ބައެއް މީހުން އެމީހުންނަށް ކަންކަން ކުރިމަތިވުމުން އެކަމުގެ ރުޅި ބައިވެރިޔާއަށް ބާލައެވެ. އަދި ތިމާއަށް ކުށެއް ކުރެވުމުން ދެރަވުމުގެ ބަދަލުގައި ބައިވެރިޔާދެކެ ރުޅި އަންނަ މީހުންވެސް އުޅެއެވެ. އެމީހުން ބުނާނީ އެކުށްކުރެވުނީ ބައިވެރިޔާގެ ސަބަބުން ކަމަށެވެ.
އަހުރެން މިވާހަކަ މިބުނަނީ ދެމަފިރިންކުރެ ވަކިމީހަކަށް ނޫނެވެ. އަނބިމީހާއަށާއި ފިރިމީހާއަށެވެ. ކޮންމެ މީހަކަސްވީނަމަވެސް މިބުނި މައްސަލަ ކުރިމަތިވާނަމަ އަނެކާދެކެ ތިމާ ލޯބިވާ މިންވަރު ބަލަން މަސައްކަތްނުކުރާށެވެ! މުޅި ދުނިޔެހައި ބޮޑަށް ލޯބިވީނަމަވެސް އެކަމަކުން ކުރާނެ ފައިދާއެއް ނެތެވެ. ހަމަ އާއި އިންޞާފް ޤަބޫލުކުރާ މީހަކު އަދި އިޞްލާޙްވާން ބޭނުންވާ މީހަކު މިބުނި މަގަކުން ކަންކަމެއް ނުކުރާނެއެވެ.
ޙައްލަކީ ހަމަ ދެމީހުން ވަކިވުމެވެ. ސަބަބަކީ ޢާންމު ގޮތެއްގައި އޭނާ އިޞްލާޙްނުވާނެ ކަމެވެ. އިޞްލާޙްވާ މަދުމީހަކުވެސް އިބްލާޙްވަނީ އެގޮތަށް ކަންތައް ކުރުމުން ބައިވެރިޔާ ވަކިވުން ފަދަ ކަމަކުން ބޮޑު ގެއްލުމެއް ލިބިއްޖެނަމައެވެ.
މިތަނުގައި އަހުރެން ބުނާނީ ހަމައެކަނި އިސްލާމްދީނުގެ ވާހަކައެއް ނޫނެވެ. ހަމަ އާއި އިންޞާފަށް ލޯބިނުކުރުމަށް އޮތް އެއްވެސް ދީނެއް ނެތެވެ. ތިމާގެ ކުށް ޤަބޫލުނުކުރެވުމަކީ އިންޞާފުން ބޭރުވުމުގައި ހައްދުފަހަނައަޅައި ދިއުމެވެ.
މިބުނި މަގުން ޢަމަލުކުރެވޭ މީހުންނަށް ބުނެލަން އޮތީ ތިއަގޮތް ދޫކޮށްލާށެވެ! އިންޞާފަށް ލޯބިކުރާށެވެ! ތިމާއަށް އިންޞާފުލިބޭނީ ތިމާވެސް އިންޞާފުވެރިވެގެންނެވެ. އެކަން ޤަބޫނުކުރާ މީހަކަށް އިންޞާފެއް ނުލިބޭނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅުން