ފުއްޕާމޭ ސާފުކުރުމަށާ ފުއްޕާމޭގެ ދުޅަހެޔޮކަމަށް އެންމެ ފައިދާހުރި ފަރުވާ! ހިލޭ ހޯދެން އޮތް ފަރުވާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ފުއްޕާމޭ ސާފުކުރުމަށާ ފުއްޕާމޭގެ ދުޅަހެޔޮކަމަށް އެންމެ ފައިދާހުރި ފަރުވާ! ހިލޭ ހޯދެން އޮތް ފަރުވާއެއް!

އިންސާނުންނަށް ފައިދާހުރި ކަންކަން ދެނެގަތުމަށް ކުރެވެނުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބާރަށް ކުރިއަރަމުން އަންނަނީ ބޭސްވެރިކަމެވެ. އެހެންކަމާއިއެކުވެސް އަދިވެސް ބޭސްނުހޯދޭ ބަލިތައްވެސް އެބަހުއްޓެވެ. އެބަލިތަކަށް ބޭސްހޯދުމުގެ ކުޅަދާނަކަން އަދި ނުދެއްވަވަނީއެވެ. 

ފުރިހަަމަ ޞިއްހަތަކަށް އެންމެ ބޮޑަށް ބޭނުންވާ ކަންކަމުގެ ތެރޭގައި ފުއްޕާމޭގެ ދުޅަހެޔޮކަން ހިމެނެއެވެ. ފުއްޕާމޭގެ ބަލިތަކާއި އެނޫންވެސް ބަލިތަކާއި ގުޅިގެން ސާފުވައި ހަށިގަނޑަށް އެތެރެކުރުމަށް "އިންހޭލްކުރަން" ޑޮކްޓަރުން ބުނެއެވެ. އަދި ޑޮކްޓަރުން ނުބުނި ނަމަވެސް އެއީ ގިނަބައަކު އަމިއްލައަށްވެސް ކުރާ ކަމެކެވެ. ކުރުމުން ފައިދާކުރާކަން އަމިއްލައަށްވެސް ވިސްނޭތީއެވެ. ލުއިލިބޭތީއެވެ. 

އެހެންވެ ގޮނޑުދޮށަށް ގޮސް ގިނަ ބައަކު ސާފުވައި ލިބިގަނެއެވެ. އެކަމުން ކުރާ ފައިދާވެސް ބޮޑެވެ. އެއީ އެސަރަޙައްދުގެ ވައިގައި ލޮނުގެ އަސަރު ހުރުމުން ފުއްޕާމޭ އިތުރަށް ސާފުކޮށްދޭތީއެވެ. ބައެއް ޑޮކްޓަރުން ލަފާ ދެއްވާ ގޮތުގައި މިކަމަށް އޮތް އެންމެ ރަނގަޅުވަޤުތަކީވެސް އިރުއަރައިގެން އަންނަ ވަޤުތެވެ. ސަބަބަކީ ދުވާލަށްފެށި ކާރުޚާނާތައް ހިންގަން ފެށުމުން ޖައްވުގެ ވައި ތަޣއްޔަރުވާ ކަމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދައިން ސާފުވައި ލިބިގަންނައިރުވެސް ހަނދާންކުރަންވީ ލިބި މިގަންނަނީ ﷲ ތަޢާލާ ދެއްވަވާ މަތިވެރި ނިޢްމަތެއް ކަމެވެ. ފުރަތަމަ ކަމަކަށް ސާފުވައި ލައްވަވައި އެއިގައި ބަރަކާތް ލެއްވެވީ ﷲ ތަޢާލާއެވެ. ދެވަނަ ކަމަކަށް ގޮނޑުދޮށުން ލިބޭވައިގައި ލޮނުގެ އަސަރު ލައްވަވައި އެއިން އިތުރަށް ޝިފާ ލިބުން ލައްވަވައި ދެއްވެވީވެސް ހަމަ ﷲ ތަޢާލާއެވެ.

ވީމާ އެހެން ނިޢްމަތްތަކަށް ވެސް ޝުކުރުވެރިވާ ފަދައިން ސާފުވައިން އަރާމާއި ޝިފާ ހޯދަން މަސައްކަތްކުރާއިރު އެއީވެސް ﷲ ތަޢާލާ ދެއްވެވި ނިޢްމަތެއްކަން ހަނދާނުގައި ބަހައްޓަންވާނެއެވެ. ހަނދާނުގައި ބެހެއްޓުމަކީ ނިޢްމަތްތައް މިންވަރުކުރައްވަވާ ﷲ ތަޢާލާއަށް ޝުކުރުވެރިވެރިވުމެވެ. 

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ ޝުކުރުވެރިވާ އަޅުންނަށް ނިޢްމަތްތައް އިތުރުކުރައްވަވާނެ ކަމަށެވެ. ވީމާ ޝުކުރުވެރިވާ އަޅުންނަށް ޝިފާ ދެއްވެވުމުގައި ރަޙްމަތް އިތުރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން