޓައިލެވެއެވެ. ދަރިން މަރައިހެދެއެވެ. އެކަންކުރުމުން މީހުން މަރާ މީހެއް ކަމަށް ބުނުމުން އެހެން ބުނާ މީހާ އެބަ ކުށްވެރިކުރެއެވެ. 

ހިތާމައަކީ މުސްލިމުންގެ ތެރެއިން ބައަކުވެސް މިކަންކަން އެމީހުން އެބުނާ މިންގަނޑު ބިނައި އެގޮތަށް އުޅެން ދަރިން ދޫކޮށްލެވޭ ކަމެވެ. ޒިނޭ އާއި ކައިރިވެސް ނުވުމަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާއިއރުވެސްމެއެވެ. 

ބިރުވެރިކަން ކިތަންމެހައިވެސް ބޮޑެވެ! މިކަންކަމަށް މައިންބަފައިން ހޭލުންތެރި ނުވެއްޖެނަމަ ލޯބިން ބަލައިބޮޑުކުރާ އަންހެންދަރިން ތިއަހެދެނީ މީހުން މަރާ ޤާތިލުންނަށެވެ! ޤިޔާމަތް ދުވަހު ބެލެނިވެރިންނަށް ސަލާމަތްވެވޭނީ ކިހިނަކުން ހެއްޔެވެ؟ 

(މިއީ މީގެ 3 އަހަރުކުރިން ބިލާލް އައްސަދު އޮސްޓްރޭލިޔާގައި ދައްކަވާފައިވާ ވާހަކަފުޅެއްގެ ކުރު ޚުލާޞާ އެކެވެ. ވިސްނާލަންވީ ރާއްޖޭގައި ކަންކަން އޮތް ޙާލަތަށެވެ. މަސައްކަތްކުރަންވީ އިންސާނުން މަގުފުރައްދަމުން އަންނަ ބައިނަލްއަޤްވާމީ އާއި އދ ގެ ކެހިވެރިމަޅީގައި ނުޖެހުމަށެވެ. ޤިޔާމަތް ދުވަހަށް ބިރުވެތިވަމާތޯއެވެ! އެދުވަހަކު ﷲ ތަޢާލާ ކަންކަން ނިންމަވާނީ ބައިނަލްއަޤްވާމީ އާއި އދގެ މިންގަނޑަކުން ނޫނެވެ. އެކަލާނގެ ބާވައިލެއްވެވި ޙުކުމްފުޅުތަކާއި އެއްގޮތަށެވެ.)

 

 

 

މިއަދު އޮންލައިން