ނަމާދުގެ ފަހު އައްތަޙިއްޔާތުގައި އިބްރާހީމްގެފާނުގެ ވާހަކަ އެއޮތީ ކީއްވެގެން ހެއްޔެވެ؟ އިބްރާހީމްގެފާނު އެހައި ޚާއްޞަވީ ކީއްވެގެން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ނަމާދުގެ ފަހު އައްތަޙިއްޔާތުގައި އިބްރާހީމްގެފާނުގެ ވާހަކަ އެއޮތީ ކީއްވެގެން ހެއްޔެވެ؟ އިބްރާހީމްގެފާނު އެހައި ޚާއްޞަވީ ކީއްވެގެން ހެއްޔެވެ؟

ބައެއް މީހުން ސުވާލުކުރެއެވެ. ނަމާދުގެ ފަހު އައްތަޙިއްޔާތުގައި އިބްރާހީމްގެފާނުގެ ވާހަކަ އެއޮތީ ކީއްވެގެން ހެއްޔެވެ؟ އެހެން ރަސޫލްބޭކަލެއްގެ ވާހަކަ ނެތީ ކީއްވެގެން ހެއްޔެވެ؟ އިބްރާހީމްގެފާނު އެހައި ޚާއްޞަވީ ކީއްވެގެން ހެއްޔެވެ؟  

މިސުވާލަށް ޖަވާބުދޭން އެހައި ފަސޭހައެއް ނޫނެވެ. ނަމަވެސް ބުނެލާނަމެވެ. އިބްރާހީމްގެފާނު ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރެއްވެވި މިންވަރު އެއީ އާދައިގެ ވާހަކައެއް ނޫނެވެ.  

ޢުމުރުފުޅުން އެހައި ގިނަދުވަސް (80 އަހަރުން މަތި) ވެފައިވަނިކޮށް ދެއްވެވި ދަރިކަލުން ބޮޑުފުޅުވިހިނދު ޤުރްބާން ކުރައްވަވަން ﷲ ތަޢާލާ އެންގެވުމުން އެކަމަށް ފަސްޖެހިވަޑައެއް ނުގަންނަވައެވެ. މަސައްކަތްޕުޅުކުރެއްވެވީ އެންގެވި ގޮތަށް ޢަމަލުފުޅު ކުރެއްވެވުމަށެވެ. އަދި ދަރިކަލުން އިސްމާޢީލްގެފާނު ދެއްކެވީ ކޮންފަދަ ހިތްވަރުފުޅު ގަދަކަމުގެ ނަމޫނާއެއް ހެއްޔެވެ؟ ވިދާޅުވީ ﷲ ތަޢާލާ އެންގެވިމަގުން ޢަމަލުފުޅު ކުރެއްވެވުމަށެވެ. ކެތްތެރިވެވަޑައިގަންނަވާނެ ކަމަށެވެ.  

އަލިފާން ގަނޑަށް އެއްލައިލަން އުޅުނު ވަޤުތު ބޭނުންފުޅުވާ ކަމަކާއިމެދު ޖިބްރީލްގެފާނު ސުވާލުކުރެއްވެވުމުން ދެއްވެވި ޖަވާބެވެ. އެއްވެސް ކާއެއްޗެއް ނެތްތަނުގައި ބޯފެންފޮދެއްވެސް ނެތްތަނަކަށް ދަރިކަލުންނާއި އަނބިކަނބަލުން ﷲ ތަޢަލާގެ އަމުރުފުޅަށް ދޫކޮށްލެއްވެވުމެވެ.  

މިހިރަމިހިރަ ކޮންމެ ކަމަކީ ކިހައި ބޮޑެތި ކަންކަން ހެއްޔެވެ؟ އެއްވެސް ޝަކުވާއެއް ނެތި ކާކަށް ކުރެވޭނެ ކަންކަން ހެއްޔެވެ؟ ކުރިންވެސް ބުނީމެވެ. ސުވާލުގެ ޖަވާބު ދިނުމަކީ ބޮޑުކަމެކެވެ. އެއީ ޔަޤީންކަމާއިއެކު ދޭނެ ސާފުޖަވާބެއް އަހުރެންނަށް ޔަޤީންނުވާތީއެވެ. ނަމަވެސް މިހިރަމިހިރަ ކަންކަމަކީ ވިސްނައިލުން މުހިންމު ކަންކަމެވެ.  

ހަމައެއާއިއެކު ވިސްނާލަން އޮތްކަމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގައި ކުރިއަރައި ހިނގައްޖެނަމަ އެމީހެއްގެ ދަރަޖަ ﷲ ތަޢާލާ މަތިވެރިކުރައްވަވާނެ މިންވަރެވެ. އެއީ ހަމަ އަހުރެމެން ކޮންމެ މީހަކަށްވެސް އޮތް ފުރުޞަތެކެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

 

 

މިއަދު އޮންލައިން