"ތިމަންނާގެ މައްޗަށް އޭނާ ގަދަވެގަތް ފަދައިން އިނބަ ﷲ އޭނާގެ މައްޗަށް ގަދަވެވޮޑިގެން ދެއްވެވުން" އެދި ދުޢާކުރީމާ އެމީހާއަށް ޖެހުނު ޙާލު- ޢިބްރަތް ޙާޞިލުކުރުން ބުއްދިވެރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
"ތިމަންނާގެ މައްޗަށް އޭނާ ގަދަވެގަތް ފަދައިން އިނބަ ﷲ އޭނާގެ މައްޗަށް ގަދަވެވޮޑިގެން ދެއްވެވުން" އެދި ދުޢާކުރީމާ އެމީހާއަށް ޖެހުނު ޙާލު- ޢިބްރަތް ޙާޞިލުކުރުން ބުއްދިވެރި!

ތިމާ ކަމަކަށް ބޭނުންވެއްޖެނަމަ އެހެން މީހުންގެ މައްޗަށް ގަދަވެގަނެގެންވެސް ބޭނުންވާ ކަންތައް ޙާޞިލުކުރުން މިވަނީ ޢާންމުވެފައެވެ. ގައިބާރު ދެރަނަމަ ނުވަތަ ނިކަމެތިނަމަ އެމީހަކަށް ރަޙުމްކުރުން މިދަނީ ނެތެމުންނެވެ. އަނިޔާ ލިބޭ މީހުންގެ ބަދުދުޢާއަށް ބިރުގަންނަ މީހުން އަންނަނީ މަދުވަމުންނެވެ. ވީމާ ތިރީގައިވާ ޙާދިސާއަށް ވިސްނައިލުން ވަރަށް ބުއްދިވެރިއެވެ.

އެއީ މަގުމަތީގައި ހިނގަމުންދިއަ މީހެކެވެ. އޭނާ ގޮވަމުން ދިއައީ އޭނާ ފެނުނު އެއްވެސް މީހަކު އެއްވެސް މީހަކަށް އަނިޔާވެރި ނުވުމަށެވެ. އެހެންވެ އޭނާގެ ވާހަކައިން ސުވާލުކުރުމުން ކިޔައިދިނެވެ. 

އޭނާއަކީ މަގުފޭރި މީސްތަކުންގެ މައްޗަށް ގަދަވެ ގަނެ އެމީހުންގެ ތަކެތި ފޭރިއުޅުނު ޖައްބާރެކެވެ. އެއްދުވަހަކު ބޮޑުމަހެއް ހިފައިގަނެގެން މަސްވެރިއަކުދާތަން ފެނުމުން އޭނާގެ މައްޗަށް ގަދަވެ ގަނެ އެމަސް ފޭރިގަތެވެ. އެކަން ނުކުރަން އެދި މަސްވެރިޔާ އާދޭސްކުރަމުން ދަނިކޮށެވެ. "ތިއަމަސް ގެންގޮސްފިނަމަ އަބިދަރިންނަށް ކާންދޭން ގެންދާނެ އެއްވެސް އެއްޗެއް ނެތް" ކަމަށް ބުނަމުން ދަނިކޮށެވެ. 

މަސް ފޭރިގަނެގެން ދަނިކޮށް އެމަސް އޭނާގެ އަތުގެ އިނގިއްޔެއްގައި ދަތް އެޅިއެވެ. އަޅަން ފެށި ވޭންތަކަށް ކެތް ނުކުރެވިގެން ޑޮކްޓަރުންގެ ގާތަށް ދިއުމުން ބުނީ ޖެހޭނީ އިނގިލި ބުރިކޮށްލަން ކަމަށެވެ. އެހެންވެ އިނގިލި ބުރިކޮށްލީއެވެ. ދެން ދުވަސްކޮޅެއްފަހުން އަތތިލައިގައި ރިއްސަން ފެށީއެވެ. އެފަހަރު ޖެހުނީ އަތްތިލަ ބުރިކޮށްލާށެވެ. ރިއްސާތީ ދެން ޖެހުނީ އަތް އުޅަނބޮށިން ތިރި ބުރިކޮށްލާށެވެ. ދެން ޖެހުނީ ކޮނޑުހުޅުން ތިރި ބުރިކޮށްލާށެވެ. 

އޭނާގެ ވާހަކަ އަޑުއެހުމަށްފަހު އެމީހުން ދިން ނަޞޭޙަތަކީ ކޮންމެ ގޮތަކުން ނަމަވެސް އޭނާ އަނިޔާކުރި މީހާ ހޯދައި އޭނާގެ ކިބައިން މަޢާފަށް އެދުމަށެވެ. ޙައްލަކީ އެއީ ކަމަށެވެ. އެހިސާބުން އޭނާ އެމީހާ ފެނޭތޯ މަގުތަކާއި ބާޒާރުތަކުގައި ހިނގާތާ އެތައް ދުވަހެއްފަހުން އެމީހާ ފެނިގެން އޭނާއަށް ކުރެވުނު ކުށް ބަޔާންކޮށް ހަނދާންކޮށްދީފައި މާފަށް އެދުމުން އެމީހާ މާފުކުރިއެވެ.

މާފުކުރުމުން އެދުވަހު އޭނާގެ މައްޗަށް އެއްވެސް ބަދުދުޢާއެއް ކުރިންތޯ ސުވާލުކުރުމުން އޭނާ ބުނީ "ތިމަންނާގެ މައްޗަށް އޭނާ ގަދަވެގަތް ފަދައިން އިނބަ ﷲ އޭނާގެ މައްޗަށް ގަދަވެވޮޑިގެން ދެއްވެވުން" އެދިގެން ދުޢާކުރިން ކަމަށެވެ.

މީސްތަކުންނޭވެ! މާތް ﷲ މީސްތަކުންނަށް އާރާއި ބާރު ދެއްވެވުމުން މީސްތަކުންގެ ގައަށް އަރައިގަނެ ނުވަތަ އެނޫންވެސް ގޮތަކުން މީސްތަކުންގެ މައްޗަށް ގަދަބަދަވިކަން ދައްކައި މީސްތަކުންގެ ޙައްޤުތަކަށް އަރައިނުގަންނާށެވެ. އަނިޔާލިބޭ މީހާގެ ދުޢާއަށް އެއްވެސް ހުރަހެއް ނެތެވެ. އެކަމުގެ މުޞީބާތްތައް އެމީހަކަށް ފޯރާނީ ކޮން ވަޤުތަކު ކޮން ގޮތަކަށް ކަމެއް ނުއެނގޭނެއެވެ. ކުރަންޖެހޭނެ ހިތާމައެއްވެސް ނުއެނގޭނެއެވެ.

- ޝައިޚް އިބްރާހީމް ރާފިޢުގެ ދަރުސަކުން 

 

 

 

 

މިއަދު އޮންލައިން